05 Jun 2024, 12:46
ރާއްޖޭގައި މިވަގުތު ކާބަން ސިންކެއްގެ ގޮތުގައި އެއްވެސް ތަނެއް ނެތް ނަމަވެސް, އެފަދަ ތަނެއްގެ މަސައްކަތް ކުރާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
ތޯރިގް އެހެން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ކާބަން ސިންކްއަކީ ޖައްވުގައި ހުންނަ ކާބަން ހިފަހައްޓައި، ދުނިޔެ ހޫނުވުމުން ރައްކާތެރިކޮށްދިނުމުގައި އެހީތެރިވެދޭ ސަރަހައްދުތަކެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގައި މިހާރު ކާބަން ސިންކެއްގެ ގޮތުގައި އެއްވެސް ތަނެއް ކަނޑައަޅައިފައި ނެތް ކަމަށާއި ނަމަވެސް މި މަޝްރޫއުގެ ތެރެއިން ގަސް އިންދައި ކާބަން ސިންކެއް ގާއިމުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
"މީގެ އެންމެ މުހިންމު ކަމަކީ ރާއްޖޭގައި ނެތިގެންދާ ބޮޑެތި ގަސްތައް ދިރުވައި އާލާކުރުން. މިހާރުވެސް އައިޑެންޓިފައި ކުރެވިފައި އެބަހުރި ރާއްޖޭގައި ވަރަށް މަދުވާ ގަސްތައް،" ތޯރިގް ވިދާޅުވިއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ފެށުން: ފަސް އަހަރު ތެރޭ ފަސް މިލިއަން ގަސް އިންދުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެއް -- ސަން ފޮޓޯ/ ނާއިޝް ނާހިދު
މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި ނެތެމުންދާ ގަސްތައް ހޯދުމާއި ގަސްތައް އިންދައި މޮނިޓަކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ގަސްތަކަށް ވާގޮތް ބަލައި އެގަސްތައް ދިރުވައި އާލާކުރެވޭނޭ ގޮތާއި ގަސްތައް އިންދައި ބަލަހައްޓާނެ ފަރާތްތައް ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިއަދު އިންދީ 22 ވައްތަރެއްގެ ގަސް ކަމަށާއި މި ޕްރިޖެކްޓުގެ ދަށުން މިހާތަނަށް 90 ބާވަތެއްގެ ނެތެމުންދާ އަދި މަދުވެފައިވާ ގަސް ދެނެގަނެވިފައިވާ ކަމަށެވެ. އަދި ޕްރޮޖެކްޓުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ތޯރިގު ވިދާޅުވިއެވެ.
ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށް ފަސް އަހަރު ތެރޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.