16 Jun 2012, 10:17
މޮސްކޯ (ޖޫން 16) : ޔޫރަޕްގައި އެމެރިކާ ބިނާކުރާ މިސައިލް އައްޑަނައިގެ ނިޒާމުގެ މަސައްކަތް ކުރިޔަށްގެންދާނަމަ މަޑުން ނޯންނާނެ ކަމަށް ރަޝިޔާ އަނެއްކާ ވެސް އިންޒާރުކޮށްފި އެވެ.
ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން އިއްޔެ ވިދާޅުވީ ޔޫރަޕްގައި އެމެރިކާ މިސައިލް އައްޑަނައިގެ ނިޒާމު ބިނާކުރަނީ ރަޝިޔާގެ ސްޓްރެޓީޖިކް މިސައިލްތަކުގެ ބާރު ކަނޑުވާލުމުގެ ރޭވުމެއްގެ ދަށުންކަމަށާއި މިކަން ކާމިޔާބުކުރުމުގެ ފުރްސަތު ވޮޝިންގޓަނަށް ނުދޭނެ ކަމުގައެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ޕޫޓިންވަނީ މިސައިލް އައްޑަނައިގެ މަސައްކަތް ކުރިޔަށްގެންދާނަމަ އެކަމުގެ ރައްދު އެމެރިކާއަށް ދޭންޖެހިދާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.
މިއީ މިފަދަ އިންޒާރެއް ރަޝިޔާއިން ފުރަތަމަ ދިން ފަހަރެއްނޫނެވެ. މީގެކުރިންވެސް މިސައިލް އައްޑަނައިގެ މައްސަލާގައި ރަޝިޔާގެ އެކިމަސްއޫލުވެރިން ނޭޓޯއަށާއި އެމެރިކާއަށް އެކިބާވަތުގެ އިންޒާރުތައް ދީ ބިރުދައްކާފައިވެއެވެ.
ޕޫޓިންއާ ޙަވާލާދީ ރަޝިޔާގެ ނޮވެސްޓީ ނޫސްއެޖެންސީ ބުނީ އެމެރިކާ އިސްވެ އޮވެގެން ޔޫރަޕްގައި ބިނާކުރާ މިސައިލް އައްޑަނައިގެ ނިޒާމް ތަރައްޤީކުރާތަން ބަލަހައްޓައިގެން ރަޝިޔާ މަޑުން ނޯންނާނެ ކަމަށާއި އެކަމަށް ރައްދުދޭނެ ގޮތާއި ރައްދުދޭންޖެހޭ ވަގުތާމެދު ރަޝިޔާ ވިސްނަމުންދާނެ ކަމުގައެވެ.
ޕޫޓިން މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ރަޝިޔާގެ ދިފާޢީވަޒީރު އަނަތޯލީ ސިރްދިކޯވް ދާދިފަހުންވަނީ އެމެރިކާ އިސްވެ އޮވެގެން ޔޫރަޕްގައި ބިނާކުރާ މިސައިލް އައްޑަނައިގެ ނިޒާމްގެ މަރުކަޒުތަކަށް ހަލާކުކޮށްލުމަށްޓަކައި އިސްކަންދަރު މަރުކާގެ މިސައިލުން ޙަމަލާދޭންޖެހިދާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.
އިސްކަންދަރު މަރުކާގެ މިސައިލަކީ އަށް ހާސް ކިލޯމީޓަރުގެ ރާސްތާގެ ސްޓްރެޓީޖިކް ނިއުކްލިޔަރ މިސައިލެކެވެ. އެމެރިކާ އިސްވެ އޮވެގެން ނޭޓޯއާއެކު ޔޫރަޕްގައި ބިނާކުރާ މިސައިލް އައްޑަނައިގެ ނިޒާމުގެ އަމާޒަކީ އީރާނާއި އުތުރުކޮރެޔާ ކަމަށް އެމެރިކާ ބުނިނަމަވެސް މިކަން ރަޝިޔާ ޤަބޫލެއްނުކުރެއެެވެ.
މިނިޒާމުގެ މަރުކަޒުތައް ބިނާކުރަމުން ގެންދަނީ ތުރުކީއާއި ޗެކް ރިޕަބްލިކްގައެވެ. ރަޝިޔާގެ މިފަދަ އިންޒާރުތަކަށް ނޭޓޯއާއި އެމެރިކާވަނީ ދެކޮޅުހަދައި މިއީ ބިރުދެއްކުމުގެ ޢަމަލެއް ކަމަށް ސިފަކޮށްފައެވެ. – ނޫސް އެޖެންސީތައް