އިންޑިއާގެ އާންމު އިންތިޚާބަށްފަހު އާ ސަރުކާރު އެކުލަވާލުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމަށް ނިންމަވައިފިއެވެ.

ޕާޓީތަކާ މަޝްވަރާ ކުރުމަށް މޯދީ ނިންމެވީ، އާންމު އިންތިޚާބުގެ އޭނާ ނިސްބަތްވެވަޑައިގަންނަވާ ބާރަތަޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އަށް އަޣްލަބިއްޔަތު ގެއްލުމުންނެވެ.

އަންގާރަ ދުވަހުގެ ރޭ އިއުލާންކުރި އިންތިޚާބުގެ ރަސްމީ ނަތީޖާތަކުން ދައްކާ ގޮތުގައި ބީޖޭޕީއަށް ކާމިޔާބު ކުރެވިފައި ވަނީ 240 ގޮނޑިއެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ 543 ތިން ގޮޑީގެ ތެރެއިން ސާފު އަޣުލަބިއްޔަތެއް ހޯދަން 272 ގޮނޑި ބޭނުންވެއެވެ. އެހެންކަމުން ސަރުކާރެއް އެކުލަވާލުމަށް ބީޖޭޕީއަށް 32 ގޮނޑި މަދުވެއެވެ. މޯދީ މިހާރު ބަރޯސާވާން ޖެހެނީ ވޭތުވެދިޔަ އަހަރުތަކުގައި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވެފައިވާ އިއްތިހާދުގެ ޕާޓީތަކަށެވެ.

ބީޖޭޕީ އިސްކޮށް އޮވެ އުފައްދައިފައިވާ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)އަށް 293 ގޮނޑިއާއެކު، އަޣުލަބިއްޔަތު ވަނީ ލިބިފައެވެ.

މޯދީގެ އިއްތިހާދަށް އެހާ ހަނި އަޣުލަބިއްޔަތެއް ލިބުމަކީ ސަރުކާރުގެ އިސްލާހީ އެޖެންޑާއަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ރޭޓިން އެޖެންސީ ފިޗުން ބުނެއެވެ.

އެންޑީއޭއީން އިންތިޚާބުގައި ކުރި ހޯދި ނަމަވެސް، މިއީ އެ ކޯލިޝަނުން ހޯދަން އަމާޒުކުރި ވަރަށް ވުރެ ދަށް ނަތީޖާއެކެވެ. އެގޮތުން ސަރުކާރުން އަމާޒު ހިފީ ބީޖޭޕީން އެކަނި 370 ގޮނޑި ހޯދައި، އެންޑީއޭގެ ޖުމްލަ ގޮނޑި 400އަށް ވުރެ އިތުރު ކުރުމަށެވެ.

މޯދީގެ އަމިއްލަ ދާއިރާ ކަމަށްވާ ވަރަނާސީން ކާމިޔާބު ލިބުނު ނަމަވެސް، 2019 ވަނަ އަހަރު ލިބުނު ނަތީޖާއާ އަޅައިބަލާއިރު މޯދީއަށް ލިބުނީ ދަށް ނަތީޖާއެކެވެ. އެގޮތުން އެންމެ ފަހުން ބޭއްވި އިންތިޚާބުގައި ވަރަނާސީ ގޮނޑި މޯދީ ކާމިޔާބު ކުރެއްވީ 479,505 ވޯޓުގެ ފަރަގުން ކަމަށްވާއިރު މިފަހަރު އެ ފަރަގު ވަނީ 152,513 ކުޑަވެފައެވެ.

ރާހުލް ގާންދީގެ ކޮންގްރެސް ޕާޓީ އިސްވެ އޮންނަ އިދިކޮޅު އިންޑިއާ އިއްތިހާދަށް 230 ގޮނޑި ލިބިފައި ވާއިރު، މިއީ ލަފާކުރި ވަރަށް ވުރެ އިތުރު އަދަދެކެވެ. ހަމައެކަނި ކޮންގްރެސް އިން އެކަނިވެސް 99 ގޮނޑި ހޯދިއިރު، 2019 ވަނަ އަހަރު އެ ޕާޓީއަށް ކާމިޔާބުކުރެވުނީ 52 ގޮނޑިއެވެ.

އިންޑިއާ އިއްތިހާދު ވެސް މިއަދު ނިއުދިއްލީގައި ބައްދަލުކޮށް، ކުރިއަށް އޮތް ތަނުގައި އަމަލުކުރާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.