އެއް މަސް ދުވަސް ތެރޭ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 3.6 މިލިއަން ޑޮލަރު ދެއްކުމަށް އިންޑިއާގެ ގޯއެއާ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި ހުކުމް ކޮށްފައި ވަނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ.

މީރާއިން ވަނީ ގޯއެއާގެ މައްޗަށް އެއާޕޯޓު ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްއާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 3،580،588 (ތިން މިލިއަން ފަސް ލައްކަ އަށްޑިހަ ހާސް ފައްސަތޭކަ އަށްޑިހަ އަށް) އެމެރިކާ ޑޮލަރު ހޯދުމަށް ހުށަހަޅާ ދައުވާކޮށްފައެވެ.

އެ މައްސަލާއާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، އެ ފައިސާ މީރާއަށް ދައްކަންޖެހޭކަން ސާބިތުވާކަމަށެވެ. އެހެންވެ، މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަސްތެރޭ އެ ފައިސާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ގޯއެއާއަކީ ރާއްޖެއަށް ޝެޑިއުލް ފްލައިޓް އޮޕަރޭޓްކުރާ ކުންފުންޏެކެވެ.

މީރާއިން އެ ކުންފުންޏާ ދެކޮޅަށް ހުށަހެޅި ދައުވާ ފޯމުގައި ބުނާގޮތުން ގޯއެއާއަކީ 2022 ވަނަ އަހަރުން ފެށިގެން ފަސިންޖަރުންގެ އަތުން ނަގާ ޑިޕާޗާ ޓެކްސްއާއި، އޮކްޓޯބަރު 28، 2018 އިން ފެށިގެން ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓު ޑިވަލޮޕްމަންޓް ފީ ދައުލަތަށް ދައްކަންޖެހޭ ފަރާތެކެވެ.

ގޯއެއާއިން 1 މަސް ތެރޭ މީރާއަށް 3.6 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޑިޕާޗާ ޓެކްސްގެ ގޮތުގައި:

  • އިކޮނޮމީ ކްލާސްގެ ކޮންމެ ބިދޭސީ ފަސިންޖަރަކަށް 30 ޑޮލަރު، ދިވެހި ފަސިންޖަރަކަށް 12 ޑޮލަރު
  • ބިޒްނަސް ކްލާސްގެ ކޮންމެ ބިދޭސީ އަދި ދިވެހި ފަސިންޖަރަކަށް 60 ޑޮލަރު
  • ފަސްޓް ކްލާސްގެ ކޮންމެ ބިދޭސީ އަދި ދިވެހި ފަސިންޖަރަކަށް 90 ޑޮލަރު
  • ޕްރައިވެޓް ޖެޓްގެ ކޮންމެ ބިދޭސީ އަދި ދިވެހި ފަސިންޖަރަކަށް 120 ޑޮލަރު

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި:

  • އިކޮނޮމީ ކްލާސްގެ ކޮންމެ ބިދޭސީ ފަސިންޖަރަކަށް 25 ޑޮލަރު، ދިވެހި ފަސިންޖަރަކަށް 12 ޑޮލަރު
  • ބިޒްނަސް ކްލާސްގެ ކޮންމެ ބިދޭސީ އަދި ދިވެހި ފަސިންޖަރަކަށް 60 ޑޮލަރު
  • ފަސްޓް ކްލާސްގެ ކޮންމެ ބިދޭސީ އަދި ދިވެހި ފަސިންޖަރަކަށް 90 ޑޮލަރު
  • ޕްރައިވެޓް ޖެޓްގެ ކޮންމެ ބިދޭސީ އަދި ދިވެހި ފަސިންޖަރަކަށް 120 ޑޮލަރު

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ މައްސަލައިގެ ދައުވާ ފޯމާއި ލިޔުންތައް، ގޯއެއާއަށް ރައްދުކުރުމުން ވެސް އެ ކުންފުނިން ކޯޓަށް ހާޒިރުވެފައި ނުވާ ކަމަށެވެ. އަދި އެ ކުންފުންޏަށް ދައުވާގެ ދިފާއެއް ހުށަހަޅަން ކަނޑައަޅާފައިވާ މުއްދަތުގައި އެއްވެސް ދިފާއެއް ހުށަހެޅިފައިނުވާ ކަމަށް އެ ކޯޓުން ބުންޏެވެ.

އެހެންކަމުން މި މައްސަލައިގައި ގޯއެއާގެ މައްޗަށް ދައުވާކޮށް ހުކުމްކޮށްފައިވަނީ ގޯއެއާގެ ޣައިރު ހާޒިރުގައެވެ.

ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ ކުރިން ވެސް އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ބޭއްވިއެވެ. އެއަށްފަހު އަނެއްކާ ވެސް އެ އެއާލައިނުން 2020 ވަނަ އަހަރުގެ ފަހުކޮޅު ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފައެވެ.