ތ. ދިޔަމިގިލީގެ ޕްރީސްކޫލުގެ ދަރިވަރުން އަތުން ނަގަމުން އައި ފީ ނެގުން ހުއްޓާލައި، އެ ރަށު ކައުންސިލުން ޕްރީސްކޫލް ދަރިވަރުންނަށް ހިލޭ ކިޔެވޭނެ އިންތިޒާމު ހަމަޖައްސައިދޭން ނިންމައިފިއެވެ.

މިގޮތުން "ސަން" އަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާ މިއަދު ބުނީ ދިރާސީ އައު އަހަރު ފެށުމާ އެކީގައި ދިޔަމިގިލީގެ ޕުރީސްކޫލު ކުދިން އަތުން ފީގެ ގޮތުގައި ނަގަމުން އައި 250 ރުފިޔާ ނެގުން ހުއްޓާލަން ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ދިޔަމިގިލީ ޕްރީސްކޫލުގެ ދަރިވަރުންނަށް ހިލޭ ކިޔަވައިދެނީ---ފޮޓޯ: ދިޔަމިގިލި ކައުންސިލް

އޭނާ ވިދާޅުވީ ކުރިން ސްކޫލު ހިންގީ އެ ރަށުގެ ޖަމިއްޔާއަކުން ކަމަށެވެ. ނަމަވެސް ރަށު ކައުންސިލުގެ ފަރާތުން ސްކޫލު ހިންގުމަކީ ވަރަށް ގިނަ ބައެއް އަމާޒެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކައުންސިލްގެ އަމާޒަކީ ޕްރީ ސްކޫލް ދަރިވަރުންނަށް ފުރިހަމަ ތަޢުލީމެއް ފޯރުކޮށްދިނުން ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ.

މިގޮތުން، 2022 ގެ އޮކްޓޯބަރުގައި ކައުންސިލުން ހިންގަން ފެށުމާއެކު ހުރިހާ ދަރިވަރުންނަށް ފޮތްތައް ހިލޭ ސްކޫލަށް ފޯރުކޮށްދެމުން އަންނަ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

ދިޔަމިގިލީ ޕްރީ ސްކޫލުގައި ގާތްގަނޑަކަށް 40 އަކަށް ކުދިން ތިބޭއިރު ކިޔަވައިދެނީ ބޭބީ ނާސަރީ އާއި ނާސަރީ އުމުރުފުރައިގެ ދަރިވަރުންނަށެވެ.

ދިޔަމިގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ހަވާލުކުރެވިގެން ކައުންސިލްގެ ބެލުމުގެ ދަށުން އެރަށު ޕްރީސްކޫލު ހިންގަންފެށީ 2021 ވަނަ އަހަރު އޮކްޓޯބަރު މަހުގައެވެ.