07 Jun 2024, 23:25
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ޗައިނާގެ ލޫނާ ރޯވަރުން ހަނދުގެ ދުރު ފަރާތުގައި "ސެލްފީ" ނަގައިފިއެވެ.
ހަނދުން ސާމްޕަލް ނެގުމަށް ޗައިނާއިން މިދިޔަހަފްތާގައި ފޮނުވާލި ޖައްވީ އުޅަނދު ޗައިނާގެ ރޮބޮޓިކް ޗަންގާ-6 ލޫނާ ރޯވަރުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަނދުގެ ދުރު ފަރާތުން ނަގާފައިވާ "ސެލްފީ" ފޮޓޯއެއް މި ހަފުތާގެ ކުރީކޮޅު ވަނީ ދައްކާލައިފައެވެ.
މި ކާމިޔާބީއިން ދައްކުވައިދެނީ ޗައިނާގެ ޖައްވީ ދިރާސާގެ ޕްރޮގްރާމްގެ ޤާބިލުކަން އިތުރުވަމުންދާކަމެވެ.
ޗައިނާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު ސާމްޕަލް ނެގުމުގެ މަސައްކަތް ނިންމުމަށްފަހު، ހަތަރު ފުރޮޅުލީ 11 ޕައުންޑުގެ މި ރޯވަރު ހަނދުގެ ސަރަޙައްދުގެ އެކި ކަންކޮޅުތަކުގައި އަމިއްލަ އަށް ދަތުރުކޮށްފައިވަނީ ހަނދުގައި ފޮޓޯ ނެގުމަށް އެންމެ އެކަށީގެންވާ އޭންގަލް އާއި ޕޮޒިޝަން ހޯދުމަށެވެ.
އެ ފޮޓޯގައި ހަނދުގެ ސަރަޙައްދުގައި ޗައިނާގެ ދިދަ ވެސް ފެންނަން ހުއްޓެވެ.
ޗަންގާ-6 މިޝަން ކާމިޔާބުކަމާއެކު އާދީއްތަ ދުވަހު ހަނދުގެ ދުރު ފަރާތަށް ޖައްސާފައިވާއިރު ހަނދުގެ ސާމްޕަލް ނެގުމަށްފަހު އަންގާރަ ދުވަހުގެ ހެނދުނު ވަނީ އެނބުރި ދުނިޔެއަށް ފުރާފައެވެ.
ޗައިނާގެ ކުރީގެ ޗަންގާ-5 މިޝަނާ އަޅާބަލާއިރު، ޗާންގާ-6 ގައި ހަނދުގެ ދުރު ފަރާތުގައި އޮޕަރޭޓް ކުރުމަށް ދިމާވާ އިތުރު ގޮންޖެހުންތަކާ ކުރިމަތިލުމަށް ޓަކައި އޮޓޮނޮމަސް ނެވިގޭޝަން އަދި ކޮންޓްރޯލް ސިސްޓަމްތައް ވަނީ ރަނގަޅުކޮށްފައެވެ.
އާޓިފިޝަލް އިންޓެލިޖެންސްގެ މި އުފެއްދުންތެރި ބޭނުންތަކުގެ ސަބަބުން ރޯވާއަށް ހަނދުން އަމިއްލަ ފޮޓޯގްރަފިކް "ސެލްފީއެއް" ވަރަށް ރަނގަޅަށް ފްރޭމްކޮށް ކެޕްޗާ ކުރުމުގެ ފުރުސަތު ލިބުނީ އިންސާނީ އޮޕަރޭޓަރުން ބޭނުންވާ ސީދާ ކެމެރާ ޕޮޒިޝަން ހިސާބު ކުރުމެއް ނެތިއެވެ.
މިއީ ޖައްވީ ދިރާސާތަކުގައި އިމޭޖަރީއަށް އޭއައި ޓެކްނޮލޮޖީގެ އިނޮވޭޓިވް އެޕްލިކޭޝަން ބޭނުން ކުރެވުނު ފުރަތަމަ ފަހަރު ކަމަށް ވެދާނެއެވެ.
ޗައިނާގެ ޖައްވީ ގާބިލްކަން ހަލުވިކަމާއެކު ކުރިއަރަމުން އަންނައިރު، ޗަންގާ-6 އިން ހަނދުގެ ސާމްޕަލް ނަގައިގެން އަލުން އެނބުރި ދުނިޔެއަށް އައުން ރަމްޒުކޮށްދެނީ ޗައިނާގެ ޖައްވީ ދިރާސާތަކަށް ލިބެމުންދާ ކުރިއެރުމެވެ.
މީގެއިތުރުން ވެސް މިދިޔަ ބުރާސްފަތި ދުވަހު ޗައިނާއިން ވަނީ އެ ގައުމުގެ ކޮމާޝަލް ސެރެސް-1 ކެރިއާ ރޮކެޓް ބޭނުންކޮށްގެން އާ ތިން ސެޓެލައިޓެއް ކާމިޔާބުކަމާއެކު ލޯންޗްކޮށްފައެވެ.