09 Jun 2024, 08:45
މިދިޔަ އަހަރު ރިލީޒްވި ބޮލީވުޑްގެ ކާމިޔާބު ފިލްމު "އެނިމަލް"އިން ކުޅުނު ރޯލާއެކު ބޮޑު މަޝްހޫރުކަމެއް ލިބުނު ޒުވާން ބަތަލާ ތުރިޕްތީ ދިމްރީ އިންޑިއާގެ މުމްބާއީން އަގު ބޮޑު ގެއެއް ގަނެފިއެވެ.
ފިލްމު "އެނިމަލް"އިން ތުރިޕްތީ ފެނުނީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެ ފިލްމުގައި ބަތަލާ ކުޅުނު ރޯލާ އެކު އާއްމުންގެ ވަރަށް ބޮޑު ސަމާލުކަމެއް ތުރިޕްތީއަށް ލިބުނެވެ. އެއާއެކު ބޮލީވުޑްއިން އިތުރު ފުރުސަތުތައް ލިބި ތުރިޕްތީގެ ކެރިއަރު އިތުރު ހަރުފަތަކަށް ޖެހި ޕްރޮޑިއުސަރުންގެ ދިގު ކިއުއެއް ތުރިޕްތީއަށް ވަނީ ދަމާލެވިފައެވެ.

ތުރިޕްތީ ފިލްމު 'އެނިމަލް'ގެ މަންޒަރެއްގައި އެކްޓަރު ރަންބީރު ކަޕީރާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމުތަކުން ލިބެމުން އަންނަ ފުރުސަތުތަކާ އެކު ތުރިޕްތީއަށް ލިބޭ އާމްދަނީ އިންވެސްޓްކުރުމަށް ނިންމާފައި ވަނީ ރިއަލް އެސްޓޭޓް ވިޔަފާރީގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ދާދިފަހުން ތުރިޕްތީ ގަނެފައިވާ ގެއަކީ އިންޑިއާގެ ގިނަ ފިލްމީ ތަރިންތައް ދިރިއުޅޭ މުމްބާއީގެ އެންމެ އަގުބޮޑު އެއް ސަރަހައްދު ކަމަށްވާ ކާޓަ ރޯޑްގައި ހުންނަ ޖުމްލަ 2،226 އަކަފޫޓްގެ ބިމެކެވެ. ތުރިޕްތީ ގަނެފައިވާ ގޭގެ އަގު 14 ކްރޯޑް ރުޕީސް (1.7 މިލިއަން ޑޮލަރު) އަށް އަރާކަމަށް މީޑީއާތަކުން ވަނީ ބުނެފައެވެ.
ތުރިޕްތީގެ އިތުރުން ވެސް ބޮލީވުޑްގެ ވަރަށް ގިނަ ފިލްމީ ތަރިން ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވެއެވެ. އޭގެތެރޭގައި ޝިލްޕާ ޝެޓީ، ޕްރިޔަންކާ ޗޯޕްރާ،ކާޖޮލް އަދި ކަރީނާ ކަޕޫރު ޚާންގެ ދެމަފިރިން ހިމެނެއެވެ.
ތުރިޕްތީ މި އަހަރު ސޮއިކުރި ފިލްމުތަކުގެ ތެރެއިން ސިނަމާތަކަށް އެންމެ އަވަހަށް ގެންނަން ތާވަލުކުރެވިފައި އޮތީ ދަރުމާ ކުންފުނިން ގެނެސްދޭ ފިލްމު "ބޭޑް ނިއުސް"އެވެ. މި ފިލްމަށްފަހު މި އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްކުރާ ފިލްމު "ބޫލް ބުލައްޔާ3"ގެ މުހިއްމު ރޯލަކުން ވެސް ތުރިޕްތީ ފެންނާނެއެވެ.