އެދިވަޑައިގަންނަވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް، މިހާރަށްވުރެ ގާތް އެއްބާރުލުމަކަށް ކަމަށް، އިންޑިއާގެ ބޮޑު ވަޒީރު، ނަރެންދްރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އާންމު އިންތިޚާބުގައި މޯދީވަނީ ތިންވަނަ ދައުރެއް ކަށަވަރުކުރައްވައިފައެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މޯދީއަށް މަރުހަބާ ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ތަރައްގީއާ ހަމަޖެހުން ހޯދުމަށް ދެ ގައުމު ގުޅިގެން ކުރެވޭ މަސައްކަތް އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ރައީސް ކުރެއްވި ތަނުހިނާގެ ޕޯސްޓާ ގުޅިގެން މޯދީ ވަނީ ރައީސަށް ޝުކުރު ދަންނަވާފައެވެ. އަދި ވިދާޅުވެފައިވަނީ ރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮތް އިންޑިއާގެ މުހިންމު ބައިވެރިއެއް ކަމަށެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް، މިހާރަށްވުރެ ގާތް އެއްބާރުލުމަކަށް އެދިވަޑައިގަންނަވާ ކަމުގައި މޯދީ ވިދާޅުވެފައިވެއެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން އާންމުކޮށްފައިވާ ނަތީޖާއިން ދައްކާ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ 543 ގޮނޑީގެ ތެރެއިން، ބީޖޭޕީ ހިމެނޭ އެންޑީއޭއިން ވަނީ 291 ގޮނޑި ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ބީޖޭޕީގެ 239 ގޮނޑި ހިމެނޭއިރު މަޖިލީހުގެ އަޣުލަބިއްޔަތު 272 ގޮނޑިން ލިބެއެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މައި އިދިކޮޅު ޕާޓީ ކޮންގްރެސްއިން އިސްކޮށް އޮންނަ އިންޑިއާ ކޯލިޝަނަށް މިހާތަނަށް ލިބިފައިވަނީ 234 ގޮނޑިއެވެ.

އާންމު އިންތިޚާބުން ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) ހިމެނޭ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)އިން ހޯދި ކާމިޔާބީއާއެކު، މޯދީވެގެން ގޮސްފައިވަނީ ކުރީގެ ބޮޑުވަޒީރު ޖަވާހިރުލާލް ނެހުރޫއަށް ފަހު، ތިން ވަނަ ދައުރެއް ކާމިޔާބު ކުރެއްވި އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރެވެ.

އިންޑިއާއަކީ 1965 ވަނަ އަހަރު ރާއްޖެ މިނިވަންވުމަށްފަހު އެންމެ ފުރަތަމަ ރާއްޖެއާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އިންޑިއާއިން މާލޭގައި 1972 ވަނަ އަހަރު އެގައުމުގެ މިޝަން ގާއިމްކުރިއިރު، އޭގެ ފަހުން ހުރިހާ ފެންވަރެއްގައި ވެސް މި ދެ ގައުމުގެ ގުޅުންތައް ބަދަހިވެ، ވަރުގަދަވެގެން ދިޔައެވެ.