މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރިމިއާކުރި ސީރީޒް "ހީރާމަންޑީ:ދަ ޑައިމަންޑް ބަޒާރު"ގެ ކާސްޓުންގެ ތެރެއިން އެންމެ ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެކަކީ ޒުވާން ބަތަލާ ޝަރުމިން ސޭގަލްއެވެ.

މި ސީރީޒްގެ ޑައިރެކްޓަރު މަޝްހޫރު ސަންޖޭ ލީލާ ބަންސާލީއަށް ބޮޑު ބޭބެ ކިޔާ ޝަރުމިން ސީރީޒްގައި ދެއްކި އެކްޓިން އެއް ބަޔަކަށް ކަމުނުދިޔައިރު އޭނާގެ މައުސޫމުކަމާއި ސާދާސީދާ މިޒާޖަށް ގިނަ ބައެއްގެ ލޯބި ވެސް އޮހުނެވެ. ޝަރުމިންއަށް އާއްމުންގެ ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވީ "ހީރާމަންޑީ"ގެ ޕްރޮމޯޝަނަލް އިވެންޓްތަކާ ގުޅިގެން މީޑިއާއަށް ދިން އިންޓަވިއުތަކުގައި ތަންކޮޅެއް އަދަބު ކުޑަކޮށް ވާހަކަދެއްކުމުން ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އެހެންނަމަވެސް 'އާލަމްޒޭބް'ގެ ރޯލުން "ހީރާމަންޑީ"އިން ފެނުނު ބަތަލާގެ އެއްވެސް ފަރުވާލެއް މިކަމުގައި ނެތެވެ. މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޝަރުމީން ބުނީ، މީހުން މަލާމާތްކުރަން ފެށުމުން ފުރަތަމަ ވަރަށް އަސަރުކުރި ކަމަށެވެ.

މީގެ ކުރިން ވެސް ނަފުސާނީ ބަލީގެ ޝިކާރައަކަށްވެ އެ ކަމަށް ފަރުވާ ހޯދަމުން އަންނަނިކޮށް "ހީރާމަންޑީ" ރިލީޒްކުރުމުން އާއްމުންގެ ނުރުހުމުގެ ބަސްތަކުން އަސަރުކުރި ނަމަވެސް ގިނަ ބަޔަކު ބަތަލާއަށް ލޯބިން ފުރިފައިވާ މެސެޖުތައް ފޮނުވިކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ބަތަލާ ޝަރުމިން ސަންޖޭ ލީލާ ބަންސާލީއާ އެކު--ފޮޓޯ/އެންޑީޓީވީ
ޕިންކްވިލާއަށް ދިން އިންޓަވިއުގައި ޝަރުމިން ބުނީ، އަމިއްލަ ސޯޝަލް މީޑިއާގެ އިންބޮކްސް ފުރިފައި ހުރީ އާއްމުންގެ ފަރާތުން ލިބޭ ތަރުހީބުގެ މެސެޖުތަކުން ކަމަށާއި ކްރިޓިސައިޒްކުރާ މީހުންގެ ފާޑުކިޔުންތަކަށް އެއްވެސް ވަރަކަށް މިހާރު ސަމާލުކަން ނުދޭ ކަމަށެވެ.

ޝަރުމިން ސޭގަލްއަށް "ހީރާމަންޑީ"އިން ފުރުސަތު ލިބުނީ ބޮޑުބޭބެގެ ފަރާތުން ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް އޭގެ ރައްދުގައި ސަންޖޭ ބުނެފައިވަނީ ޝަރުމިން ސީރީޒްއަށް ހޮވާފައި ވަނީ 30 އޮޑިޝަން ސެޝަންއަށް ހާޒިރުކޮށް ސްކްރީން ކުރުމަށް ފަހު ކަމަށެވެ.

ޝަރުމިން ވަނީ ސަންޖޭ ބަންސާލީ އުފެއްދި ހަތަރު ފިލްމެއްގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.