07 Jun 2024, 21:04
ރާއްޖޭގެ ކަޅު ބާޒާރުގައި ދިވެހި ރުފިޔާއަށް ޑޮލަރު ވިއްކާ ރޭޓުތައް އަނެއްކާ ވެސް އުފުލެން ފަށައިފިއެވެ.
މިގޮތުން، ކަޅު ބާޒާރުގައި ޑޮލަރުގެ އަގުތައް މިހާރު ވިއްކަނީ 17.70 އާއި 18 ރުފިޔާއާ ދެމެދު އަގުތަކެއްގައެވެ.
ޑޮލަރުގެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނާ ގޮތުން، މި ދުވަސްވަރު ޑޮލަރުގެ އަގުތައް އުފުލެން ފަށައިފައި ވަނީ، ހައްޖަށް ދާ މީހުންނާއި ޗުއްޓީއަށް ދާ މީހުން ޑޮލަރު ގަންނާތީ ކަމަށް ބެލެވޭކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޑޮލަރުގެ އަގު އުފުލިފައި ވަނީ ޑޮލަރުގެ އަގު އުފުލިގެން އުޅެން ނުޖެހޭނެ ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށެވެ.

މީހަކު އޭޓިއެމް އިން ޑޮލަރު ނަގަނީ: ކަޅު ބާޒާރުގައި ޑޮލަރުގެ އަގުތައް އަނެއްކާވެސް ވަނީ އުފުލެން ފަށާފަ --- ފޮޓޯ: ބީއެމްއެލް
މި އަހަރު ފެށުނުއިރު ވެސް، ޑޮލަރުގެ އަގުތައް ކަޅު ބާޒާރުގައި ހުރީ 18 ރުފިޔާގައެވެ. އޭރު އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އޮތް ހަތަރު މަހެއްހައި ދުވަހުން ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުން ކަމަށެވެ.
ނަމަވެސް، ފަތުރުވެރިކަމުގެ ސީޒަން ނިމި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު މަދުވެފައި ވަނިކޮށް އަނެއްކާ ވެސް ކަޅު ބާޒާރުގައި މި ވަނީ ޑޮލަރުގެ އަގުތައް އުފުލެން ފަށާފައެވެ.
ރަސްމީކޮށް ބޭންކުން ޑޮލަރު ވިއްކާ ރޭޓަކީ އަދިވެސް 15.42 ރުފިޔާއެވެ. ނަމަވެސް ބޭންކުން ޑޮލަރު ދޫކުރަނީ ވަކި މިންވަރަކަށެވެ.
އެގޮތުން ދުވާލެއްގެ މައްޗަށް އެންމެ ގިނައިން އޭޓީއެމް ނުވަތަ ބްރާންޗް މެދުވެރިކޮށް ނެގޭނީ 1،600 ޑޮލަރުކަމުގައި ގައުމީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވަނީ ކަނޑައަޅައިފައެވެ.
އެހެންވެ، އެއަށްވުރެ އިތުރަށް ޑޮލަރު ބޭނުންވާ ވިޔަފާރިވެރިން ނުވަތަ ދަތުރުވެރިން، ޑޮލަރު ހޯދުމުގައި އެހެން ބައެއް ގޮތްތައް ބޭނުން ކުރެއެވެ.
އޭގެ ތެރެއިން އެއް ގޮތަކީ ފައިސާ އެކްސްޗޭންޖް ވައިބާ ކޮމިއުނިޓީ ގްރޫޕުތަކުގައި ޑޮލަރުގެ މުއާމަލާތްތައް ހިންގުމެވެ.