ޙައްޖަށްދާން މިހާރު ވެސް ކިއުގައި 7،000 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށާއި މިހާރު ފައިސާ ދައްކައިގެން ޙައްޖަށް ދެވޭނީ 2033 ވަނަ އަހަރު ކަމަށް ޙައްޖު ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

ޙައްޖަށްދާން ދިގު އިންތިޒާރެއް ކުރަންޖެހޭ ކަމުގެ ކަންބޮޑުވުން އޮތީ އާންމުންގެ މެދުގައި ބޮޑުވެފައެވެ.

ޙައްޖު ކޯޕަރޭޝަންގެ ހެޑް އޮފް އޮފީސް އޮޕަރޭޝަންސް އައިޝަތު ގާހިރު މިއަދު "ސަން"އަށް ވިދާޅުވީ، ޙައްޖު ކިއުގައި މިހާރު 7،000 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށާއި ޙައްޖަށްދާން މިހާރު ނަން ނޯޓުކޮށްފިނަމަ އެ ފުރުސަތު ލިބޭނީ 2033 ވަނަ އަހަރު ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޙައްޖު ކިއު ދިގުވުމުގެ މައްސަލައިގައި އަނެއްކާ ވެސް ކަންބޮޑުވުން ބޮޑުވެފައިވަނީ މި ސަރުކާރުން ސަރުކާރުގެ ޚަރަދުގައި ހިލޭ 1،000 މީހުން ޙައްޖަށް ގެންދަން ނިންމުމާ އެކުއެވެ. ސަރުކާރުން ވަނީ މި އަހަރު އޭގެ ތެރެއިން 50 މީހުން ޙައްޖަށް ފޮނުވައިފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވިދާޅުވީ، ރާއްޖޭގެ ޙައްޖު ކިއު ދިގުވެފައިވަނީ ކޮވިޑް-19އާާ ގުޅިގެން ތިން އަހަރު ވަންދެން ޙައްޖަށް މީހުން ނުފޮނުވުމުގެ ސަބަބުން ކަމަށެވެ.

ދިވެހި ޙައްޖު ވެރިންތަކެއް: ޙައްޖު ކިއު ބޮޑުވެ ކަންބޮޑުވުން ވަނީ ބޮޑުވެފައި --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ވަޒީރު ވަނީ ފެންނަން އޮތް ހަގީގަތް ގަބޫލުނުކޮށް މުއައްސަސާތަކުގެ އަގުވެއްޓޭ ގޮތަށް ރައްޔިތުން ވާހަކަދެއްކުމަކީ ވަރަށް ދެރަކަމެއް ކަމަށާއި ރާއްޖޭގެ ޙައްޖު ކޯޕަރޭޝަނާ މެދު ރައްޔިތުން ފަހުރުވެރިވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން މި އަހަރު ހިލޭ ޙައްޖަށް ފޮނުވި 50 މީހުންނާ މެދު ވެސް އާންމުންގެ ފަރާތުން ނުރުހުން އަމާޒުވެފައިވެއެވެ. ޚާއްސަކޮށް ކިއު ފަޅާލާފައި ބަޔަކަށް ޖާގަ ދިން ކަމަށް ބުނެ ނުރުހުން އަމާޒުވިއެވެ.

އެގޮތުން، ރައްޔިތުންގެ އެތައް ޒަރޫރީ ކަންތައްތަކެއް ފުރިހަމަނުވެ ހުއްޓާ ސަރުކާރުގެ ޚަރަދުގައި ނިކަމެތިން ޙައްޖަށް ފޮނުވުމަކީ ގޯހެއް ކަމަށާއި ޙައްޖަށް ދިއުމުގެ ގާބިލުކަމާއި ކެރިފޯރުންތެރިކަން ނެތް މީހާއަށް ޙައްޖު ވާޖިބުނުވާނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވެސް ވަނީ ވިދާޅުވެފައެވެ.

އެކަމަކު، ވަޒީރު ޝަހީމާއި އެހެން ބައެއް ދީނީ އިލްމުވެރިން ވަނީ ސަރުކާރުގެ ޚަރަދުގައި ނިކަމެތިން ޙައްޖަށް ފޮނުވުމަކީ ޝަރުއީ ގޮތުން މައްސަލައެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި، ކިއު ފަޅައިލާފައި އެއްވެސް ބަޔަކަށް ޖާގަ ނުދޭނެކަމުގެ ޔަގީންކަން ވެސް ވަޒީރު ވަނީ ދެއްވައިފައެވެ.

މި އަހަރު ރާއްޖެއަށް ލިބިފައިވަނީ 1،000 ޙައްޖު ކޯޓާއެވެ. އެ ހުރިހާ ޙައްޖާޖީން ވެސް މިހާރު ވަނީ ސައުދީ އަރަބިއްޔާއަށް ގޮސްފައެވެ. އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ސަރުކާރުގެ ޚަރަދުގައި 1،000 ނިކަމެތިން ޙައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.