Last Updated:
1 decade 3 year ago

އެމްޑީޕީގެ އިންތިހާބުގައި ވޯޓްލާ ވަގުތު އިތުރުކޮށްފި

    ބުލޮގު ޚުލާސާ
    އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށާއި އެ ޕާޓީގެ ޗެއާ ޕާސަނާއި ޗެއާ ޕާސަން ނައިބު އިދާރީގެ މަގާމަށް ބޭފުޅަކު ހޮވުމަށާއި އަދި ބައެއް ދާއިރާތަކުން ހުސްވެފައިވާ މަގާމުތަކަށް ބޭފުޅުން ހޮވަން ބާއްވާ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 9:00 ފެށިގެން ކުރިއަށް އެބަދެ އެވެ.

    އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް ލީޑަރު މުހައްމަދު ނަޝީދު އެކަންޏެވެ. އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނީ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ މީހުންގެ 10 ޕަސެންޓް ވޯޓް ހޯއްދަވައިގެނެވެ.

    އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކެވެ. އަދި ޗެއާޕާސަން ނައިބު އިދާރީގެ މަގާމަށް ކުރިމަތި ލައްވާފައިވަނީ އެޕާޓީގެ އިކޮނޮމިކް އެޑްވައިޒަރު އަލީ ޝިޔާމެވެ.

    ހެނދުނު ވޯޓްލުން ފަށާފައިވާއިރު މާލޭގެ ވޯތް މަރުކަޒުތަކަށް ވޯޓްލާން މަދުމަދުން ވަނީ މީހުން ނުކުންނަން ފަށާފަ އެވެ.

    އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދު 9:00 ން ފެށިގެން ހަވީރު 4:00 އަށް ކުރިއަށް ގެންދާނެ އެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓްލުން ކުރިއަށްދާއިރު މާލޭގެ ތިން ސަރަހައްދެއްގައި ވޯޓްލެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ. މާލޭގައި ވޯޓު ފޮށި ބަހައްޓާފައިވަނީ މާލެ ސިޓީ ހޯލާއި، މަންދު ކޮލެޖާއި އަމީނީ މަގުގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގަ އެވެ.

    އެމްޑީޕީން ބުނީ މިއަދު ވޯޓްލާ ނިމޭތާ 30 މިނެޓް ތެރޭގައި ވޯޓު ގުނުމަށްފަހު ވޯޓްލީ މަރުކަޒެއްގައި ވޯޓުގެ ވަގުތީ ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށެވެ.

    14:57

    މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފި. އެމްޑީޕީން ބުނީ މި ރޭ 7:00 ހަމައަށް ވޯޓުލެވޭނެ ގޮތަށް ހަމަޖައްސާފައިވާ ކަމަށް.

    ސެކެރަޓަރީ ޖެނަރަލްގެ ނައިބު އަހްމަދު އަކުރަމް ވިދާޅުވީ ވޯޓުލުމުގެ ވަގުތު އިތުރުކުރީ ގިނަ ބަޔަކު އެދެމުންދާތީ އާއި ވޯޓުލުމުގެ ފުރުސަތު ގިނަ މެންބަރުނަށް ދިނުމުގެ ގޮތުން ކަމަށް ވޯޓުލުމަށް ކުރިން ހަމަ ޖެހިފައިވަނީ މިއަދު ހަވީރު 4:00 އަށް.

    12:59އެމްޑީޕީ ހަރުގެއިން

    މިއަދު ހެނދުން ފެށިގެން މުޅި ރާއްޖޭގައި ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މެންދުރާ ހަމައަށް ކުރިއަށް ގޮސްފައިވަނީ އޮމާން ކަމާއިއެކީގަ. ހެނދުނު 9:00 ފެށިގެން މިހާތަނަށް އައިރު ވެސް އެއްވެސް ވޯޓު ފޮއްޓެއް ކައިރި މީހުން ތޮއްޖެހޭ ވަރަށް މީހުން ވޯޓުލުމަށް ގޮސްފަ ނުވާކަން ފާހަގަކުރެވެ އެވެ. ނަމަވެސް ހެނދުން ފެށިގެން މަދު މީހުން ވޯޓުލަމުންދޭ.

    މިއަދު ހެނދުނު 11:30 ހާއިރު އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެންޑިޑޭޓު މުހައްމަދު ނަޝީދުވަނީ ވޯޓުލައްވާފަ. އަދި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތި ލައްވާފައިވާ ރީކޯ މޫސާ މަނިކުވެސް މިއަދު ހެނދުނު ވަނީ ވޯޓުލާފަ.

    އައްޑޫ ސިޓީގައިވެސް ވޯޓު ލުމުގެ ހަރަކާތްތަށް ހެނދުން ފެށިގެން ކުރިއަށްދާ ކަމަށް އައްޑޫ ސިޓީން މައުލޫމާތުދޭ އެ ސިޓީ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ އައްޑޫ ސިޓީގައި ވޯޓުލުން ހެނދުނު ފެށިގެން ކުރިއަށްދާ ކަމަށް މާލޭގައި ތިބި އައްޑޫ މީހުން ވޯޓުލަމަށް ހާއްސަ ކުރެވިފައިވަނީ އެމްޑީޕީ ހަރުގޭގަ.

    މާލޭގެ މީހުން ވޯޓުލުމަށް ވޯޓު ފޮށި ބަހއްޓާފައިވާ ހުރި، މާލޭ ސިޓީ ކައުންސިލްގެ ހޯލްގައި ހުންނަވާ ގަލޮޅު އުތުރު ދާއިރާ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ގަލޮޅު އުތުރު ދާއިރާ ގާތްގަނޑަކަށް 40 ޕަސެންޓް މީހުން ވޯޓުލާނެ ކަމަށް ލަފާކުރެއްވޭ ކަމަށް.

    11:13

    އެމްޑީޕީން މިއަދު ކުރިޔަށް ގެންދާ ވޯޓްގެ ދާއިރާތަކުގެ އިންތިޚާބުގެ ބައިގައި ވެލިދޫ ދާއިރާގެ ރައީސް އާއި ވިލިނގިލި ދާއިރާގެ ރައީސް އާއި ފޮނަދޫ ދާއިރާގެ ރައީސް އާއި މެދު ހެންވޭރު ދާއިރާގެ ސެކްރެޓަރީ އާއި ހުޅުހެންވޭރު ދާއިރާގެ ސެކްރެޓަރީ އާއި ހުޅުހެންވޭރު ދާއިރާގެ ނައިބު ސެކްރެޓަރީ އާއި މާފަންނު ދެކުނު ދާއިރާގެ ނައިބު ރައީސް އާއި ބާރަށު ދާއިރާގެ ނައިބު ރައީސް އިންތިޚާބުކުރާނެ.