ކުޑަކުދިން ހެއްވާލާ އެ ކުދިންނަށް އުފާވެރިކަން ގެނުވާ ދިވެހި ކެރެކްޓަރު "ރޯބޯމޭން"ގެ ފިލްމަށް ކެރެކްޓަރުން ހޯދަން ކާމިޔާބު އޮޑިޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި އަހަރުގެ ކުޑަކުދިންގެ ދުވަހާ ދިމާކޮށް ރާއްޖޭގެ ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ "އޯކޭޒްއިންކް"އިން ވަނީ ރޯބޯމޭންގެ ފިލްމެއް އުފައްދާނެ ކަމަށް އިއުލާނުކޮށްފައެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ޓޭޕް ހުށަހަޅައިން އޮޑިޝަން ބޭއްވުމަށް ފަހު އިއްޔެ ވަނީ އޮލިމްޕަހުގައި ފިޒިކަލް އޮޑިޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، ހަ އަހަރާއި 13 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ވެސް ބައިވެރިވެވޭ ގޮތަށް އޮޑިޝަން ކުރިއަށް ގެންދިޔައިރު ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

އޯކޭޒްއިންކްއިން ހާމަކޮށްފައިވާ ގޮތުގައި ފިލްމުގެ އޮޑިޝަނަށް ދާނެ ކަމަށް ލަފާކުރީ 50 އާ ގާތް ކުރާ އަދަދަކަށް ކުދިންނެވެ. ނަމަވެސް، މި އޮޑިޝަނަށް 100 އަށް ވުރެ ގިނަ ކުދީން ދިޔައިރު ތަފާތު އެކި ހުނަރުތައް ފެނިފައިވާ ކަމަށް ވަނީ އޯކޭޒްއިންކްއިން ބުނެފައެވެ.

އޮޑިޝަން ތެރެއިން ހީވެސް ނުކުރާ ފަދަ ވަރުގަދަ ހުނަރުތައް ފެނިގެން ގޮސްފައިވާ ކަމަށް ވަނީ ބުނެފައެވެ. އޮޑިޝަންގެ ތެރެއިން ތަފާތު އެކި ރޯލުތަކަށް ކުދިން ހޮވާނެއެވެ.

ރޯބޯމޭންގެ ރޯލުތަކަށް އެކްޓަރުން ހޮވުމަށް ބޭއްވި އޮޑިޝަންގެ ތެރެއިން --- ފޮޓޯ/ އޯކޭޒްއިންކް

ފިލްމުގެ ލީޑު ކެރެކްޓަރުންނަށް ދެ އެކްޓަރުންނެއް ހޮވާއިރު އިތުރު ރޯލުތަކަށް ހަ ވަރަކަށް ކުދިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން އޮޑިޝަންގައި ބައިވެރިވި ހުރިހާ ކުދިންނަށް ވެސް ފިލްމުގެ ބައެއް މަންޒަރުތަކަށް ރޯލު ލިބިގެންދާނެ ކަމަށް އޯކޭޒްއިންކްއިން ބުނެއެވެ. އެއީ، ބައެއް ޕަފޯމެންސް މަންޒަރުތަކުގެ އޯޑިއަންސްގެ ރޯލުތަކުގެ ތެރެއިންނެވެ.

އޮޑިޝަންތައް ރިވިއުކުރުމަށް ފަހު ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ކާސްޓު ހޮވާނެއެވެ. އަދި، ވަރަށް އަވަހަށް ކާސްޓު އިއުލާނުކުރާނެ ކަމަށް ވެސް އޯކޭޒްއިންކްއިން ބުންޏެވެ.

މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދަން ނިންމާފައިވާ "ރޮބޯމޭން"ގެ ޑައިރެކްޓަރުންނަކީ މުހައްމަދު މުންތަސިރު (މުންކޮ)އާއި މަޝްހޫރު ކެމެރާމަން އިބްރާހީމް ވިޝާމް (ކަނޑި)އެވެ.

ފިލްމުގެ ޝޫޓިން ކުރިއަށް ދާނީ މާލެއާއި ހުޅުމާލޭގައެވެ. އަދި، ޝޫޓިންގެ މަސައްކަތް ނިންމާލައި މި އަހަރުގެ ތެރޭގައި ފިލްމު އެޅުވުމަށް ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.