05 Jun 2024, 23:42
ފާއިތުވި ފަސް މަސް ތެރޭގައި ރާއްޖެއަށް މިލިއަނެއްހާ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް، ރާއްޖެއަށް ޒިޔާރަތްކުރީ 907،066 ފަތުރުވެރިންނެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 825،239 ފަތުރުވެރިންނެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ފަތުރުވެރިން ޒިޔާރަތްކުރި އަދަދާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ގިނައެވެ.
ވޭތުވެދިޔަ ފަސް މަސް ދުވަހު ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރި ޗައިނާ އިން 102،706 ފަތުރުވެރިން އައިސްފައިވެއެވެ.
މިދިޔަ ފަސް މަސް ތެރޭގައި ގައުމުތަކުން ފަތުރުވެރިން ޒިޔާރަތްކުރި އަދަދު:
ޗައިނާ: 102،706
- ރަޝިއާ: 91،911
- ޔޫކޭ: 86،083
- އިޓަލީ: 75،731
- ޖާމެނީ: 73،357
- އިންޑިއާ: 54،786
- ފުރާންސް: 32،455
- ޔޫއެސްއޭ: 32،049
- ސްވިޒަލޭންޑް:21،528
- ޕޮލަނެޑް: 17،502
ވޭތުވެދިޔަ ދެ އަހަރާ އަޅައިބަލާއިރު މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ.
ނިމިދިޔަ މެއި މަހު ރާއްޖޭއަށް ދުވާލެއްގެ މައްޗަށް އައީ އެވަރެޖް ގޮތެއްގައި 3،865 ފަތުރުވެރިންނެވެ. އަދި ރާއްޖޭގައި މަޑުކޮށްފައި ވަނީ 7.3 ދުވަހަށެވެ.
މިމަހު ފެށޭ ޔޫރޯ ފުޓުބޯޅަ މުބާރާތާ ގުޅިގެން ވެސް ޔޫރަޕުން ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވާނެ ކަމަށް މަޓާޓޯއިން ވަނީ ލަފާކޮށްފައެވެ.
ދެ މިލިއަން ފަތުރުވެރިންނަށްވުރެ ގިނައިން މި އަހަރު ފަތުރުވެރިން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އަންދާޒާ ކުރެއެވެ.