08 Jun 2024, 14:07
ހައްޖު ކިއު ފަޅާލާފައި އެއްވެސް ބަޔަކަށް ޖާގަ ނުދޭ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފަގީރުންނާއި މިސްކީނުން ހައްޖަށް ފޮނުވަން ނިންމި ނިންމުމާ ގުޅިގެން ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒުވާން ފެށުމުން އެ ކަމަށް ރައްދު ދެއްވައި ވަޒީރު ވިދާޅުވީ ސަރުކާރުގެ ބޭނުންތަކަށް ޒަމާނުންސުރެ ޖާގަތައް ޚާއްސަކޮށްފައި އޮންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ބޭނުންތަކަށް ޖާގަތައް ޚާއްސަކުރުމަކީ ހައްޖު ކޯޕަރޭޝަން ރާއްޖޭގައި އުފެދުމުގެ ކުރިން ވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ.
ޝަހީމް ވިދާޅުވީ މިފަހަރަކީ މުޅިން އަލަށް އެއްހާސް މީހުންނަށް ކިއުއިން ޖާގަ ލިބުނު އަހަރު ކަމަށާއި މީގެކުރިން ޖާގަ ލިބެނީ 700 އެއްހާ މީހުންނަށް ކަމަށެވެ.
ވަޒީރު ވިދާޅުވީ މިއަހަރު ރާއްޖެއިން ޖުމްލަ 1150 މީހުން ހައްޖަށް ދާނެ ކަމަށާއި މިއީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. ދެހާސް ބާވީސް ވަނަ އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ދިޔައީ 458 މީހުން ކަމަށާއި އޭގެ ކުރީ ދެއަހަރު ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއިން ހައްޖުގެ އަޅުކަމަށް މީހުން ނުފޮނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޖޫން 7، 2024: ހައްޖުވެރިން ފުރުން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ޝަހީމް ވިދާޅުވީ ރާއްޖޭގެ ހައްޖު ކިއު ދިގުވެފައި އޮތީ ކޮވިޑް-19އާ ގުޅިގެން ތިން އަހަރު މީހުންނަށް ހައްޖަށް ނުދެވުމުގެ ސަބަބުން ކަމަށެވެ. އަދި މި ހަގީގަތް ގަބޫލުނުކޮށް މުއައްސަސާތަކުގެ އަގުވެއްޓޭފަދަ ވާހަކަ ދެއްކުމަކީ ދެރަ ކަމެއް ކަމަށާއި ރާއްޖޭގެ ހައްޖު ކޯޕަރޭޝަނާ މެދު ދިވެހީން އުފާވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ވަޒީރު ވަނީ ކޮންމެ ފަރާތަކުންވެސް ލާރި ދެއްކުމުން ހައްޖުގެ ޖާގައާއި ހައްޖަށް ދެވޭނެ އަހަރު ކަށަވަރު ވާކަމަށާއި ބައެއް ގައުމުތަކުގައި ހައްޖަށްދާ އެންމެން ކަށަވަރު ކުރަނީ ގުރުއަތުން ކަމަށާއި އެއްވެސް މީހަކަށް ދެވޭނެ ކަމުގެ ޔަގީންކަމެއް ނޯންނަ ކަމަށެވެ.
މީގެ އިތުރުން، ރާއްޖެއިން ހައްޖަށް ޖާގަ ދިނުމުގައި، ފަރުޟު ހައްޖު ކުރަން ބޭނުންވާ މީހުންނަށް އިސްކަން ދޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ދިވެހި ހައްޖުވެރިންތަކެއް ފުރަނީ -- ފޮޓޯ/ ހައްޖު ކޯޕަރޭޝަން
ހައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 1000 ރައްޔިތުން އެމަނިކުފާނުގެ ފަސްއަހަރުގެ ދައުރުގެ ތެރޭގައި ހައްޖަށް ފޮނުވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
ނަމަވެސް، ކެރިފޯރުންތެރިކަން ހުންނަ ބަޔަކު އަދާކުރަން ޖެހޭ ކަމަކަށް ދައުލަތުން ޚަރަދުކުރާތީ ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ އެތައް ކަމެއް ފުރިހަމަނުވެ ހުއްޓައި، ނިކަމެތިން ޙައްޖަށް ފޮނުވަން ސަރުކާރުގެ ބައިތުލްމާލުން ނުވަތަ ޒަކާތު ފައިސާއިން ޚަރަދުކޮށްގެން ނުވާނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވަނީ ވިދާޅުވެފައެވެ.