ވެރިކަން ބަދަލުވި ގޮތުގެ ތަހުގީގު ކުރަން އުފައްދާފައިވާ ނޭޝަނަލް އިންކްއަރީ ކޮމިޝަނުގައި ހިމެނި ވަޑައިގަންނަވާ ސިންގަޕޫރުގެ ރިޓަޔާޑް ފަނޑިޔާރު އަންނަ ބުރާސްފަތި ދުވަހު މާލެ ވަޑައިގެންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވީ ކޮމިޝަނުގެ މަސައްކަތް ފެށިގެން ދާނީ އެ ފަނޑިޔާރު ރާއްޖެ ވަޑައިގަތުމުން ކަމަށެވެ.

ފަނޑިޔާރާއެކު އިންކްއަރީ ކޮމިޝަނުގައި ފަސް ބޭފުޅުން ތިއްބަވާނެ އެވެ.

ކޮމިޝަނުގެ މަސައްކަތް އަލުން ފަަށާއިރު ކޮމިޝަނުގައި ތިއްބަވާނީ އިސްމާއީލް ޝަފީއު އާއި ޑރ. އިބްރާހިމް ޔާސިރު އަދި ޑރ. އަލީ ފަވާޒް ޝަރީފުގެ އިތުރުން ކުރީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން ކޮމިޝަނަށް ހަމަޖެއްސެވި ގަހާ އަހުމަދު ސައީދާއި ރިޓާޔާޑް ފަނޑިޔާރެވެ. ކޮމިޝަނުގެ ކޯޗެއާ އަކީ ވެސް ފަނޑިޔާރެވެ.

އިސްމާއިލް ޝަފީއު އުމުރާ ދަތުރު ފުޅަކަށް ފުރައިވަޑައިގަތުމަށް ހަމަޖެހިފައިވާތީ އޭނާގެ ބަދަލުގައި ވަގުތީ ގޮތުން ބޭފުޅަކު އައްޔަން ކުރަން ވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް އެ ނަން އަދި އިއުލާނެއް ނުކުރެ އެވެ.