ކާބުލް (ޖޫން 16): އިނގިރޭސި ހާރިޖީ ވަޒީރު ވިލިޔަމް ހޭގް އާއި އީރާނުގެ ހާރިޖީ ވަޒީރު ޢަލީ އަކްބަރު ސާލިޙީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބައްދަލުކުރައްވައިފި އެވެ.

މިއީ ތެހެރާންގައި ހުންނަ އިނގިރޭސި އެންބަސީއަށް މިދިޔަ އަހަރު އީރާނުގެ ބަޔަކު ވަދެގަތުމާގުޅިގެން ދެ ގައުމުގެ ދެމެދުގައި އުފެދުނު ޑިޕްލޮމެޓިކް މައްސަލަތަކަށްފަހު ދެޤައުމުގެ ހާރިޖީ ވަޒީރުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަށް ޖާސޫސުކުރުމުގައި އެމެރިކާއާއި އިސްރާއީލަށް އެހީވުމަށް ތެހެރާންގައި ހުންނަ އިނގިރޭސި އެންބަސީ އާއި ޑިޕްލޮމެޓިކް ވަސީލަތްތައް ބޭނުން ކުރަމުން ގެންދާކަމުގެ ތުހުމަތު އީރާނުން އިނގިރޭސިވިލާތުގެ މައްޗަށް ކޮށްފައިވެއެވެ.

މިކަމާރުޅިއައިސްފައިވާ އީރާނުގެ ރައްޔިތުންގެ ބަޔަކު ތެހެރާންގައި ހުންނަ އިނގިރޭސި އެންބަސީއަށް މިދިޔަ އަހަރު ވަދެގަތުމުން އެއެންބަސީ ބަންދުކޮށް އިނގިރޭސި ސަފީރާއި ޑިޕްލޮމޭޓުންވަނީ އަނބުރައި ލަންޑަނަށް ގެންގޮސްފަ އެވެ. މި މައްސަލާގައި އިނގިރޭސި ސަރުކާރުންވަނީ އިނގިރޭސި އެންބަސީ ޙިމާޔަތްކުރުމުގައި އީރާނުގެ ސަރުކާރު ފޭލްވެފައިވާ ކަމަށް ސިފަކޮށްފަ އެވެ.

ހޭގް އާއި ސާލިޙީ ގެ ބައްދަލުކުރެއްވުން ކުރިޔަށްދިޔައީ އަފްޣާނިސްތާނުގެ މުސްތަޤްބަލާ ގުޅޭގޮތުން ކާބުލްގައި މިހާރު ކުރިޔަށްދާ ޚާއްސަ ކޮންފަރެންސްގެ އަރިމަތީގަ އެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވީ ދެ ޤައުމުންކުރެ ކޮންމެ ޤައުމަކުން ވެސް އެޤައުމެއްގެ ޑިޕްލޮމެޓިކް މަސްލަޙަތުތައް ބެލެހެއްޓުމުގެ ކަންތައް ތިންވަނަ ޤައުމަކާ ޙަވާލު ކުރުމާބެހޭ ގޮތުން ކަމަށް ދެ ޤައުމުގެ ޚާރިޖިއްޔާއިން ބުނެއެވެ. އަދި މިބައްދަލު ކުރެއްވުމުގައި ސޫރިޔާގެ މައްސަލަ ޙައްލު ކުރުމުގައި އީރާނުގެ އެހީތެރިކަން ހޯދުމާބެހޭގޮތުން ވެސް ދެބޭފުޅުން ވާހަކަ ދެއްކެވި ކަމަށް ޚަބަރުތައް ބުނެ އެވެ.

އަފްޣާނިސްތާނުގެ މުސްތަޤްބަލާބެހޭގޮތުން ކާބުލްގައި ބޭއްވި ބައްދަލުވުމުގައި އީރާނުގެ ޚާރިޖީވަޒީރުވަނީ އެމެރިކާއާއި ނޭޓޯގެ ދާއިމީ ޢަސްކަރީ ބޭސްތައް އަފްޣާނިސްތާނުގައި ބެހެއްޓުމަކީ އީރާނަށާއި މެދުތެރޭ އޭޝިޔާ ސަރަޙައްދަށްއޮތް ނުރައްކަލެއް ކަމަށް ސިފަކުރައްވައި ވާހަކަ ދައްކަވާފައެވެ. -- ރޮއިޓާސް