ރާއްޖޭގައި ހިންގާ މަޝްހޫރު ސެލްބީ ވިޔަފާރީގެ ބާނީ އާދަމް ޝުކުރީ މިރޭ އަވަހާރަވެއްޖެއެވެ.

ޝުކުރީ އަވަހާރަވީ އުމުރުފުޅުން 89 އަހަރުގައެވެ. އަވަހާރަވީއިރު ދިރިއުޅުއްވަމުން ގެންދެވީ މެލޭޝިއާގައެވެ. އަވަހާރަވީ ބަލި ހާލު ބޮޑުވުމާއެކު ފަރުވާއަށް ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައި އޮއްވައެވެ.

ސިއްހީ ފަރުވާއަށް ދިރިއުޅުން ބަދަލުކުރެއްްވުމުގެ ކުރިން ދިރިއުޅުއްވީ ސިންގަޕޫރުގައެވެ.

އޭނާއަކީ މަޝްހޫރު ސެލްބީ ވިޔަފާރީގެ ބާނީއެވެ. ސެލްބީގެ ތެރެއިން ސެލްބީ ޑްރައިވް، ސެލްބީ ސްޓާ ހިންގައެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ފިހާރައެއްގައި ބެހެއްޓި ލިފްޓު ބަހައްޓައިފައިވަނީ ސެލްބީ ޑްރައިވްގައެވެ.

ހަމައެއާއެކު ގިނަ ބަަޔަކު ސިފަކުރާ ގޮތުގައި އޭނާއަކީ ބާޒާރުގައި އެންމެ އިތުބާރުކުރެވޭ އެއް ވިޔަފާރިވެރިޔާއެވެ.

ވިޔަފާރީގެ ތެރެއިން ޝުކުރީވަނީ ސެންޓަރް ހޮޓާ ވެސް ހިންގަވައިފައެވެ.

ޝުކުރީ އަވަހާރަވީއިރު ދުނިޔޭގައި ހަ ބޭފުޅުން އެބަތިއްބެވިއެވެ.