08 Jun 2024, 18:56
ދިވެހި ކަނޑުތައް ކަނޑުތަކުގެ ގުދުރަތީ ނަލަކަމާ، އެކަނޑުތަކުގައިވާ ރޯއްޖާއި ހަޒާނާތަކަކީ ދިވެހީންގެ އިގުތިސާދަށް އޮތް އެންމެ ބޮޑު އުންމީދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވެފައިވަނީ ދުނިޔޭގެ ޗާޓުގައި ދިވެހި ކަނޑުތައް އޮތް ސަރަޙައްދުގެ މުހިންމުކަމާއި، އެ ކަނޑުތަކުގެ ގުދުރަތީ ނަލަކަމާއި، އެ ކަނޑުތަކުގައިވާ ރޯއްޖާއި ހަޒާނާތަކަކީ، ދިވެހީންގެ ތިޔާގި އިގުތިސާދަކަށް އޮތް އެންމެ ބޮޑު އުންމީދު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.
މި އަހަރުގެ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ސަރުކާރުން ގިނަ ހަރަކާތްތަކެއް އަންނަނީ ކުރިޔަށް ގެންދަމުންނެވެ.
އެގޮތުން ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުއިޒް މުބާރާތެއް ކުރިޔަށް ގެންދިއުމާއި "ކަނޑުފަޅަށް ލޯ ހުޅުވަމާ"ގެ ނަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން މައުލޫމާތު ސެޝަނެއް ވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
އަދި ކުޑަކުދިންނަށް އަމާޒުކޮށްގެން "ޑިސްކަވާ ޑައިވް"ގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމާއި "އެންމެން މޫދަށް"ގެ ނަމުގައި މޫދަށް އެރުމުގެ ހަރަކާތެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންގޮސްފައިވެއެވެ.
އަދި "ކަނޑުރޯދި އުފާ ފެސްޓިވަލް"ގެ ނަމުގައި ހުޅުމާލޭގައި ކުރިޔަށްގެންދާ ހަރަކާތުގެ އިތުރުން މިއަދު ހެނދުނު މާލޭގެ ފަޅުތެރެ ސާފުކުރުމުގެ ހަރަކާތެއް ވެސް ކުރިޔަށް ގެންދިޔައެވެ.
މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހަށް ކަނޑައަޅާފައިވާ ތީމަކީ "ކަނޑުތަކާއި މޫސުމަށް ހެޔޮ ބަދަލުގެނައުމުގެ މަސައްކަތް ހަލުވިކުރުން" މިއެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ އަށްވަނަ ދުވަހެވެ.