16 Jun 2012, 11:25
ބޭރު ފައިސާ ނުވަތަ ޑޮލަރުގެ ގޮތު ރާއްޖެއަށް ލިބޭ އާމްދަނީ 24 ޕަސެންޓް ދަށަށް ގޮސް ބޭރު ފައިސާގެ އާމްދަނީ 15 މިލިއަން ޑޮލަރަށް ވެއްޓިއްޖެ އެވެ.
މީރާއިން އެންމެ ފަހުން އާންމުކޮށްފައިވާ މިދިޔަ މަހުގެ އާމްދަނީގެ ރިޕޯޓުން ދައްކާ ގޮތުން ބޭރު ފައިސާގެ މިދިޔަ މަހު ދައުލަތަށް ލިބިފައިވަނީ 15.6 މިލިއަން ޑޮލަރެވެ. އެއީ މިދިޔަ އެޕްރީލް މަހު ދައުލަތަށް ލިބުނު 19.7 މިލިއަން ޑޮލަރަށް ވުރެ 24 ޕަސެންޓް ދަށް އަދަދެކެވެ. ޑޮލަރުގެ އާމްދަނީ ބޮޑު ތަނުން ދަށަށް ގޮސްފައިވަނީ ބޭރު ފައިސާގެ އާމްދަނީގެ 50 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިއްސާކުރާ ޓީ ޖީއެސްޓީން ލިބުނު އާމްދަނީ ދަށަށް ދިޔުމެވެ.
އެޕްރީލް މަހާއި އަޅާބަލާއިރު މިދިޔަ މަހު ޓީ ޖީއެސްޓީއަށް ލިބުނު ނުވަ މިލިއަން ޑޮލަރަކީ 12 ޕަސެންޓް ދަށް އަދަދެކެވެ. އެޕްރީލް މަހު ޓީ ޖީއެސްޓީގެ ގޮތުގައި ލިބުނީ 10.2 މިލިއަން ޑޮލަރެވެ.
އިގްތިސޯދީ ތަޖުރިބާކާރަކު ވިދާޅުވީ ޑޮލަރުން ލިބޭ އާމްދަނީ ދަށަށް ދަނީ ޓޫރިސްޓުން އައުން މަދުވުން ނޫނީ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ފައިސާގެ އަދަދު މަދުވުމުން ކަމަށެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ ރަނގަޅުވެ ޓޫރިޒަމަށް ދިމާވެފައިވާ ހާލަތުން އަރައިގަނެވިފަ އެވެ.
\"ޓީ ޖީއެސްޓީ މި ނެގެނީ ހޯދާ ހިދުމަތުން ޓޫރިސްޓުންގެ އަތުން، މިސާލަކަށް ޗައިނާ ޓޫރިސްޓުން ހޭދަކުރާ މިންވަރު މަދު ނަމަ ޖީއެސްޓީ ވެސް ލިބޭނީ މަދުން،\" އޭނާ ވިދާޅުވި އެވެ. \"ޗައިނާގެ ޓޫރިސްޓުންނަކީ އާންމުކޮށް ހޭދަކުރާ ބަޔެއް ނޫން، އެއީ މީހުންގެ ސްޕެންޑިން ކުޑަކޮށް ލޯ ވާނެ،\"
ރާއްޖެއަންނަ ޓޫރިސްޓުންގެ އަށް ޕަސެންޓަށްވުރެ ވެސް ބޮޑު ބައެއް ހިއްސާކުރަނީ ޗައިނާގެ ޓޫރިސްޓުންނެވެ. ބޭރު ފައިސާގެ އާމްދަނީ ދަށަށް ދިޔައިރު ބޭރު ފައިސާގެ މައްސަލަ ބޮޑުވެ ވަނީ ޑޮލަރުގެ ބްލެކް މާކެޓެއް އުފެދިފަ އެވެ. ޑޮލަރުގެ ގިނަ މުއާމަލާތްތައް ކުރެވެނީ ހުއްދަ ކުރެވިފައިވާ، 15.42 ވުރެ މަތީގެ ރޭޓްތަކުންނެވެ.