08 Jun 2024, 15:19
ބުދަ ދުވަހު މަރުވި ނުވަ އަހަރުގެ ކުޑަކުއްޖެއްގެ މަރުގައި އެއްވެސް އިހުމާލެއް އޮތްތޯ އައިޖީއެމްއެޗުން ބަލަމުންދާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
މިދިޔަ ބުދަ ދުވަހު މަރުވީ މާލެއަށް ނިސްބަތްވާ އުމުރުން ނުވަ އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ.
އައިޖީއެމްއެޗުން ބުނީ އެ ކުއްޖާގެ މަރުގައި ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން އެކަންތައްތައް މިހާރު ބަލަމުންދާ ކަމަށެވެ. ނަމަވެސް ކުއްޖާގެ މަރާ ގުޅޭގޮތުން އިތުރު ތަފުސީލެއް ހާމައެއް ނުކުރެއެވެ.
އެނގިފައިވާ ގޮތުގައި ކުއްޖާ އައިޖީއެމްއެޗަށް ގެންދިޔައީ ހުން އައިސްގެންނެވެ. އަދި ކުއްޖާގެ ހާލަތު އިތުރަށް ގޯސްވީ ހޮސްޕިޓަލަށް ވެސް ގެންދިޔަ ފަހުންނެވެ.
އެ ކުއްޖާގެ ޖަނާޒާ ބޭއްވީ މިދިޔަ ބުދަ ދުވަހުގެ ރޭ 22:00 ގައި ސަހަރާ މިސްކިތުގައެވެ.
މީގެ ކުރިން ވެސް ހޮސްޕިޓަލުތަކުގެ އިހުމާލުން މީހުންގެ ފުރާނައަށް ނުރައްކާވި ކަމަށް ނުވަތަ މަރުވި ކަމަށް ތުހުމަތުކުރެވި، މައްސަލަތައް ބަލައިފައިވެއެވެ.