04 Jun 2024, 17:18
މި އަހަރުގެ ވޯލްޑް ޓްރެވެލް މާކެޓު (ޑަބްލިޔުޓީއެމް) ލަންޑަންގައި ބައިވެރިވުމުގެ ފުރުސަތު އެމްއެމްޕީއާރްސީން ހުޅުވައިލައިފިއެވެ.
މިކަމާ ގުޅިގެން އެ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި އަހަރު ލަންޑަނުގައި އޮންނަ ޓްރެވެލް މާކެޓުގައި އެމްއެމްޕީއާރްސީއާއެކު ބައިވެރިވާން ބޭނުންވާ މީހުންނަށް މިހާރު އެ ފުރުސަތު ހުޅުވައިލައިފައިވާ ކަމަށެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު ޓްރެވަލް ޓްރޭޑް އިވެންޓް ކަމަށްވާ ޑަބްލިއުޓީއެމް ލަންޑަންއަކީ އިނގިރޭސިވިލާތުގެ ދަތުރުފަތުރުގެ ދާއިރާގެ މުހިންމު މަންދޫބުންނާ ގުޅުން ބަދަހި ކުރުމަށް ލިބޭ ތަފާތު ފުރުސަތެކެވެ.
އެމްއެމްޕީއާރްސީން ބުނީ މި ވަގުތު އިނގިރޭސިވިލާތަކީ ރާއްޖޭގެ ތިން ވަނައަށް އެންމެ ބޮޑު ސޯސް މާކެޓަށް ވުމާއެކު މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ވެސް އެ ގައުމުން 75,347އަށް ވުރެ ގިނަ އެރައިވަލްސް ރިކޯޑު ކުރެވިފައިވާ ކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނީ މި ޓްރެވެލް މާކެޓުގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ތަފާތުކަމާއި، ރީތިކަމާއި އެކިއެކި ހުށަހެޅުންތައް ބޭރުގެ ފަރާތްތަކަށް ދައްކައިގެން ބްރޭންޑް އެވެއާނަސް ހަރުދަނާ ކުރުން ކަމަށެވެ. އަދި ސްޓްރެޓެޖިކް ނެޓްވޯކިން މެދުވެރިކޮށް އިނގިރޭސިވިލާތާއި ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ވިޔަފާރީގެ މުހިންމު ބައިވެރިންނާ ގުޅުންތައް ގާއިމްކުރުމަކީ ވެސް އަމާޒެއްކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުންވެސް މި ޓްރެވެލް މާކެޓުގައި ރާއްޖެއަކީ ގުދުރަތީ ގޮތުން ރައްކާތެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓު ކުރާނެކަން އެ ކޯޕަރޭޝަނުން ފާހަގަ ކޮށްފައިވެއެވެ.
އެމްއެމްޕީއާރްސީން ބުނީ މި ހަރަކާތުގެ އެންމެ މުހިންމު ކަމަކީ، ކޯ އެގްޒިބިޓަރުންގެ އުފެއްދުންތަކާއި ޕްރޮޕަޓީތައް މުޅި ދުނިޔެއަށް ދައްކާލެވޭނެ ޕްލެޓްފޯމެއް ހޯދައިދިނުން ކަމަށެވެ.
ޑަބްލިޔުޓީއެމް ލަންޑަން 2024ގައި ބައިވެރިވުމަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނަށް ލީޑިން ލަގްޒަރީ ޓްރެވަލް މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަޤާމު ވަރުގަދަވެގެންދާނެ ހަރަކާތެއްގެ ގޮތުގައި އެ ކޯޕަރޭޝަނުން ސިފަ ކުރެއެވެ.
މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ނިސްބަތްވާ ކުންފުނިތަކުން މިމަހުގެ 26 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން، އެމްއެމްޕީއާރްސީގެ ޕޯޓަލް(com.visitmaldives.members) މެދުވެރިކޮށް ހުށަހެޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
އެ ފެއާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި އަހަރަށް މެމްބަޝިޕް އާކޮށް، ރަޖިސްޓްރޭޝަން ފުރިހަމަ ކުރަން ޖެހޭ ކަމަށް ވެސް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ.