ރާއްޖެއާ ބެހޭ މަޝްވަރާއަށް އަންނަ ހަފުތާގައި ސީމެގް ބައްދަލު ކުރާއިރު އިންކްއަރީ ކޮމިޝަންގެ ހުރިހާ ކަމެއް ހަމަނުޖައްސައިފި ނަމަ ރާއްޖެއަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އެމަނިކުފާނު އެކަނި ވާދަކުރައްވާ އިންތިހާބާއި ޕާޓީގެ ޗެއާޕާސަންގެ މަގަމާއި އެތެރޭގެ އެހެން އިންތިހާބުތަކުގައި ވޯޓް ދެއްވުމަށް މިއަދު ސިޓީ ހޯލަށް ވަޑައިގަތުމުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުރީގެ ރައީސް ވިދާޅުވީ ކޮމަންވެލްތުން ރާއްޖެއަށް ދީފައިވާ މުހުލަތު ހަމަވާއިރު ވެސް ކޮމިޝަން އެކުލަވާ ނުލާ ގަސްތުގައި ލަސް ކުރަމުން ގެންދާ ކަމަށެވެ. އިހުލާސްތެރި ކަމާއެކު މަސައްކަތް ކުރަން ސަރުކާރު ފަސް ޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންކްއައިރީ ކޮމިޝަންގެ މަސައްކަތް ސަރުކާރުން ގެންދާ ގޮތާމެދު އެމަނިކުފާނު ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި ދެފަރާތުގެ މެދުގައި ހަމަޖެހިފައި އޮތް އުސޫލަކީ އާ ކޮމިޝަންގެ ގަރާރުގައި މިމަހުގެ 10 ވަނަ ދުވަހު ރައީސް މުހައްދު ވަހީދު ހަސަން މަނިކު ސޮއި ކުރެއްވުން ކަމަށެވެ.

ނަމަވެސް ރައީސް ވަހީދުގެ އިނގިރޭސިވިލާތުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ވެސް ގަރާރުގައި ސޮއިކުރެއްވުން ފަސް ކުރައްވާ މަސައްކަތް ދިގުދަންމަވަމުން ގެންދަވަނީ ކަމަށް ވެސް ކުރީގެ ރައީސް ވިދާޅުވި އެވެ.