ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕޭން އަތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 4-0 ލަނޑުން އަޔަލޭންޑް ބަލިވުމުގެ މައިގަނޑު ސަބަބަކީ، ޓީމު ކުޅުންތެރިން ހާސްވެ، ބިރުގަތުމުން ކަމަށް އެޓީމުގެ ކޯޗު ޖިއޮވާނީ ޓްރަޕަޓޯނީ ބުނެފި އެވެ.

މުބާރާތުގެ ގްރޫޕް ސީފަޅީގައި އަޔަލޭންޑް ހިމެނުނުއިރު، ސްޕޭން އަތުން ބަލިވި މެޗާއެކު މުބާރާތުން އަޔަލޭންޑް ކެޓީ މިހާތަނަށް އެންމެ ޕޮއިންޓެއްވެސް ނުލިބިއެވެ.

އިނގިރޭސި ބައެއް މީޑިއާތަކަށް ދީފައިވާ އިންޓަވިއުގައި އަޔަލޭންޑްގެ ކޯޗު ޓްރަޕަޓޯނީ ބުނީ، މުބާރާތާކުރިމަތިލީ ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ ފޮނި އުންމީދުގައި ކަމަށާއި އެހެންނަމަވެސް ނަތީޖާ ނިކުތީ ހީކުރިގޮތާ މުޅިން ހިލާފަށް ކަމަށެވެ. އަދި ސްޕޭން މެޗުގައި ކުޅުންތެރިންގެ ފަރާތުން ހާސްވެ، ބިރުގަނެފައިވާ މަންޒަރު އޭނާއަށް ސިފަވެގެން ދިޔަކަމަށް ވެސް ޓްރަފަޓޯނީ ބުނެފައި ވެއެވެ.

\"އަހަރުމެން މުބާރާތާ ކުރިމަތިލީ ވަރަށް ފޮނި އުންމީދާއެކު. މޮޅުވުމުގެ އުންމީދުގައި. މުބާރާތުގެ ކުރިން
ކުޅުނު14 މެޗު ވެސް އަހަރުމެން ވަނީ މޮޅުވެފަ. އޭގެ ހިތްވަރު އަހަރުމެން ހޯދިން. އެކަމަކު ސްޕޭން އަތުން ބަލިވެ މުބާރާތާއި އަލްވަދާޢު ކިޔަން ޖެހުނީ،\" ޓްރަފަޓޯނީ ބުންޏެވެ.

ޓްރަޕަޓޯނީ ބުނީ، ޓީމުގެ ކުޅުންތެރިންގެ ކޮނޑުގައި އެޅިފައިވާ ޒިންމާ ބޮޑުކަން ކުޅުންތެރިންނަށް އިހްސާސްވިކަން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް މެޗަކީ ސްޕެއިން މެޗު ކަމަށް ވީއިރު، މުބާރާތުގައި އެންމެ ވަރުގަދަކޮށް މެޗަކަށް ނުކުތީވެސް ސްޕެއިން މެޗަށް ކަމަށް އޭނަ ބުންޏެވެ.

ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި އަޔަލޭންޑު އަންނަ ހޯމަ ދުވަހު ނިކުންނާނީ އިޓަލީއާއި ދެކޮޅަށެވެ. އެ މެޗުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް އަޔަލޭންޑަށް މުބާރާތާއިގެން ކުރިއަށް ދިއުމުގެ ފުރުޞަތެއް ނެތެވެ.