06 Jun 2024, 20:26
އިންޑިއާގެ އާންމު އިންތިޚާބުން ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) ހިމެނޭ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)އިން ކުރިހޯދައި ތިންވަނަ ދައުރަކަށް ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށް ހުވައިކުރުމަށް ބާއްވާ ހަފުލާއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ދައުވަތު ދެއްވައިފިއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ރައީސް ޑރ. މުއިއްޒަށް ދައުވަތު ލިބިފައިވާކަމަށް ރިޕޯޓުކޮށްފައެވެ. އެގޮތުން އިންޑިއާގެ އޭޝިއަން އިންޓަނޭޝަނަލް ނިއުސް (އޭއެންއައި)އިން ވަނީ ދައުވަތު ދީފައިވާކަމަށް ރިޕޯޓުކޮށްފައެވެ.
އެ ގައުމުގެ ނޫސްތަކުން މިހެން ރިޕޯޓުކުރި ނަމަވެސް ސަރުކާރުގެ ރަސްމީ ބަހެއް މި ކަމުގައި އަދި ލިބޭގޮތެއް ނުވެއެވެ. އެގޮތުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދަށް ގުޅައިލުމަށް މަސައްކަތްކުރި ނަމަވެސް އަދި ޖަވާބެއް ލިބޭ ގޮތްވަނީ ނުވެފައެވެ.
އެންމެ ފުރަތަމަ މޯދީއަށް މަރުހަބާ ވިދާޅުވި ލީޑަރުންގެ ތެރޭ ރައީސް ހިމެނިވަޑައިގަންނަވައެވެ.
އެގޮތުން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ދެ ގައުމުގެ ހަމަޖެހުމާއި ލާބައަށް ޓަކައި ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ރައީސަށް ޝުކުރު އަދައިކުރައްވައި މޯދީވަނީ ރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮތް އިންޑިއާގެ މުހިންމު ބައިވެރިއެއް ކަމަށާއި، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް، މިހާރަށްވުރެ ގާތް އެއްބާރުލުމަކަށް އެދިވަޑައިގަންނަވާ ކަމުގައި މޯދީ ވިދާޅުވެފައެވެ.
ދެހާސް އަށާރަވަނަ އަހަރު މޯދީވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ހުވައިކުރެއްވި ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންފައެެވެ.
މިދިޔަ އޭޕްރިލް މަހުގެ 19ގައި ފެށުމަށްފަހު، މި މަހުގެ އެކެއްގައި ނިންމި އާންމު އިންތިޚާބުން މޯދީ ވަނީ ކާމިޔާބީ އިއުލާންކުރައްވައިފައެވެ.
އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ނަތީޖާއިން ދައްކާ ގޮތުގައި މިހާތަނަށް ވެރިކަން ކުރާ ބީޖޭޕީއަށް ވަނީ 240 ގޮނޑި ލިބިފައެވެ.
އެއާއެކު އެ ޕާޓީ އިސްވެ އޮންނަ ކޯލިޝަނަށް މިހާތަނަށް 296 ގޮނޑި ލިބި، ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.