އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ދިވެހިންގެ އެހީގައި ފަލަސްތީނުގެ ރައްޔިތުންނަށް ދުވާލަކު 12 ހާސް ލީޓަރުގެ ފެން ފޯރުކޮށްދޭން ފަށައިފިއެވެ.

ފަލަސްތީނުގައި ހާލުގައި ޖެހިފައިތިބި މީހުންނަށް ދިވެހިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނީ އައިއޭސީންނެވެ.

އެގޮތުން އައިއޭސީން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ދިވެހިންގެ އެހީތެރިކަމާއެކު ފަލަސްތީނުގެ ދެއިރް ބަލަހްގައި ފެން ފޯރުކޮށްދެމުންދާ ކަމަށެވެ.

އިންޓަނޭޝަނަލް އެއިޑްސް ކެމްޕެއިން (އައިއޭސީ) އިން ދިވެހިންގެ އެހީގައި ފަލަސްތީނުގެ ރައްޔިތުންނަށް ދުވާލަކު 12 ހާސް ލީޓަރުގެ ފެން ފޯރުކޮށްދިނުމުގެ ތެރެއިން -- ފޮޓޯ/ އައިއޭސީ

އަދި އެ ސަރަހައްދަކީ ފަލަސްތީނުގެ އެކި ސަރަހައްދުތަކުން ގެދޮރު ގެއްލުމުގެ ސަބަބުން ހިޖުރަކޮށްފައިވާ އެތައް ބަޔަކު ދިރިއުޅޭ ސަރަހައްދެއް ކަމަށް އައިއޭސީން ބުންޏެވެ.

އެގޮތުން ތޮއްޖެހިފައިވާ ދެއިރް ބަލަހް އަކީ ފެނުގެ ދަތިކަން ވަރަށް ބޮޑަށް ތަހައްމަލު ކުރަމުންދާ ހިސާބެއް ކަމަށް ވެސް ބުންޏެވެ.

"މީގެ ތެރެއިން ބައެއް މީހުންނަކީ އެކި ތަންތަނުން ނުވަ ފަހަރަށްވުރެ ގިނަ ފަހަރު ހިޖުރަކޮށްފަ ތިބި މީހުން،" އައިއޭސީން ބުންޏެވެ.

އެގޮތުން މިދިޔަ މެއި މަހުގެ 30ވަނަ ދުވަހުން ފެށިގެން، ކޮންމެ ދުވަހަކު 12 ހާސް ލީޓަރުގެ ފެން އެ ސަރަހައްދަށް ފޯރުކޮށްދެމުންދާ ކަމަށް އައިއޭސީން ބުންޏެވެ.

އިންޓަނޭޝަނަލް އެއިޑްސް ކެމްޕެއިން (އައިއޭސީ) އިން ދިވެހިންގެ އެހީގައި ފަލަސްތީނުގެ ރައްޔިތުންނަށް ދުވާލަކު 12 ހާސް ލީޓަރުގެ ފެން ފޯރުކޮށްދިނުމުގެ ތެރެއިން -- ފޮޓޯ/ އައިއޭސީ

"ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމުގައި އެތައް ބައެއް ވަނީ ކާނެ ބޯނެ އެއްޗެއް ނެތި ބަނޑަށް ޖައްސާފައި. އާބާދީގެ ބޮޑުބައެއް އުޅެމުންދާ ދަތި ހާލަކީ ސިފަކޮށްލަން ވެސް ދަތި ހާލަތެއް. ޣައްޒާގެ ރައްޔިތުން އެ ކުރަމުންދާ ހިތްވަރު އަޅުގަނޑުމެން ވެސް ކުރާނަން. އިންޝާﷲ،" ޣައްޒާގެ ހާލަތު ސިފަކޮށްދެމުން އައިއޭސީން ބުންޏެވެ.

އައިއޭސީން ވަނީ ދިވެހިން އަދިވެސް އެހީ ފޯރުކޮށްދިނުމަށް އެދިފައެވެ. އެހީ ފޯރުކުރާނީ:

  • ބީއެމްއެލް އިސްލާމިކް އެކައުންޓް ނަމްބަރު: 7770000062741

  • އެކައުންޓް ނަން: އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާއްމުގައި މިހާތަނަށް 36،500 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި އެތައް ބަޔަކު ވަނީ ކާނެ، ބޯނެ އެއްޗެއް ނުލިބި ބަނޑަށް ޖެހިފައެވެ.