09 Jun 2024, 12:06
އައްޑޫ ސިޓީ ހިތަދޫ އުސްގަނޑު ސަރަހައްދުގައި ބާވެފައި ހުރި ކާރުތަކެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ، ހިތަދޫ އުސްގަނޑު ސަރަހައްދުގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 7:40 އެހާކަންހާއިރު ކަމަށެވެ. ހާދިސާގެ ރިޕޯޓު ލިބުމާ އެކު ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވައިލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވީ އެ ސަރަހައްދުގައި އޮތް ބާވެފައިވާ ތިން ކާރުގައި ކަމަށެވެ. މި އަލިފާންގަނޑު ނިއްވާލެވުނީ 8:00 ހާއިރެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހަފުތާގައި މާލޭގައި ރައްޔިތުންގެ މަޖިލީސް ކުރިމަތީ ހުންނަ ޕާކިން ޒޯނުގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައެއް ވެސް ފެންމަތިވިއެވެ. އެ ހާދިސާއާ ގުޅިގެން ދިވެއްސަކު ހައްޔަރުކޮށް 30 ދުވަހަށް ވަނީ ބަންދުކޮށްފައެވެ.