އިންޑިއާގައި ބޭއްވި އާންމު އިންތިޚާބުގެ ނަތީޖާ އިއްޔެ އިއުލާނުކޮށްފައިވާއިރު ބޮޑުވަޒީރު ނަރަންދުރަ މޯދީ މިވަނީ ކޯލިޝަނެއްގެ ތެރެއިން ހަނިގޮތަކަށް އިންތިޚާބު ކާމިޔާބު ކުރައްވައި ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރެއް ކަށަވަރު ކުރައްވާފައެވެ.

އިންޑިއާގެ އިންތިޚާބުތަކާބެހޭ ކޮމިޝަނުން ނެރުނު ވަގުތީ ނަތީޖާ ދައްކާގޮތުން މޯދީގެ ބީޖޭޕީ ހިމެނޭ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) ކޯލިޝަނުންވަނީ އިންޑިއާގެ ޕާލަމެންޓްގެ ދަށުގެކަމަށްވާ "ލޮކްސަބާ" ގައިހިމެނޭ 543 ގޮނޑީގެ ތެރެއިން 291 ގޮނޑި ކާމިޔާބުކޮށްފައެވެ. "ލޮކްސަބާ" ގެ އަޣްލަބިއްޔަތަކީ 272 ގޮނޑިއެވެ. މިފަހަރުގެ އިންތިޚާބުގައި ކޯލިޝަނާ ނުލައި ބީޖޭޕީ އަށް ލިބުނީ 239 ގޮނޑި ކަމަށްވާއިރު މިފަހަރު ބީޖޭޕީ އަށް އަޣްލަބިއްޔަތުވެސް ނުލިބެއެވެ.

ބީޖޭޕީގެ ކޯލިޝަނުން ގިނަ މަސައްކަތްތެއްކޮށްގެން އަދި އިދިކޮޅަށް ކުރެވުނުހާ ޖެއްސުމެއް ކޮށްގެން ކުޑަ އަޣްލަބިއްޔަތަކުން އިންތިޚާބު ކާމިޔާބުކުރެވުނު ނަމަވެސް މިއީ އިންޑިއާގައި މޯދީއާއި އޭނާގެ ހިންދޫ ހަރުކަށި ފިކުރުގެ ބީޖޭޕީގެ ބާރާއި ނުފޫޒު އޮތް މިންވަރާ އަޅާބަލާއިރު ކާމިޔާބެއް ނޫންކަމަަށާއި މިއީ މޯދީއަށް ލިބުނު ފިލާވަޅެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ އިންތިޚާބުގެ ކެންޕޭން ދުވަސްވަރު އިދިކޮޅު ފަރާތްތަކަށް، ޚާއްސަކޮށް އިދިކޮޅު މައި ޕާޓީކަމަށްވާ ކޮންގްރެސް ޕާޓީއަށް މޯދީގެ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ކުރިމަތިކުރި ފިއްތުންތަކާ އަޅާބަލާއިރު މިއީ މޯދީއާއި އޭނާގެ ހަރުކަށި ފިކުރަށް އިންޑިއާގައި ތާއީދު ކުޑަވަމުންދާކަން ވަރަށް ރަނގަޅަށް ހާމަވި ނަތީޖާއެކެވެ.

މިނަތީޖާ ނާކާމިޔާބަކަށްވާ ސަބަބުތަކުގެ ތެރޭގައި އިންތިޚާބުގައި 2600 އަށްވުރެ ގިނަ ޕާޓީން ވާދަކޮށްފައިވާއިރު ކޮންގްރެސް ޕާޓީ ހިމެނޭގޮތަށް އެހުރިހާ ޕާޓީތަކުން ޖުމްލަ ކުރި ޚަރަދަށްވުރެ ބީޖޭޕީ އެކަނި ކެންޕޭނަށް ކުރި ޚަރަދު ބޮޑުވުން ހިމެނެއެވެ. އަދި އިދިކޮޅު މައި ޕާޓީކަމަށްވާ ކޮންގްރެސް ޕާޓީ ސިޔާސީގޮތުން ވަރަށް ބަލިކަށި ހާލަތުގައި އޮތުމާއި އެޕާޓީގެ ބާރާއި ނުފޫޒު އިންޑިއާގައި އިންތިހާއަށް ކުޑަވެފައި އޮތުމާއި އިންޑިއާގެ މީޑިއާތައްވެސް (ގޯޑީ މީޑީއާ) މުޅިންހެން އޮތީ މޯދީގެ ފަޅީގައި އޭނާގެ ޕާޓީއަށް ކޭންޕޭން ކޮށްދިނުމަށް ވަގުތު ހުސްކޮށްގެން ކަމަށްވާތީ މިއީ މޯދީއާއި އޭނާގެ ޕާޓީގެ ހަރުކަށި ލީޑަރު އަމީތު ޝާހު އުންމީދުކުރެއްވި ނަތީޖާއަށްވުރެ މާބޮޑަށްވެސް ދަށް ނަތީޖާއެކެވެ.

ބީޖޭބީ ބާރުވެރިކަމާއެކު ވެރިކަމަށް އައި އަހަރުކަމަށްވާ 2014 ވަނަ އަހަރުގެ އާންމު އިންތިޚާބަށް ބަލާއިރު އެޕާޓީ ވަނީ ޕާލަމެންޓްގައި ސުޕަ މެޖޯރިޓީ ހޯދާފައެވެ. ކޯލިޝަނަކާ ނުލައި ސަރުކާރު އެކުލަވާލުމުގައި ބޮޑު ކާމިޔާބެއް ހޯދައި އެޕާޓީ ވެރިކަމަށް އަންނަން ކުރިން ހަދަމުންގެންދިޔަ ކޯލިޝަންތައް ހެދުން މުޅިން ނިމުން ގެނަސްފައެވެ. އަދި ސުޕަ މެޖޯރިޓީއާއެކު ބީޖޭޕީވަނީ އެކަނި ބާރުގަދަ ސަރުކާރެއް އެކުލަވާލާފައެވެ.

ރާހޫލް ގާންދީ

އެއަށްފަހު ދެން އާންމު އިންތިޚާބު ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. އެއަހަރު އިންޑިއާގައި ބޭއްވި އާންމު އިންތިޚާބުގައި މޯދީގެ ބީޖޭޕީ އެކަނިވެސް 300 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކުރިއެވެ. އަދި ބީޖޭޕީއާ ގުޅިފައިވާ އެހެން ޕާޓީތަކާއެކު "ލޮކްސަބާ" ގެ 543 ގޮނޑީގެ ތެރެއިން 400 އަށްވުރެ ގިނަ ގޮނޑި މޯދީގެ ކޯލިޝަނުން ކާމިޔާބުކޮށް ސުޕަ މެޖޯރިޓީ ހޯދިއެވެ. ނަމަވެސް މިފަހަރުގެ އިންތިޚާބުގެ ނަތީޖާ މި ދެ އިންތިޚާބާ ވަރަށް ތަފާތެވެ.

ކުރީފަހަރަށްވުރެ ވެސް ބޮޑަށް މިފަހަރުގެ ކެންޕޭންގައި ހިންދޫންގެ ހަރުކަށި ފިކުރުގެ ރޫޙާއި ޖޯޝު ހިންދޫންގެ މެދުގައި ކައްކުވާލައިގެން އެމީހުންގެ އަތުން ވޯޓު ދަމައިގަތުމުގެ ކުޅިވަރު މޯދީއާއި އަމީތު ޝާހު ކުޅުއްވިއެވެ. ނަމަވެސް މިފަހަރު އެދެބޭފުޅުން ކުރިމަތިލައްވަން ޖެހުނު ހަގީގަތަކީ ބީޖޭޕީ އެކަންޏަށް ޕާލަމެންޓުގެ އަޣްލަބިއްޔަތު ނުލިބުނު ކަމުގެ ހިތި ހަގީގަތެވެ. ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކާއެކުވެސް ޕާލަމެންޓްގައި ހިމެނޭ 543 ގޮނޑީގެ ތެރެއިން 300 ގޮނޑި ވެސް ބީޖޭޕީއަށް ކާމިޔާބު ނުކުރެވުނު ކަމުގެ ހިތި ހަގީގަތެވެ.

މިއާ ޚިލާފަށް އިދިކޮޅު ކޮންގްރެސްއަށް ބަލާއިރު އެޕާޓީއަށް އިންތިޚާބު ކާމިޔާބު ނުކުރެވުނު ނަމަވެސް ލިބުނު ވޯޓު ކުރީގެ ދެ އިންތިޚާބަށް ވުރެ މާބޮޑުތަންވެސް ގިނައެވެ. ލިބުނު ކާމިޔާބު އާދަޔާ ޚިލާފަށް ބޮޑެވެ.

ދެހާސް ނަވާރަ ވަނައަހަރުގެ އިންތިޚާބުގައި ކޮންގްރެސްއަށް ލިބުނީ އެންމެ 52 ގޮނޑިއެވެ. ނަމަވެސް މިފަހަރުގެ އިންތިޚާބުގައި ކޮންގްރެސް އެކަނިވެސް 102 ގޮނޑި ކާމިޔާބުކުރިއެވެ. އަދި ކޮންގްރެސް ޕާޓީ ހިމެނޭ އިދިކޮޅު ކޯލިޝަން ކަމަށްވާ "އިންޑިޔާ އެލަޔަންސް"އިން ޕާލަމެންޓްގެ 234 ގޮނޑި ކާމިޔާބު ކުރިއެވެ.

މިފަހަރުގެ އިންތިޚާބު ބަލިކަށި އަދި ހަނިގޮތަކަށް ބީޖޭޕީއަށް ކާމިޔާބު ކުރެވުނު ނަމަވެސް މޯދީ ދެކެވަޑައިގަންނަވާ ގޮތުގައި މިފަހަރުވެސް ބީޖޭޕީއަށް ލިބިފައި ވަނީ ތާރީޚީ ކާމިޔާބެކެވެ. މޯދީ ވިދާޅުވިގޮތުގައި ދެދައުރަށްފަހު ތިންވަނަ ދައުރެއް ކާމިޔާބު ކުރެވުމަކީ އިންޑިއާގައި ވަރަށް ނާދިރު ކަމެކެވެ. ދެދައުރަކަށްފަހު ތިންވަނަ ފަހަރަކަށް ބޮޑުވަޒީރުކަމަށް އޭނާ (ކޯލިޝަނަކުންނަމަވެސް) އިންތިޚާބު ވުމަކީ އާދައިގެ ކަމެއްނޫނެވެ. ރައްޔިތުންގެ ރުހުން އޮތްކަން ހާމަވާ ތާރީޚީ ކަމެކެވެ.

އިންޑިއާގެ ތާރީޚަށް ބަލާއިރު ޖެހިޖެހިގެން ތިންވަނަ ދައުރެއް މީގެކުރިން ކާމިޔާބު ކުރެވިފައިވަނީ އެންމެ ބޭފުޅަކަށެވެ. އެއީ އިންޑިއާގެ މިނިވަންކަމުގެ ބަތަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެގައުމުގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހިރު ލާލް ނެހްރޫ އަށެވެ. ނެހްރޫ އަކީ އިންޑިއާގެ މަޝްހޫރު އަންހެން ބޮޑުވަޒީރު އިންދިރާ ގާނދީގެ ބައްޕާފުޅެވެ.

މޯދީ ވިދާޅުވެފައިވާ ގޮތުގައި ތިންވަނަ ދައުރެއް ލިބުމަކީ ބީޖޭޕީގެ ހިތްވަރު އައުވެގެން ދިޔަ ކަމެކެވެ. އައު ރޫހެއް ގެނުވި ކަމެކެވެ. އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި މޯދީ ވަނީ އިދިކޮޅު ފަރާތްތައް އެކަތިގަނޑަކަށްވެގެން ކުރި މަސައްކަތުންވެސް ބީޖޭޕީއާ އަރައިހަމަ ނުކުރެވުނުކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

މޯދީއާއި އޭނާގެ ހިންދޫ ހަރުކަށި ފިކުރުގެ ބީޖޭޕީ މިފަހަރު ހަދަންޖެހެނީ އެތައް ޕާޓީއެއް އެކުލެވޭ ކޯލިޝަން ސަރުކާރެކެވެ. އެހެންކަމުން މުހައްލިލުން ވިދާޅުވާގޮތުގައި ކުރީ ދެދައުރުގައި އިންޑިއާގެ ވެރިކަން ހިންގުމުގައި ބީޖޭޕީއަށް އޮތް އާދަޔާ ޚިލާފު ބާރާއި ނުފޫޒު މިދައުރުގެ ވެރިކަމުގައި އެޕާޓީއަކަށް ނޯންނާނެއެވެ. ބީޖޭޕީގެ ބާރާއި ނުފޫޒަށް މިވަނީ ވަރަށް ބޮޑު ލޮޅުމެއް އަރާފައެވެ.

މިފަހަރުގެ އިންތިޚާބު މިވަރަށްވެސް މޯދީއަށް ކާމިޔާބު ކުރެވިފައިވަނީ އިދިކޮޅުގެ ކޭންޕޭނަށް އޭނާގެ ސަރުކާރުގެ ބާރާއި ނުފޫޒުން އެޅި ހުރަސްތަކުގެ ސަބަބުން ކޭންޕޭނަށް ޚަރަދު ނުކުރެވުމުންނާއި އިންޑިއާގެ މެއިންސްޓްރީމް މުޅި މީޑިއާ މޯދީއާއި އޭނާގެ ޕާޓީއަށް ކޭންޕޭންކޮށްދީގެން ކަމަށް އިދިކޮޅު ކޮންގްރެސްއަށް ތާއީދުކުރާ ފަރާތްތަކުން ދެކެއެވެ.

އިންތިޚާބުގެ ނަތީޖާއަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވިދާޅުވީ މޯދީ ގެންގުޅުއްވާ ހަރުކަށި ފިކުރަށް ރައްޔިތުން ފާޅުގައި ނޫނެކޭ ބުނެފައިވާ ކަމުގައެވެ. އަދި އިންޑިއާގެ މިނިވަން މުއައްސަސާތަކަށް މޯދީ ހިންގަމުން ގެންދާ ބާރާއި ނުފޫޒަށްވެސް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާހޫލް ވިދާޅުވިގޮތުގައި އިންޑިއާގެ މިނިވަން މުއައްސަސާތަކާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ އަދި އިންޑިއާގެ ޒަމާންވީ ޑިމޮކްރަސީ ފުނޑާލައި އިންޑިއާގެ ބައިމަދު ޖަމާއަތްތަކާއި ބައިމަދު ދީންތަކުގެ މީހުންގެ ހައްގުތަކާއި އެމީހުންގެ އަގީދާއާއި އެމީހުންގެ އަމިއްލަވަންތަކަން ހިމާޔަތް ކުރުމަށް ޒަމާނުއްސުރެ އިންޑިއާގައި އޮތް ސެކިއުލަރިޒަމް ނައްތާލައި ހަރުކަށި ފިކުރު ފަތުރުމާ ދެކޮޅަށް ރައްތޔިތުން މިވަނީ ނޫނެކޭ ބުނެ މޯދީއަށް އިންޒާރު ދީފައެވެ.

މޯދީއާއި އޭނާގެ ބީޖޭޕީ ގެންދިޔައީ އިދިކޮޅު ކޮންމެ ފަރާތަކަށް ބިރުދައްކައި އަނިޔާ ކުރަމުންނެވެ. އިންޑިއާގެ މުޅި މީޑީއާ ހައިޖެކްކޮށް ފިތުނަ އުފައްދަމުންނެވެ. މުޅި އިންޑިއާގައި ހަރުކަށި ފިކުރު ޑޮމިނޭޓްކުރުމަށް ބޯދާ ސިޔާސަތުތަކެއް ތަންފީޒު ކުރަމުންނެވެ. މޯދީގެ މި ހަރުކަށި ސިޔާސަތުތަކަށް ރައްޔިތުން މިވަނީ އޭނާއަށް އެނގުންވާވަރަށް ނޫނެކޭ ބުނެފައި ކަމަށް ރާހޫލް ވިދާޅުވިއެވެ.

މިއީ ރައްޔިތުން ބީޖޭޕީއަށް ދިން ވަރުގަދަ އަދަބެއްކަމާއި ރައްޔިތުން ބީޖޭޕީއަށް އަދަބު ދޭނެކަމާއި އިންޑިއާގެ ރައްޔިތުންނަކީ ހަރުކަށި ފިކުރަށް ތާއީދުކުރާނެ ބައެއްނޫންކަން އޭނާއަށް މާކުރިންވެސް އެނގޭ ކަމަށް ރާހޫލް ވިދާޅުވިއެވެ.