16 Jun 2012, 14:21
ވޯލްޑް އެންވަޔަރެންމެންޓް އޯގަނައިޒޭޝަންގެ ނަމުގައި ބައިނަލްއަޤްވާމީ މައި ޖަމާއަތެއް އުފައްދަން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.
މި މަހުގެ 15 އިން އިއްޔެގެ ނިޔަލަށް ބްރެޒިލްގެ ރިއޯޑިޖެނީރޯގައި ކުރިއަށްދިޔަ \"ދަ ވޯލްޑް ސަމިޓް އޮފް ލެޖިސްލޭޓަސް\" ގައި ތަގުރީރު ކުރައްވަމުން ޝާހިދު ވިދާޅުވީ ބައިނަލް އަގްވާމީ މައިދާނުގައި މިހާރަށްވުރެ ބޮޑަށް ތިމާވެށި ހިމާޔަތް ކުރުމުގެ މުހިންމުކަން ފާހަގަ ކުރަންޖެހިފައިވާ ކަމަށެވެ. އަދި ވޯލްޑް އެންވަޔަރެންމެންޓް އޯގަނައިޒޭޝަންގެ ނަމުގައި ބައިނަލްއަޤްވާމީ މައި ޖަމާޢަތެއް އުފެއްދުމަކީ މުހިންމު ކަމެއްކަމަށް ޝާހިދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެފަދަ ޖަމާއަތެއް އުފެއްދެވިއްޖެނަމަ ވެގެންދާނީ، ކުރިއަށް އޮތް ޖީލުތަކަށް ތިމާވެށި ހިމާޔަތް ކުރުމުގެ މުހިންމު ކަމާއި، އިންސާނިއްޔަތާއި ތިމާވެއްޓާއި ގުޅި ލާމެހިފައިވާ މިންވަރު އެންގުމުގައި މުހިންމު ވަސީލަތަކަށް ކަމަށެވެ.
ރިއޯޑި ޖެނީރޯގެ ޓައިރަޑެންޓެސް ޕެލެސްގައި ކުރިއަށް ދިޔަ ސަމިޓްގެ ބައްދަލުވުމުގައި ތަޤްރީރުކުރައްވަމުން، މޫސުމަށް އަންނަ ބަދަލުތަކާއި ރާއްޖެފަދަ ނާޒުކު ތިމާވެށިތައް ހިމާޔަތް ކުރަން ބައިނަލްއަޤްވާމީ ގޮތުން ކުރުން މުހިންމު ކަންތައްތަކަށް އަލިއަޅުވާލައްވާ ވެސް ޝާހިދު ވާހަކަފުޅު ދެއްކެވި އެވެ.
\"... ތިމާވެއްޓާއި ރައްޓެހި، ކާބަން ނިއުޓްރަލް މަންޒިލަކަށް ދަތުރުކުރަން ރާއްޖެފަދަ ކުދި ޤައުމުތަކުން ކުރާ މަސައްކަތްތަކުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މި މަސައްކަތް ކުރުމަށް ޚަރަދުވާ މިންވަރު ބޮޑުވުމާއި، މި މަސައްކަތް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުން. ވީމާ މާލިއްޔަތަށް ބުރޫ ނާރާނޭ ފަދަގޮތަކަށް ދެމެހެއްޓެނިވި އަދި ފެހި ތަރައްޤީއަކަށް ވާސިލުވުމަށް އެހީތެރިވެދޭންޖެހޭ،\" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ތިމާވެއްޓާއި އިންސާނީ ހައްޤުތައް ލާމެހިފައިވާ ކަން ދުނިޔެއަށް އަންގައިދިނުމަށް ރާއްޖެއިން އިސްނަގައިގެން ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭ ކުރަމުންދިޔަ މަސައްކަތަށް ބައިނަލްއަޤްވާމީ އެއްބާރުލުން ރިއޯ +20 ގައި ދެއްވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ދަ ވޯލްޑް ސަމިޓް އޮފް ލެޖިސްލޭޓާސް 2012 އަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް މިމަހުގެ 20 ން 22 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ރިއޯ +20 ސަމިޓަށް ހިތްވަރުދިނުމުގެ ގޮތުންނާއި ދުނިޔޭގެ އެކި ޤައުމުތަކުގައި ސަރުކާރު ހިންގުމުގެ މައްސޫލިއްޔަތު ހަރުދަނާކުރުމަށް ޤާނޫނު ހަދާ މަޖިލީހުގެ ރައީސުންނާއި މެންބަރުން މަޝްވަރާކުރެއްވުމަށް ބޭއްވި ޖަލްސާއެކެވެ.