ދިވެހި އޮންލައިން ފިހާރަ އައިބޭގައި ވިއްކާލަން މީހަކު އިޝްތިހާރުކުރި ބުދެއް ފުލުހުން އަތުލައިފި އެވެ.

ރާއްޖެއިން ބޭރުން ބުދު ގެނެސް ބުދު ވިއްކަމުންދިޔަ މީހާ މިއަދު ބުނީ އޭނާ ރާއްޖެއަށް ގެނެއީ އެއްގޮތަކަށް ވެސް އަޅުކަން ކުރާ ބުދު ނޫން ކަމަށާއި ގެނައީ ރާއްޖޭގެ ސުވެނިއާ ފިހާރަތަކުގައި ވެސް ވިއްކާ ވައްތަރުގެ ބުދެއް ކަމަށެވެ. އޭނާ އަދި ބުނީ ސްވެނިއާ ޝޮޕަށްވުރެ އަގު ހެޔޮށް ވިއްކަލަން ވެގެން އެ ބުދުގެ އިޝްތިހާރެއް ޖެހުމުން ބަޔަކު އެކަން ފުލުހުންނަށް ރިޕޯޓް ކުރީ ކަމަށް ބެލެވޭ ކަމަށެވެ.

އޭނާ ބުނީ އެ ބުދު އެތެރެ ކޮށްފައިވަނީ ކަސްޓަމްސް އިން ކްލިއަރެނެސް ލިބިގެން ކަމަށާއި ބުދުގައި މައްސައްލަ އެއް އޮތް ނަމަ ކަސްޓަމްސްއިން ހިފަހައްޓާނެ ކަމަށް ގަބޫލު ކުރެވޭކަމަށެވެ. މިހާރު އެ ބުދު ފުލުހުން ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

\\\"އެންމެ ބުދެއް ގެނައީ ވެސް އެއީ ގާތްގަނޑަކަށް އެއްފޫޓުގެ ބުދެއް. މީހަކު ރިޕޯޓް ކޮށްފައި އޮތްކަމަށް ފުލުހުން ބުނަނީ އަޅުކަން ކުރާ ޒާތުގެ ބުދު ވިއްކަނީ އޭ ކިޔާފައި. އޭތި ފުލުހުން މިހާރު ގެންގޮސްފި،\\\" އޭނާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރާއްޖެއިން ބޭރުން އެއް ފޫޓުގެ ބުދެއް ގެނެސް އެ ވިއްކަން އުޅޭކަމުގެ މައުލުމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން އެ ބުދު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށާއި އެބުދަކީ އަޅުކަންކުރަން ގެންގުޅޭ އެއްޗެއްތޯ ނުވަތަ ސުވެނިއާއެއްތޯ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.