މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމަށް ހިންނާ ޚާލިދު މިއަދު އައްޔަނުކޮށްފިއެވެ.

ހިންނާއަށް މަގާމުގެ ލިޔުން ހަވާލުކޮށްފައިވަނީ ހޯމް މިނިސްޓްރީގައި އެ ކަމަށް ބޭއްވުނު ރަސްމިއްޔާތެއްގެ ތެރެއިންނެވެ. އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ސިވިލް ސާވިސް ކޮމިޝަންގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހިންނާ ވަނީ މީގެ ކުރިން ހޯމް މިނިސްޓްރީގެ ސްޕޯކްސްޕާސަންކަމުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

މީގެ އިތުރުން، ހިންނާ ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީކަމުގެ މަގާމު ވެސް ފުރުއްވާފައެވެ.

ހިންނާ ވަނީ މާސްޓާ އޮފް ބިޒްނެސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ.

ހިންނާ ފާހަގަކުރެވިފައިވަނީ މީގެ ކުރިން ތަފާތު ރިސާޗު ޕްރޮގްރާމްތަކުގައި ބައިވެރިވެ އެ ދާއިރާތަކުން ތަޖުރިބާ ލިބިފައިވާ ފަރާތެއްގެ ގޮތުގައެވެ. އެގޮތުން، އޭނާ ވަނީ ޑިޕްލޮމާ އިން ސޯޝަލް ސައިންސް ރިސާޗް އަދި ޑިޕްލޮމާ އިން ޕީއެޗްސީ މެނޭޖްމަންޓް ހާސިލުކުރައްވާފައެވެ.