ސިޑިން މައްޗަށް އެރި އިޝްފާން ފެނުމާއެކު، ސަވާ ގޮސް އިޝްފާންގެ ގައިގައި ބައްދައިގަނެފައި ރޯން ފެށި އެވެ.

***ޓްރިގަރ ވާރނިންގ***

ދެލޯ މެރޭ ނުމެރޭ ޙާލުގައި ހުރި އިޝްފާންއަށް ތަންތަން ފެންނަމުން ދިޔައީ ފުސްކޮށެވެ.

"ދޮން…ތާ… ކިހި… ނެތް.. ވީ؟" ސަވާއަށް ބަލާލާފައި ރޮނީ ކީއްވެތޯ އިޝްފާން ސުވާލުކޮށްލިއިރު ވެސް ވާހަކަ ދެއްކުން އޭނާއަށް ވީ އުނދަގުކަމަކަށެވެ. އެވަގުތު ސަވާގެ ކޮޓަރިން ނުކުތް ވާފިރުވެސް އިޝްފާންއަށް ފެނުނީ ފުސްކޮށެވެ. ދެފަހަރަކު ދެލޯ އުނގުޅާލިނަމަވެސް، މަންޒަރު ސާފުވާގޮތެއް ނުވިއެވެ. ދެފަރާތަށް ބޯ ހޫރާލާފައި އާފުރިލި އިޝްފާން ސަވާއަށް ބަލާލާފައި ސަވާ ދުރުކޮށްލިއެވެ. އެއަށްފަހު، އޭނާ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ދޮރުހުޅުވާލާފައި ގޮސް އެނދުމައްޗަށް ވެއްޓިގަތުމާއެކު، އިޝްފާންގެ ޚަބަރު ހުސްވެއްޖެއެވެ.

"އިޝްފާން…" ސަލާމަތްވާނެ އިތުރު ގޮތެއް ނެތި ސަވާއަށް ހުރެވުނެވެ.

ވާފިރު އައިސް ސަވާއާ އަރާ ހަމަކޮށްފައި ސަވާގެ އަތުގައި ހިފާ ދަމާލިއެވެ. ސަވާގެ ނުރުހުމުގައި އޭނާ ސަވާ ގެންގޮސް ކޮޓަރީގެ އެނދުމައްޗަށް ވައްޓާލި އެވެ. ކިތަންމެ ވަރެއް ކުރިނަމަވެސް، އިޝްފާން ނުހޭލާނެކަން އޭނާއަށް އެނގޭތީއާވެސް އެކުގައެވެެ. ވާފިރު ހުރީ ކޮންމެ ގޮތަކުންވެސް އޭނާގެ ބޭނުން ހާސިލްކުރަން ހިތުލައިގެންނެވެ. ސަވާގެ އާދޭސްތަކަށް ބީރުކަންފަތެއް ދެމުން ވާފިރު އޭނާގެ ހިތުގެ އެދުން ހާސިލްކޮށްފިއެވެ. ސަވާގެ ޢިއްފަތްތެރިކަން ފޭރިގަތްފިއެވެ. ދުވަހަކު ނުފިލާވަރުގެ ލައްގަނޑެއް އޭނާ ސަވާގެ ހަށިގަނޑުގައި ލައްވައިފިއެވެ.

ވާފިރު ނުކުމެގެން ދިޔުމުން ސަވާ އެނދުގައި އޮވެ ރޮމުން ދިޔައިރު ހީވަނީ ދެންމެ ދެންމެ އޭނާ މަރުވެދާނެހެންނެވެ. މީހާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުގެ އިތުރުން އެ ހިތުގައި ރިހެމުން ދިޔައީ ވެސް އިންތިހާއަށެވެ. ވާފިރުގެ އެ ހަޑިހުތުރު ޢަމަލުގެ ސަބަބުން ސަވާއަށް ލިބިފައިވަނީ ބަރުދާސްތުނުކުރެވޭ ފަދަ ވޭނަކާއި ތަކުލީފެކެވެ. ހިތުގައި އުފެދުނު ގިލަންވެރިކަން މުޅި ނަފްސު ހިޞާރުކުރަން ފެށި އިޙްސާސްއާއެކު، ސަވާއަށް ނޭވާލާންވެސް ދަތިވިއެވެ. މުޅި އުމުރު މި ހަނދާންތަކުން އޭނާއަށް މިންޖުނުވެވޭވެއެވެ. އަބަދާ އަބަދު މި ހާދިސާ އޭނާގެ ސިކުނޑީގައި ތަކުރާރުވާނެއެވެ. އެއީ ބިރުވެރި ހުވަފެނަކަށް ވާނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ދެލޮލުން އަންނަމުން ދިޔަ ހޫނު ކަރުނަތައް ބާލީހަށް އޮބެމުން ދިޔައިރު، ސަވާގެ ރުއިމުގެ އަޑެއް ގިސްލުމުގެ އަޑެއް ކޮޓަރިތެރެއަކުން މިހާރަކު ނީވެއެވެ. އެހެންނަމަވެސް، ސަވާގެ ހިމޭން ކަރުނަތައް ރަމްޒުކޮށްދެމުން ދިޔައީ އޭނާގެ ހިތަށް ލިބިފައިވާ ތަކުލީފުތަކުގެ ބޮޑުކަމެވެ. އަޑު ވީއްލާ ނުރުޔެއްކަމަކު ކަރުނައިގެ މުތީތައް ބުނެދެމުން ދިޔައީ މާޔޫސްކަމާއި ހިތްދަތިކަމެވެ.

ކުއްލިއަކަށް ސަވާ ތެދުވިއެވެ. އެ ދިޔަ ގޮތަށް ގޮސް ފެން މާގަނޑު ދޮށަށް ވަދެ ފެން ދޫކޮށްލައިގެން އޭގެން އޮހެމުންދިޔަ ފެންތަކުގެ ތެރޭގައި އެތަކެއް އިރަކު އޭނާ ހުއްޓެވެ. ކިތަންމެ ވަރަކަށް ގައި އުނގުޅި ނަމަވެސް، ހީވަނީ ނުފިލާފަދަ ނަޖިހެއް މުޅި ހަށިގަނޑުގައި ޖެހިފައިވާހެންނެވެ. ފިނިވެގެން މީހާ ރޫރޫ އަޅަން ފެށުމުން މާގަނޑު ދަށުން ނުކުމެ އޭނާ ތުވާލި އޮޅާލިއެވެ. އެއަށްފަހު، ނުކުމެ އަލަމާރިން ނެގި ހެދުމެއް ލަމުން އައިސް އެނދުގައި އޮށޯތެވެ.

އައު ދުވަހަކަށް ސަނާ ކިޔަމުން އިރުގެ ދޯދިތަކުން ދުނިޔެމަތި ޖަރީކޮށްލީ އެއްބައި ހިތްތައް އުންމީދުން ފުރާލަމުންނެވެ. އަދި އަނެއްބައި ހިތްތަކަށް ވޭނާ ތަކުލީފުގެ ސިލްސިލާއެއް ގެނުވަމުންނެވެ. ކުޑަދޮރުތަކުގައި ދަމާލާފައި ހުރި މުށިކުލައިގެ ދޮރު ފޮތިތަކުގެ ތެރެއިން ފުރޭނިގެން އައި އަލި ކޮންމެވެސް ވަރަކަށް ކޮޓަރިތެރެއަށް އެޅިފައިވެއެވެ. އެނދުގައި އޮށޯވެ ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތް ސަވާގެ އެސްފިޔަޖެހުން ފިޔަވާ އެއްވެސް ހަރަކާތެއް ނެތްއިރު އޭނާ ހީވަނީ އެނދުމަތީގައި ބާއްވާލާފައި އޮތް ބުދެއް ހެންނެވެ. ދެލޮލުން ކަރުނަ ނަޔެއްކަމަކު، ދެލޯ ކައިރިވަނީ ރަތްވެ ދުޅަވެފައެވެ. މާގިނައިން ރުއިމުން ކަންނޭނގެއެވެ. ދެލޯ ކައިރީގެ އިތުރުން މުޅި މޫނުމަތިންވެސް ކޮންމެވެސް ވަރެއްގެ ދުޅަކަމެއް ފެންނަމުން ދިޔައެވެ.އެއީ ވޭނުން ފުރިގެންވީ ދެލޮލެވެ. ޝަކުވާތަކުން ބަނދެވިފައިވާ ނަޒަރެކެވެ. ދުނިޔެއާމެދު އޭނާގެ ހިިތުގައި ވަނީ ޝަކުވާއެވެ. ތަޤުދީރާ މެދު ޝަކުވާ ކުރެވުނު ފުރަތަމަ ފަހަރަކީ ވެސް އެއީއެވެ. ލިބިގެން ދިޔަ އަނިޔާއަކީ ހުވަފަނެއްގައި ވެސް ލިބިދާނެކަމަށް ހީކުރި އަނިޔާއެއް ނޫނެވެ. މީހާގެ ގަޔަކު ވަރެއް ނެތެވެ. އިޝްފާންއާ މެދު ހިތުގައި އުފެދުނު ޝަކުވާތަކުން ހިތުގައި މަޑުމަޑު ރިހުމެއް އުފެދިއްޖެއެވެ. ރޭގައި އިޝްފާން ހަމަހޭގައި ހުރިނަމަ އޭނާ ސަލާމަތްކޮށްދެވުނީހެވެ. އިޝްފާންއަށް އޭނާގެ ޙާލަތު ވަޒަން ނުކުރެވުނީ ކީއްވެހެއްޔެވެ؟ ރޭގައި އޭނާ އެ ފަދަ ބިރުވެރިކަމަކާއި ކުރިމަތިލާން ޖެހުނީ ސަލާމަތުގެ އައްސޭރިއަކަށް އާދެވިފައި ވަނިކޮށެވެ. އިޝްފާން ހަމަހޭގައި ހުރިނަމަ، މިއަދުގެ ޙާލަތު މިގޮތަކަށް ނޯންނާނެއެވެ.

ފޯނަށް މެސެެޖެއް އައި އަޑަށްވެސް ޚިޔާލީ ތަސްވީރުގެ ތެރެއިން ސަވާއަށް ނުކުމެވޭ ގޮތެއް ނުވިއެވެ. ސިހުން ލިބިގެން ދިޔައީ ފޯނުގެ ރިންގުގެ އަޑާއެކުގައެވެ. ގުޅީ ރީހާންއެވެ. ރިންގްވެފައި ކެނޑުނު އިރުވެސް ފޯނު ނެގުމުގެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ރީހާން މަތިން ހަނދާންވެ ކަރުނައިގެ ސާލެއް އޭނާގެ ކޯތާފަތުން ތިރިއަށް ރޮނގުދެމިގެން ދާން ފެށިއެވެ. ރީހާންގެ ކައިރީގައި އޭނާ ބުނާނީ ކީކޭ ހެއްޔެވެ؟ ރީހާން އޭނާއާ އެކުގައި އަދިވެސް އުޅެން ބޭނުން ވެދާނެހެއްޔެވެ؟ ހުރިހާ ހަޤީޤަތެއް އެނގިހުރެ އޭނާ އަކީ ރީހާންގެ ޙަޔާތުގެ ބައިވެރިޔާއަށް ހަދާނެ ހެއްޔެވެ؟ ނޫނެކެވެ. އޭނާ އަކީ ބޭކާރު މީހަކަށް ވެ ނިމިއްޖެއެވެ. އޭނާ ފަދަ އަންހެނަކާއި ކައިވެނިކުރާނީ ދެން ކާކު ހެއްޔެވެ؟ ރީހާންއަކީ ކިޔަވައިގެން ހުރި ޒުވާނެކެވެ. އެންމެ އިޝާރާތަކަށް ފިދާވާނެ އެތަކެއް އަންހެން ކުދިންނެއް ރީހާންއަށް ލިބޭނެއެވެ. ރީހާންގެ ޙަޔާތުގެ ބައިވެރިއަކަށް ވުމަށްޓަކައި ޖާނާ މާލުން ވެސް ޤުރުބާން ވާނެ އަންހެން ކުދިން ވާނެއެވެ. ކޮންމެ ގޮތަކުން ބެލި ނަމަވެސް، ރީހާންއަކީ ފުރިހަމަ ފިރިހެނެކެވެ. އެހާ ފިރިހެންވަންތައެވެ. ދިރިއުޅުމުގައި ކާމިޔާބެވެ.

އެނދުމަތީގައި ބަންޑުން އޮތް އިޝްފާންއަށް ހޭލެވުނުއިރު، އޭނާގެ ބޯމަތީގައި ހީވަނީ ބަރު ގާގަނޑެއް ބާއްވާފައި އޮތްހެންނެވެ. އެނދުން ތެދުވުން ވެސް ވީ ބޮޑު ތަކުލީފަކަށެވެ. ބޮލުގައި އަތް ޖައްސާލުމާއެކު ދެލޯ މަތާ ފިއްތާލީ ވަމުން ދިޔަ އުނދަގުލެއްގެ ބޮޑުކަމުންނެވެ. ހިތްވަރުކޮށްފައި ތެދުވެ އެނދުގައި އިށީނުމާއެކު، ރޭގެ ހަނދާނެއް ސިކުނޑީގެ ދޮރުފަތުގައި ޓަކި ޖަހާލި ނަމަވެސް، ވީގޮތް މާ ރަނގަޅަކަށް ހަނދާނަކަށް ނައެވެ. ސަވާ އޭނާގެ ގާތަށް އައިސް ހުއްޓުނެވެ. އެވަރު ހަނދާން އެބަ ހުއްޓެވެ. އެކަމަކު އެ ގަޑީގައި ދެން ވީ އިތުރު އެއްވެސް ކަމެއްް ހަނދާނަކު ނެތެވެ. ސިކުނޑިއަށް ކިތަންމެ ވަރަކަށް ބާރުލީނަމަވެސް، ސިކުނޑީގެ ތެރޭގައި ފަރުދާވެފައިވީ އެ ހަނދާންތައް އާވާގޮތެއް ނުވިއެވެ. އަނެއްކާ އެއީ އޭނާއަށް ފެނުނު ހުވަފެނެއް ބާއެވެ.

ފެންވަރާލުމުންވެސް ބޮލުގެ ބަރުކަމަށް ލުޔެއް ނުލިބުނެވެ. ހީވަނީ ސިކުނޑީގެ ހުރިހާ ނާރުތަކަކަށްވެސް ވާންވެފައިހުރިހެންނެވެ. އެކަމުގެ ސަބަބުން މަޑުމަޑު ރިހުމެއްގެ އަސަރުވެސް ބޮލާ ނިތްކުރީގައި ހުއްޓެވެ. އޯވާރސައިސް ކަޅުކުލައިގެ ޓީޝާޓަކާއި، ޑެނިމް ޖީންސްއެއް ލައިގެން ކުޑަކޮށް ތައްޔާރުވެލައިގެން އިޝްފާން ނުކުތެވެ. ނަފުސުގައި ވި އުދާސްކަމެއްގެ ސަބަބުން އަދިވެސް އޭނާއަށް އެ ހީވާ ހީވުމާމެދު ވިސްނެނީއެވެ. އެހެންކަމުން އިޝްފާން ގަސްތުކުރީ ސަވާގެ ހަބަރެއް ބަލައިލާށެވެ. އޭނާ ސަވާގެ ކޮޓަރީގެ ޓަކި ޖަހާލުމަށްފަހު، އެތެރެއިން ޚަބަރެއްވޭތޯ މަޑުކޮށްލިއެވެ. ސަވާގެ އަޑެއްބަޑެއް ނީވުމުން އިޝްފާން ތަޅުގައި ހިފާލިއެވެ. ދޮރު ހުޅުވާލާފައި އޭނާ އެތެރެއަށް ބޯ ދިއްކޮށްލުމާއެކު ކަންފަތުގައި ފުރަތަމަވެސް ޖެހުނީ ވޭނީ ކުކުރުމުގެ އަޑެކެވެ.

އިޝްފާން ބާރުބާރަށް ގޮސް ސަވާގެ ކައިރިއަށް ހުއްޓުނެވެ. ބްލޭންކެޓް ތެރޭގައި ފޮރުވިގެން ކަހަލަ ގޮތަކަށް އޮވެ ގިސްލަމުން ދިޔަ ސަވާ ފެނުމާއެކު، އޭނާގެ ބޮލުގެ ރިހުން މަތިން ވެސް އިޝްފާން ހަނދާން ނެތުނުފަދައެވެ. އޭރު ސަވާގެ މޫނުމަތީގައި ދާތިކިތައް ވިދަމުން ދިޔައެވެ. ވަރަށް ވަރުވެގެން ނޫނީ އެފަދަ ގޮތަކަށް ސަވާ ނުރޯނެކަން އިޝްފާންއަށް ޔަޤީނެވެ.

"ދޮންތާ!. ކިހިނެއްވީ؟" އިޝްފާން ސަވާގެ ނިތުގައި އަތް ޖައްސާލިއެވެ. "ހުމާ ފިނިފައެއްނު ތިއޮތީ…"

އިޝްފާންގެ ފިނި އަތްތިލަ ޖެހުމާއެކު، ސަވާ އިޝްފާންގެ އަތްތިލަ ފޮޅުވާލިއެވެ. ހީވީ ކަރަންޓު ޝޮކެއް ޖެހުނުހެންނެވެ.

"ހިނގާ ހޮސްޕިޓަލަށް ދާން." އިޝްފާން އޯގާތެރިކަމާއެކު ބުނެލިއިރު، އޭނާގެ އަޑުގައި ކަންބޮޑުވުމާއި ހާސްކަން ވެއެވެ. ދޮންތަގެ ޙާލަތުގެ ސަބަބުން އޭނާވަނީ ހަޤީގަތުގައިވެސް ބިރުގަތްފެފައެވެ.

"ނު ނޫން. ނުދާނަން" ސަވާގެ އަޑު އައިލެއް މަޑުމަޑުން އިޝްފާންއަށް ވެސް އެ ބުނި އެއްޗެއް ސާފެއް ނުވިއެވެ.

"ކީކޭ ދޮންތާ؟" ސަވާ އެ ބުނި އެއްޗެއް ސާފު ކޮށްލުމުގެ ނިޔަތުގައި އިޝްފާން ސުވާލުކޮށްލާ ސަވާ ބުނާނެ އެއްޗަކަށް ސަމާލުވެލިއެވެ.

"ނުދާނަމޭ…" ސަވާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. މިފަހަރު އިޝްފާންއަށް އަޑު އިވޭވަރަށެވެ. އޭރުވެސް މީހާގެ ހަށިގަނޑުގައި ވި ތުރުތުރުއެޅުމުގެ އަސަރު އެ އަޑުން އެކަނިވެސް ފާޅުވަމުން ދިޔައެވެ. ހޮސްޕިޓަލަސް ދާން އޭނާ ޖެހިލުންވަނީއެވެ. ރޭގެ ހާދިސާ އެމީހުންނަށް އެނގިދާނެއެވެ. އޭރުން ވާނީ ކިހިނެއް ހެއްޔެވެ؟ މަންމައެއްވެސް ނެތެވެ.

"ކަމަކު ނުދާނެ… ހިނގާ ދާން." އިޝްފާން ތަކުރާރުކޮށް އާދޭސް ކުރުމުންވެސް ސަވާ ހޮސްޕިޓަލަށް ދާކަށް އެއްބަހެއް ނުވިއެވެ.

"ފެެންފޮތި ލާން ހިނގާ. ހުން ވަރަށް ގަދަޔޭ…" އިޝްފާން ކޮޓަރިން ނުކުތެވެ. އޭގެ އިރުކޮޅެއްފަހުން ދެން އޭނާ އައިއިރު ތަބަކެއްގައި އައިސް އަޅާފައި ހުރި ތައްޓަކާއި ކުޑަތުވާލިކޮޅެއް އޮތެވެ. އިޝްފާންއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނާއަށް ސަވާގެ ޙާލު ބަލަިލެވުނު ނަމައެވެ. އަނެއްކާ ރޭގައި ހަމަ ހަޤީގަތުގައިވެސް އޭނާއަށް ނޭނގި ހާދިސާއެއް ހިނގީހެއްޔެވެ؟ ސިކުނޑީގައި އުފެދުނު ތަސްވީރުތައް ގުޅުވާލާނެ ގޮތެއް ނޭނގި އިޝްފާންއަށް އަމިއްލަ ހިތާހިތާ ވާހަކަ ދެއްކުނެވެ.

ތުވާލިކޮޅަށް އައިސް ކިއުބްތައް އަޅާފައި ސަވާގެ ނިތުގައި ޖައްސާލުމާއެކު ސަވާ ކުކުރާލިއެވެ. އިޝްފާން ސަވާއަށް ބޭސް ވެސް ދިނެވެ. އަދި ހުން މަޑުވަންދެން ކައިރީގައި އިނެވެ. ވާހަކަ ދެއްކެވޭ ވަރު ވުމުން އޭނާ ސަވާއަށް ތެދުވަން އެހީތެރިވެދިނެވެ. ސަވާގެ ދެލޮލުގައި ހުރިރަތްކަމާއި މޫނުމަތީގެ ދުޅަކަމުގެ ސަބަބުން އެ މޫނުމަތީގެ ދިރުންވަނީ އެކީ ގެއްލިފައެވެ.

"ދޮންތާ ކަމެއްވީތަ؟" އިޝްފާން މަޑުމަޑުން ސަވާގެ އަތުގައި ހިފައްޓާލިއެވެ. "ދޮންތާ! ޕްލީޒް ޓެލްމީ.. ކިހިނެއްވީ؟ ވަރަށް ބޮޑުކަމެއްވެއްޖެ. ރޭގަ ދޮންތަ ދުވަމުން ނުކުތިން ދޯ.. އަހަރެން…" އިޝްފާން އެހެން ބުނުމާއެކު، އިސްޖަހާލައިގެން އިން ސަވާ އިޝްފާންއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އެ ދެލޮލުގެ ތެރޭގައި ވިދަމުން ދިޔަ މުތީތަކެއްފަދަ ކަރުނަތަކުން އިޝްފާންއަށް އެތަކެއް ވާހަކައެއް ބުނެދީފިއެވެ. އާއެކެވެ. އޭނާގެ ދޮންތައަށް އެވަނީ ބަރުދާސްތުނުކުރެވޭ ފަދަ ވޭނެއް ކުރިމަތިވެފައެވެ. އަނެއްކާ ދޮންތަގެ ލޯބިވެރިޔާގެ ކަމެއް ހެއްޔެވެ؟

"ދޭ…" ނުރޯން ހިތްވަރުކުރަމުން ދިޔަ ސަވާގެ މުޅި ނަފްސުވެސް ހީވަނީ އެ ވޭނުގެ ތެރޭގައި ރޫޅިގެން ހިނގައިދާނެހެންނެވެ. އިޝްފާންއާ މެދު ހިތުގައި އުފެދުނީ ޝަކުވާއެވެ. ރޭގައި އިޝްފާން ހަމަހޭގައި ހުރިނަމަ އެ ހާދިސާ އެގޮތަކަށް ނުހިގާނެއެވެ. ހިތުގައި އުފެދުނު ޝަކުވާތަކުގެ ސަބަބުން ރުޅިވެރިކަން އިޚްތިޔާރުކުރެވުނު ސަވާ ބޭނުންވީ އިޝްފާން އެތަނުން ފޮނުވާލާށެވެ. ހިތާމަޔާއި ހިތްދަތިކަމުގެ އިޙްސާސްތައް ހާމަކުރަން އުނދަގޫވާ ބައެއް ޙާލަތްތަކުގައި ނަފްސަށް ވެރިވާ އުނދަގޫތައް ތަޙައްމަލް ނުކުރެވޭ ނަމަ ގިނަ ފަހަރަށް ރުޅިވެރިކަން އެ ޖަޒުބާތުތަކުގެ މައްޗަށް ގަދަވެގަނެއެވެ. ސަވާއަށްވެސް ވެފައިވަނީ އެފަދަ ގޮތެކެވެ. އެ ޙާލަތާއި، އަމިއްލަ ނަފްސުގެ ކޮންޓްރޯލް އޭނާގެ އަތުން ދީލާލައިގެން ގޮސްފައިވާ ކަހަލައެވެ.

"ދާށޭ ބުނެފީމެއްނު. އަހަންނަށް ކޮންމެ ގޮތެއް ވިޔަސް އިޝްފާންއަށް ކީއްތަ؟ އަހަރެންގެ އެކަނި ޙާލަށް އަހަރެން ދޫކޮށްލާ… ދޭ…" ކިތަންމެ ބާރަށް ހަޅޭއްލަވައިގަންނަން ބޭނުންވި ނަމަވެސް، ސަވާގެ ގައިގައި ވަރު ނެތުމުގެ ސަބަބުން އެ އަޑު ނުކުތީ މަޑުންނެވެ. އެ އަޑުގައި ވަނީ ހަރުކަށިކަމާއި ނުރުހުންތެރިކަމެވެ.

"ދޮންތާ…" ސަވާ ގާތުން ވީކަމެއް އޮޅުން ފިލުވަން އިޝްފާން މަސައްކަތް ކުރިނަމަވެސް، ސަވާގެ ނުރުހުންތެރިކަމުގެ ސަބަބުން އެކަން ކުރެވޭގޮތެއް ނުވިއެވެ. ސަވާއަށް ވަގުތުކޮޅެއް ދިނުމަކީ އެންމެ ރަނގަޅުގޮތޭ އޭނާއަށް ހީވުމާއެކު، ހިތާ ދެކޮޅަށް އިޝްފާން ގޮސް އެކޮޓަރިން ނުކުތެވެ. އޭރުވެސް އޭނާގެ ހިތުގައި ވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. ތިރިއަށް ގޮސް ކޮފީ މެޝިނު ކައިރިއަށް ހުއްޓިފައި ކޮފީއެއް ހަދަން އަވަސްވެގަތް ވަގުތު ގޭގެ ބެލް ޖަހާލިއެވެ. އޭނާ ގޮސް ހުޅުވާލިއިރު ހުރީ ޕިލިޕީންސް ހިސާބުގެ ބޭރު ކުއްޖެކެވެ. އެއީ އެގޭގައި ގެންގުޅޭ ނޯކަރު ކުއްޖާ ޗުއްޓީއަށް ދިޔުމުން އޭނާ އަންނަންދެން އަތްގާތްކޮށްލަދޭން މަންމަ ގެންނަ ކުއްޖާއެވެ. އިޝްފާން އޭނާ ވަންނަން ތަން ދައްކާފައި ގޮސް ކޮފީ މެޝިނުކައިރިއަށް ހުއްޓުނެވެ.

"އޭ ބަޑީ. ކޮބާ ކައެ. ރޭގަ އެ ބޭނުން ކުރި އެއްޗެއްގެ އަސަރު އަދިވެސް ނުފިލަނީތަ؟" ފޯނު ކަންފަތުގައި ޖައްސާލުމާއެކު، އެކޮޅުން ވާހަކަ ދެއްކީ ޒުވާން ފިރިހެނެކެވެ.

"މަ ގޭގަ. މި ގަޑީ ނެތޭ ދެވޭކަށް. އެކަމަކު ތަންކޮޅެއް ފަހުން ދާނަން." ސަވާގެ ޙާލަތުގެ ސަބަބުން ބޭރަށް ދާން އިޝްފާން އުޒުރުވެރިވިއެވެ. އެ ޙާލުގައި ސަވާ ބާއްވާފައި ދާން އޭނާގެ ހިތް އެއްބަސްވާނީ ކިހިނެއްހެއްޔެވެ؟

ފޯނު ބާއްވާފައި އިޝްފާން، އެނބުރި ނޯކަރަށް ބަލާލާފައި، ސޫޕެއް ތައްޔާރުކޮށްލަދޭން އެދުނެވެ.

"މެޑަމް ސިކްވީ؟" ކިރިޔަ ކިރިޔާ ދިވެހި އެނގޭ ވިވީ އިޝްފާންއާ ސުވާލުކޮށްލިއެވެ. އާއްމުކޮށް އޭނާ އެގެއަށް އަންނައިރު ސަވާ ހޭލާ އުޅޭނެއެވެ. މިއަދު ސަވާ ނުފެނުމުން އެކަމާ ބެހޭގޮތުން ސުވާލުކޮށްނުލާ އޭނާއަށް ނުހުރެވުނީ އިޝްފާން ބަލިމީހުންނަށް ދޭ ވައްތަރު ސޫޕެއް ތައްޔާރުކުރަން ބުނި ހިސާބުންނެވެ. ވިވީގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އިޝްފާން ބޯ ޖަހާލިއެވެ. އެއަށްފަހު، އޭނާ ކޮފީ ޖޯޑު ހިފައިގެން އެތަނުން ނުކުންނަން ހިނގައިގަތެވެ.

އިޝްފާން އެރީ ޓެރެސްއަށެވެ. އުޑުމަތި ބަނަކޮށްލާފައިވާއިރު ހީވަނީ ކަޅު ސާލެއް ދުނިޔެމަތީގައި އޮޅާލާފައިވާހެންނެވެ. ޖެހެމުން ދިޔަ ތެތްފިނި ވައިރޯޅިތަކުގައި ވެސް ވަނީ ނުސިޔާނުކަމެވެ. ވައިރޯޅިތަކުގެ ޒޫމްއަޑު ފަޒާފައި ގުގުމާލާފައި ވަނީ އަންނަން އުޅޭ ވަރުގަދަ ތޫފާނެއްގެ އިންޒާރު ދޭ ފަދައަކުންނެވެ. ރެއިލިންގެ ކައިރިއަށް ހުއްޓިފައި އަތުގައި އޮތް ކޮފީ ޖޯޑުން އެތި ފޮދެއް ބޯލިއެވެ. ހޫނު ކޮފީގެ ސަބަބުން ބޮލަށް ލިބިފައިހުރި ބަރުކަން ކޮންމެވެސް ވަރަކަށް ފިލާގޮތްވިއެވެ. ވިވީ ސޫޕް ތައްޔާރުކުރާހާއިރު ކޮށްފައި ޓެރެސްއިން ފޭބިއިރު، އެ ހިފައިގެން ވިވީ މައްޗަށް އަރަނީއެވެ.

"ގެނޭ އަހަރެން އަތަށް." އިޝްފާން ގެ އެދުމަށް ވިވީ ދެކޮޅެއް ނުހަދައެވެ. އޭނާ އަދަބުވެރިކަމާއެކު އިޝްފާން އަަތަށް އެ އެއްޗެހި ދިނެވެ.

"އޯކޭ ދިޔަޔަސް." އިޝްފާން އެހެން ބުނެލާފައި ސަވާގެ ކޮޓަރިއަށް ވަތްއިރުވެސް ސަވާ އެ އޮތް ގޮތަށް އޮތެވެ. އޭނާ ގޮސް ސަވާ ކައިރިއަށް ހުއްޓިލާފައި ތަބައް ސައިޑް ކަބަޑުމަތީގައި ބަހައްޓާފައި، ހުން ބަލާލިއެވެ. ނަސީބަކުން މިހާރު ކުރިއަށް ވުރެ ހުންމަޑެވެ. ހަމަޖެހުމުގެ ނޭވާއެއް ލަމުން އޭނާ ސަވާއަށް ގޮވާލިއެވެ.

"ދޮންތާ… ހިނގާ އެއްޗެއް ކާން. ވިވީ ކައިރީ ބުނެގެން ސޫޕްއެއް ތައްޔާރުކޮށްގެން ހިފައިގެން މިއައީ. ތިހެން ނޯވެ އެއްޗެއް ކެއިމައެއްނު ގައިގަ ވަރު ޖެހޭނީ…" އިޝްފާން އޯގާތެރިިކަމާއެކު ވާހަކަ ދެއްކި ނަމަވެސް، ސަވާ އަނގައިން ނުބުންޏެވެ. ކުޑަމިނުން ބޯ ޖަހާ ވެސް ނުލިއެވެ. ސަވާ އޮތް ގޮތުން ހީވަނީ އޭނާގެ މުޅި ވުޖޫދުވެސް ހުއްޓިފައިވާހެންނެވެ.

އިޝްފާން ކޮޓަރިން ނުކުތުމުން ސޫޕްތަށިން އެތި ފޮދެއް ބޯލި ނަމަވެސް، މޭނުބައި ކުރަން ފެށުމުން އެ ބަހައްޓާފައި ފެންފޮދެއް ބޯ ލާފައި ސަވާ އަނެއްކާވެސް އޮށޯތީއެވެ.

މަދީހާގެ އެއްވެސް ފޯނު ކޯލަކަށްވެސް ސަވާ ޖަވާބެއް ނުދިނެވެ. މަންމައާ ވާހަކަ ދައްކާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. އެއަށްވުރެ ބޮޑަށް އެ ހިތުގައި ވޭން އަޅަމުން ދިޔައެވެ.

ހޮޓެލުގައި ހުރެ ސަވާއަށް ގުޅަން މަސައްކަތްކުރަމުންދިޔަ މަދީހާ ކަންބޮޑުވާގޮތްވިއެވެ. އެކަމާ ފަތުޙީ ކައިރީގައި ވާހަކަ ދެއްކުމުން އޭނާ މާ ބޮޑުކަމަކަށް ނުހެދިއެވެ. ފަތުޙީ ބުނި ހާވެސް އެއްޗަކީ ސަވާ ބުރަކޮށް އުޅޭތީ ފޯނު ނުނެގެނީކަމުގައެވެ.

ފަތުޙީގެ ވާހަކަތަކުންވެސް މަދީހާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާ އިޝްފާންއަށް ގުޅާލިއެވެ.

އިރުއޮއްސުނުފަހުން ސަވާއަށް ބޭސްދީފައި ނުކުތް އިޝްފާންގެ ޖީބުގައި އޮތް ފޯނު ރިންގުވިއެވެ. ފޯނު ނަގާ ބަލާލިއިރު ގުޅަނީ މަދީހާއެވެ. މަދީހާއާ ވާހަކަދައްކަން ކިތަންމެ ބޭނުން ނޫންނަމަވެސް، ދޮންތަގެ ޙާލަތުގެ ސަބަބުން އެ ފޯނު ނަގަން އިޝްފާންއަށް މަޖުބޫރުވިއެވެ.

"ހެލޯ ދަރިފުޅާ. ކިހިނެއް؟" މަދީހާގެ އަޑުގައި ވަނީ ބުނެދޭން ނޭނގޭ ފަދަ އަސަރެކެވެ.

"ކީކުރަން މަގޭ ޙާލު ބަލަނީ. ކިހިނެއްވީ ތި ގުޅީ." ފިނިގޮތަކަށް އިޝްފާން ބުނެލިއެވެ. މަދީހާއާ މެދު އެ ހިތުގައި ކުޑައިރުއްސުރެ އުފެދެމުން އައިސްފައިވާ ޝަކުވާތައް ދުވަހަކު ބަދަލުވާނެހެން ހީނުވެއެވެ.

"އިޝްފާން. މީ މަންމައޭ…"އޭނާ އިޝްފާންއާ މެދު ވިސްނާކަމަށާއި، އިޝްފާންދެކެ ލޯބިވާކަމުގައި ބުނެދޭން އުޅެފައި ވެސް މަދީހާ ފަސްޖެހުނެވެ. އެފަދަ ވާހަކައެއް ބުނެގެން އިޝްފާން ރުޅި އައިސްގެން ފޯނު ބާއްވަފާނެތީ ސަވާގެ ވާހަކަ މަދީހާ އެހިއެވެ.

"ދޮންތަ ކިހިނެއް؟"

މަދީހާ ދެކެ ކިތަންމެ ހިތްނަމަ ނުޖެހުނުނަމަވެސް، ސަވާގެ ޙާލަތު ކިޔައިދިނުމުގެ މުހިންމުކަން އިޙްސާސްކުރެވޭތީ އަމިއްލަ ހިތުގެ ކިލަނބުކަން އެއްފަރާތްކޮށްލާފައި އިޝްފާން ސަވާގެ ޙާލަތު އޮޅުންފިލުވައިދިނެވެ.

"މަންމަމެން މިފެށޭ ހަފްތާގައި ތިކޮޅަށް ދާނަން އިންޝާ ﷲ. އެވާހަކަ ބުނަންށޭ އެކީ ދޮންތައަށް ގުޅީވެސް." މަދީހާ އޮޅުން ފިލުވައިދިނެވެ. އިޝްފާންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

ފަސް ދުވަސްފަހުން މަދީހާމެން މާލެ އަތުވެއްޖެއެވެ. އެ ފަސްދުވަހުގެ ތެރޭގައިވެސް ސަވާއަށް ވާފިރުގެ ގޯނާތަކާ ކުރިމަތިލާން ޖެހުނެވެ. އެކަމުގެ ސަބަބުން އެންމެ ހިނދުކޮޅަކަށްވެސް ފިކުރުރަތާ ދުރުވެވޭ ގޮތެއް ސަވާއަކަށް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ހަށިގަނޑުން ވެސް އެ ބަދަލުތައް ފާހަގަވާން ފެށިއެވެ. މީހާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔައެވެ. އެންމެންވެސް ހީކުރީ ސަވާ ބަލިވެ އުޅުމުން އަންނަމުން ދިޔަ ބަދަލުތަކެއް ކަމަށެވެ. ފަރުދާގެ ފުރަގަހުގައި ހިނގަމުން ދިޔަ އެއްވެސް ކަމެއް އެކަކަށްވެސް ނޭނގެއެވެ.

*****

މަދީހާމެން އައުމުން ވާފިރުގެ ގޯނާތައް މަދުވިނަމަވެސް، މީހުން ނޫޅޭ ވަގުތުތަކުގައި ސަވާއަށް އުނދަގޫކުރެއެވެ. ފުރުސަތަތަކަށް ބަލަބަލާ ހުރި ވާފިރަށް އެ ފުރުސަތު ލިބުނީ، ފަތުޙީގެ އެކުވެރިންތަކެއް ދިން ކެއުމުގެ ދަޢުވަތަކަށް ފަތުޙީގެ ދެމަފިރިން ދިޔަ ރެއެއްގައެވެ. އިޝްފާން ވެސް ގޭގައި ނޫޅޭތީ ލިބުނު ފުރުސަތުގެ ބޭނުން ވާފިރު ހިފިއެވެ. އޭނާ ގޮސް ސަވާގެ ކޮޓަރިއަށް ވަނެވެ. އޭރު ސަވާ އުޅެނީ ފާޚާނައިގައެވެ. މޫނު ދޮވެލައިގެން ނުކުތް ސަވާގެ ލޮލުގައި ވާފިރު އަޅައިގަތުމާއެކު، އޭނާގެ އަތްފައި ފިނިވެ ގޮތްހުސްވިއެވެ.

ވާފިރު ސަވާގެ ގާތަށް އަންނަން ފެށުމުން ސަވާ ފަހަތަށް ޖެހެން ފެށިއެވެ. ކޮޓަރިން ނުކުންނަން ދުއްވައިގަތް ސަވާއަށް މިރޭވެސް ކާމިޔާބެއް ނުވިއެވެ. އޭނާ ހައްޔަރުވީ ވާފިރުގެ މުށުތެރޭގައެވެ. އޭނާ އެދިޔަ ގޮތަށް ގޮސް ސަވާ އެނދުމައްޗަށް ހޫރާލިއެވެ. ޖެހުނު ގޮތުން އުނަގަނޑަށް ތަދުވެ ވޭނީ އާހެއްގެ އަޑު ސަވާގެ ދެ ތުންފަތް ފޫއަޅުވާލާފައި ނުކުތެވެ. ވާފިރުގެ ކިބައިން ސަލާމަތްވާން ސަވާ ތެޅި ފޮޅެން ފެށިއެވެ. ހަޅޭއްލަވަން ފެށުމުން ވާފިރު އޭނާގެ އަނގަމަތީގައި އަތް އެެޅިއެވެ. އަލުން އެފަދަ ވޭނެއް ތަޙައްމަލްކުރާނެ ހިތްވަރު ނުލިބި ސަވާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހޮރެމުން ދިޔަ ނަމަވެސް، ހިލަހިތަކަށް އަސަރުކުރާނީ ކިހިނަކުން ހެއްޔެވެ؟ ދެލޮލުން އޮހޮރެމުންދާ ކަރުނައިގެ ސަބަބުން ކުޑަވެސް ހަމްދަރުދީއެއް ނުވަންނާނީ ހިތެއްގެ ރަހުމުގެ ޒައްރެއްގެ މިންވަރުވެސް ނެތީމައެވެ.

ގެއަށް ވަތް އިޝްފާން ހުރީ ފޯނެއްގައެވެ.

"މަ ބުނީ އޭތި މަ ކޮންމެހެންވެސް ބޭނުން އިނގޭ… ހޯދަދީބަލަ." ސިޑިން އަރަމުން ދިޔަ އިޝްފާންގެ ކަންފަތުގައި ހަޅޭކެއްގެ އަޑު ޖެހުމާއެކު، އޭނާ އެ އަޑަށް ސަމާލުވެލިއެވެ. "މަޑުކޮށްލައްޗޭ!"

ސަވާގެ ކޮޓަރިއާ ދިމާލަށް ބަލައިލާފައި އެ ދިމާލަށް އިޝްފާން ހިނގައިގަތީ ބާރު ފިޔަވަޅުތަކެއްގައެވެ. ދޮރާ ކައިރިވީވަރަކަށް އެ އަޑު އިވުނަސް މިހާރު ހީވަނީ އަނގަމަތީގައި އަތް އަޅާ ބަންދުކޮށްފައިވާހެންނެވެ.

"ދޮންތާ!" އިޝްފާން ދޮރުގެ ތަޅުގައި ހިފާ ދޮރު ކޮށްޕާލުމާއެކު، ހުޅުވިގެން ދިޔައެވެ.

(ނުނިމޭ)