16 Jun 2012, 14:56
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީގައި ރޭ ޔުކްރޭން އަތުން 2-0 ލަނޑުން މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލާ ގާތަށް ފަރަންސޭސިވިލާތް ޖެހިލައިފި އެވެ.
ރޭގެ މެޗް ފެށިތަނާ ކަހަލަ ގޮތަށް ބޯކޮށް ވާރޭވެހި ވިދަން ފެށުމުން ސްޕޯޓަރުން ވެސް ދަނޑުން ނެރެ މެޗު ގަޑިއެއްހާ އިރަށް ހުއްޓާލަން ޖެހުނެވެ.
ޔުކުރޭންކޮޅަށް ފްރާންސްއިން ޖެހި ފުރަތަމަ ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 53 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު ޖެރެމީ މެނޭޒާއެވެ. އެގޭ ތިން މިނެޓް ފަހުން ފްރާންސްގެ ލީޑް ފުޅާކޮށްދިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޔޯހަން ކަބާއީ އެވެ.
މެޗަށް ފަހު ފްރާންސްގެ ކޯޗް ލޯރެން ބްލޯންކް ބުނީ، ފުރަތަމަ ހާފަށް ވުރެ ދެ ވަނަ ހާފުގައި އޭނާގެ ޓީމުން ދެއްކި ކުޅުމާއި މެޗުގައި ނެރުނު ނަތީޖާއާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ފްރާންސްއިން މިހާތަނަށް މުބާރާތުގައި ދެއްކި އެންމެ ހިތްގައިމު ކުޅުން ވެސް ރޭގެ މެޗުގައި ފެނުނު ކަމަށާއި ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހުގެ ރޭ ސްވިޑަންއާ ދެކޮޅަށް ވެސް ނުކުންނާނީ މެޗުން މޮޅުވެ ގްރޫޕްގެ އެއް ވަނަ ދިފާއުކުރުމުގެ ހިތްވަރާއެކު ކަމަށް ބްލޮންކް ބުނެފައި ވެއެވެ.
\"ދެން އޮތީ ވެސް ވަރުގަދަ މެޗެއް. އެމެޗަށް ނުކުންނާނީ މޮޅުވާން. އަހަރުމެން މިތިބީ ހިތްހަމަޖެހިގެން. އެކަމަކު އަދި ބޭނުން ވަނީ ކުރިއަށް އޮތް މެޗުގައި މޮޅުވާން،\" ލޯރެން ބުންޏެވެ.