06 Jun 2024, 09:28
ފަލަސްތީނުގެ މެދުތެރޭގައި އޮންނަ ނުސެއިރަތު ރެފިއުޖީ ކޭމްޕްގައި ގެދޮރު ގެއްލިފައިވާ މީހުން ހިޔާވަހިކަން ހޯދައިގެން ތިބި ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި 27 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމުވެއްޖެއެވެ.
ނަމަވެސް ޒަޚަމުވެފައިވާ މީހުން ގެންދެވޭނެ އެންމެ ކައިރީގައި ހުރި އަލް އަޤްޞާ މާޓިއާ ހޮސްޕިޓަލުން އެ މީހުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ވަނީ ދަތިވެފައެވެ. އެ ހޮސްޕިޓަލަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ދެ ޖަނެރޭޓަރުގެ ތެރެއިން އެއް ޖަނެރޭޓަރު ހަލާކުވެފައިވާ ކަމަށާއި، އެހެން ކަމުން ޚިދުމަތް ދިނުމަށް ދަތިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
އިންކިއުބޭޓަރުގައިތިބި ކުދިންނާއި އަލަށް އުފަންވާ ކުދިން އަދި އައިސީޔޫގައި ތިބި ބަލި މީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ވެސް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
އިސްރާއީލުގެ ފައުޖުތަކުން ދޭ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ސިއްހީ ނިޒާމު ފުނޑުފުނޑުވެފައިވާއިރު، ޣައްޒާގައި ތިބި ފަލަސްތީނުގެ އެއް މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަނޑުހައިހޫނުކަމުގެ ހާލަތު އިންތިހާއަށް ކުރިމަތިވެދާނެ ކަމަށް ވެސް އދ އިން ވަނީ ބުނެފައެވެ.
ނަމަވެސް، ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތް ނައްތާލުމަށް ކަމަށް ބުނެ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ބޮޑު ޖަރީމާ ހުއްޓުމަކަށް ގެނައުމުގެ އެއްވެސް ވިސްނުމެއް އިސްރާއީލުން ނުގެންގުޅެއެވެ. ހަނގުރާމައަށް އަށް މަސް ދުވަސްވެފައިވާއިރު، ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.
ހަނގުރާމަ ހުއްޓައިލުމަށް އެތައް ފަހަރަކު ހުށަހެޅި ހުށަހެޅުންތަކަށް ނަތަންޔާހޫ ވަނީ އެއްބަސްވެވަޑައިނުގެންފައެވެ. ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާގެ ރައިސް ޖޯ ބައިޑެން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމަށް ވެސް އިސްރާއީލުން ވަނީ ދެކޮޅު ހަދައިފައެވެ. އަދި، ހަމާސް ބަލިކޮށް ހަނގުރާމައިގެ މަގުސަދުތައް ހާސިލުނުވާނީސް ހަނގުރާމަ ހުއްޓައިނުލާނެ ކަމަށް ނަތަންޔާހޫގެ އޮފީހުން ބުނެފައިވެއެވެ.
އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 36،586 މީހުން މަރުވެ، 83،074 މީހުން ޒަޚަމުވެފައިވާއިރު، ހަމާސްގެ ހަމަލާތަކުގައި މަރުވި އިސްރާއީލު މީހުންގެ އަދަދު ވަނީ 1139 އަށް އަރައިފައެވެ.