09 Jun 2024, 10:52
ސަރުކާރު ރަސްމީކޮށް ހުވާކޮށްފައި ނުވާތީ އިންޑިއާގެ ބޮޑުވަޒީރަށް މަރުހަބާ ކިޔުމުގެ ވާހަކަ ދެއްކުން އަދި އަވަސް ކަމަށް ޕާކިސްތާނުން ބުނެފިއެވެ.
އިންޑިއާގެ ވެރިކަމާމެދު ގޮތެއް ނިންމުމަކީ އިންޑިއާ ރައްޔިތުންގެ ހައްގެއް ކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ.
ޕާކިސްތާނުގެ ހާރިޖީ އޮފީހުގެ ތަރުޖަމާނު މުމްތާޒް ޒަހުރާ ބަލޫޗް އެގޮތަށް ވިދާޅުވެފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދިވިދިގެން ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ތައްޔާރުވެފައިވަނިކޮށެވެ.
މޯދީގެ ބާރްތިޔަ ޖަނަތަން ޕާޓީ (ބީޖޭޕީ) އިސްކޮށް އޮވެ އުފައްދައިފައިވާ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް އިން ވަނީ ލޯކް ސަބާ ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އިންތިހާބުގައި 293 ގޮނޑި ކަށަވަރުކޮށްފައެވެ.
އިންޑިއާ ހިމެނޭ ގޮތަށް އަވަށްޓެރި ހުރިހާ ގައުމުތަކާ އެކު އެކުވެރި އަދި އެއްބާރުލުންދޭ ގުޅުންތަކެއް ގާއިމް ކުރުމަށް އެދޭ ކަމަށާއި، މަޝްވަރާތަކުގެ ތެރެއިން މައްސަލަތައް ހައްލު ކުރަން ބޭނުންވާ ކަމަށް ވެސް ޕާކިސްތާނުން ވަނީ ބުނެފައެވެ.
އިންޑިއާއާ އޮންނަ ގުޅުމާ ބެހޭ ގޮތުން ތަފްސީލު ދެއްވަމުން ޒަހުރާ ވިދާޅުވީ ޕާކިސްތާނުން އަބަދުވެސް މަސައްކަތް ކުރަނީ އިންޑިއާއާ ދެމެދު އުފެދިފައިވާ ހުރިހާ މައްސަލަތަކެއް ބިނާކުރަނިވި މަޝްވަރާތަކެއްގެ ތެރެއިން ހައްލުކުރުމަށެވެ.
ޕާކިސްތާނާއެކު އޮތް ގުޅުން ހަރުދަނާ ކުރުމަށް ބޭނުންވާކަން އިންޑިއާއިން ވެސް ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެކަމަށް އެކަށޭނެ ބިރުވެރިކަމާއި އަދާވާތްތެރިކަމުން އެއްކިބާވެފައިވާ މާހައުލެއް އުފެއްދުމުގެ ޒިންމާ އިސްލާމްއާބާދުގެ މައްޗަށް އޮތް ކަމަށް އިންޑިއާއިން ބުނެއެވެ.
މި އަހަރުގެ ކުރީކޮޅު އިންޑިއާގެ ހާރިޖީ ވަޒީރު، އެސް ޖައިޝަންކަރު ވިދާޅުވީ އިންޑިއާއިން ދުވަހަކު ވެސް ޕާކިސްތާނާ ވާހަކަ ދެއްކުމުގެ ދޮރުތައް ބަންދުނުކުރާ ކަމަށެވެ.
އިންޑިއާ އާއި ޕާކިސްތާނާ ދެމެދުގައިވާ މައިގަނޑު އަރާރުމަކީ ކަޝްމީރުގެ މައްސަލައެވެ. ކަޝްމީރުގެ މިލްކުވެރިކަމަށް ދެ ގައުމުން ވެސް ދިޔައީ ދައުވާ ކުރަމުންނެވެ.
އެ މައްސަލައަށް ގުޅިގެން ހަނގުރާމައަށް ގޮސް އެތައް ހަމަނުޖެހުމެއް ވަނީ ހިނގައިފައެވެ. ހަމަނުޖެހުންތަކާ ގުޅިގެން ކަޝްމީރު ވަނީ ދެ ބަޔަކަށް ބަހަލައިފައެވެ. އެއީ އިންޑިއާއިން ހިންގާ ކަޝްމީރުގެ ބަޔަކާއި ޕާކިސްތާނުން ހިންގާ ކަޝްމީރުގެ ބައެކެވެ.
ކަޝްމީރުގެ އިންޑިޔާއަށްވީ ފަޅީގެ މިނިވަންކަމަށް ގޮވާލައި ހަނގުރާމަވެރި ޖަމާއަތްތަކަށް ޕާކިސްތާނުން އެހީތެރިވާކަމަށް އިންޑިއާއިން ތުހުމަތު ކުރާއިރު، ކަޝްމީރުގެ މައްސަލަ ހައްލުކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކަށް އަމަލުކުރުމަށް އިންޑިޔާ ދެކޮޅު ހަދާކަމަށް ޕާކިސްތާނުން ތުހުމަތުކުރެއެވެ.
ކަޝްމީރު މައްސަލައިގައި ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ފަސްވަނަ ދުވަހު އިންޑިއާއިން އެ ގައުމުގެ ގާނޫނުއަސާސީއަށް ބަދަލު ގެނެސް ކަޝްމީރަކީ އިންޑިޔާގެ ބައެއްގެ ގޮތުގައި ކަނޑައެޅުމުންނެވެ.
އަދި އެ ސްޓޭޓަށް ލިބެމުންދިޔަ ހާއްސަ އިމްތިޔާޒުތައް އެ ގައުމުންވަނީ އުވައިލައިފައެވެ. އިންޑިއާއިން ވަނީ ކަޝްމީރު ސަރަހައްދު އެއްކޮށް ބަންދުކޮށް އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައެވެ.
އަދި ބޭރުގައި އުޅުން މަނާކޮށް މުވާސަލާތީ ގުޅުންތަކަށްވެސްވަނީ ހުރަސްއަޅައިފައެވެ. އެކަމާ ގުޅިގެން ޕާކިސްތާނުން ވަނީ އިންޑިއާއާއެކު އޮންނަ ވިޔަފާރީގެ ގުޅުންތައް ކަނޑާލައި އެ ގައުމާއެކު އޮންނަ ހާރިޖީ ގުޅުންތައް ވެސް ހަނިކޮށްފައެވެ.