ރާއްޖޭގެ ދާހިލީ ހަމަޖެހުން ނަގާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ، ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް، އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ގެމަގާމުގައި ހުންނެވި މުހައްމަދު ހަމީދު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފުލުހުންގެ ވަޒީފާއިން ސަސްޕެންޑު ކޮށްފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެއްވެސް ފުލުހަކު ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭނެ ނަމަ އެމީހެއްގެ ވަޒީފާ ސަސްޕެންޑު ކުރެވޭ ކަމަށާއި، ހަމީދު ހައްޔަރު ކޮށްފައިވަނީ ޖިނާއީ މައްސަލައެއްގެ ތުހުމަތުގައި ކަމުން އޭނާ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކުރިކަން މިހާރު ލިޔުމުން އޭނާ އަށް އަންގާފައިވާނެ ކަމަށެވެ.

\"ފުލުހުންގެ ވަޒީފާއާއި ބެހޭ ގަވައިދުގައި ވެސް އޮންނާނެ އެވާހަކަ ވަރަށް ސާފުކޮށް ބުނެފަ. ހަމީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނި ޖިނާއީ މައްސަލަ އެއްގެ ތުހުމަތުގައި އެހެންވީމަ އެ މައްސަލަ ވަކި ގޮތަކަށް ނިމްނެދެން އޭނާ ވަނީ ވަޒީފާއިން ސަސްޕެންޑު ކުރެވިފައި،\" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހަމީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނެވި އިރު، ފުލުހުންގެ ބޭނުމަށް އެއްކޮށްފައިވާ މުހިއްމު މައުލޫމާތާއި ގައުމީ ސަލާމަތާ ގުޅުންހުރި މުހިއްމު މައުލޫމާތުތަކުގެ އިތުރުން ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް އެހެން ބަޔަކަށް މަންފާ ކުރަނިވި ގޮތަކަށް ފޯރުކޮށްދިން ކަމުގެ ތުހުމަތުގައެވެ.

ހަމީދުގެ މައްޗަށް ފުލުހުން އުފުލާފައިވާ ތުހުމަތާ ގުޅިގެން އޭނާގެ ބަންދުގެ މުއްދަތު ފަސް ދުވަސް ޖަހައިދިނުމަށް ކޯޓުގައި އެދުމުން ފަސްދުވަހުގެ ނިޔަލަށް ބަންދުގެ މުއްދަތުވަނީ ކޯޓުން ޖަހައިދީފައެވެ.

ހަމީދުގެ ވަކީލުން ވަނީ ބަންދުގެ މުއްދަތު ފަސްދުވަސް ޖަހައިދިން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ކުރިން ބުނެފައި ވަނީ މިއަދުގެ ވަގުތެއްގައި ކޯޓުގެ އަޑުއެހުން އޮންނާނެ ކަމަށެވެ.

ހަމީދު ބަންދުކޮށްފައިވާ އިރު އޭނާ މިނިވަން ކުރުމަށް ގޮވާލާ އެމްޑީޕީން އިއްޔެ ވަނީ މުޒާހަރާއެއް ބާއްވާފަ އެވެ.