04 Jun 2024, 16:19
ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކުރަން ފެށި "ކޫލް ސްކޫލު" މަޝްރޫއު އިފުތިތާހުކުރި ޖަލްސާގައި 'ކޫލް ސްކޫލެއްގައި ބުލީ ނުކުރާނެ' ކަމަށް ވިދާޅުވި ވާހަކައިގައި މަފްހޫމު އޮޅުވާލީ ކަމަށް ވިދާޅުވެ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއު މިއަދު އެ ވާހަކަ ތަފުސީލުކޮށްދެއްވައިފިއެވެ.
ސްކޫލްތައް ފިނިކުރުމަށްޓަކައި "ކޫލް ސްކޫލް ޕްރޮޖެކްޓް"ގެ ނަމުގައި ސަރުކާރުން މަޝްރޫއެއް އިފުތިތާހުކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ.
ކ. މާފުށީ ސްކޫލުގައި އެ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ "ކޫލް ސްކޫލް" ޕްރޮޖެކްޓާ އެކު ސްކޫލްތަކުގައި ގާއިމްވެގެންދާ ފިނި މާހައުލުގެ ސަބަބުން ސްކޫލްތަކުގައި ރުޅިވެރިކަމާއި، ބުލީކުރުން ފަދަ ކަންކަން ނޯންނާނެ ކަމަށެވެ.
މިނިސްޓަރު ދެއްކެވި ވާހަކައާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކުވަނީ އޭނާއަށް ފާޑުކިޔާފައެވެ.
މި ކަމާ ގުޅިގެން މިނިސްޓަރު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ޖޯކަކަށް ހަދައިގެން، އޭސީ ކުރީމާ ބުލީކުރުން ހުއްޓިދާނެ ކަމަށް، ނުވަތަ ސްނޯއަކީ ބުލީގެ ހައްލޭ ބުނެ ވާހަކަ ދެއްކުމަކީ ދެރަކަމެއް ކަމަށެވެ. އަދި، މި ފަދަ ވާހަކަތަކުގެ ތެރެއަށް ގައުމުގެ ޝަރަފުވެރި މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ވެންނެވުމަކީ ހިތާމައެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
"ހިތާމައަކީ ގައުމުގެ ޝަރަފުވެރި މަގާމުތައް ފުރުއްވާފައިވާ ގައުމުގެ ނައިބު ރައީސް ފެންވަރުގެ ބޭފުޅުން ވެސް އެ ބޭފުޅުންނާ އިލްމީގޮތުން އަދި އަޚުލާގީ ގޮތުން ވެސް އެކަށީގެންނުވާ މިފަދަ ވާހަކަތަކުގެ ތެރެއަށް ވިސްނާލުމެއްނެތި ވެންނެވުމެވެ،" މިނިސްޓަރު ކުރެއްވި ޕޯސްޓުގައިވެއެވެ.
ކޫލް ސްކޫލެއްގައި ބުލީ ނުކުރާނެ ކަމަށް މިނިސްޓަރު ދެއްކެވި ވާހަކައިގެ މަފްހޫމަށް ބެލުމެއްނެތި، ސިޔާސީ ވިސްނުމުގައި މަދު ފަރާތްތަކެއް އެ ފަދަ އިބާރާތްތަކެއް ބޭނުންކޮށްފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވެފައިވަނީ އެއީ އެ ފަރާތްތަކަށް ދޭހަވުމުގެ މައްސަލައަކުން ވެފައިވާ ކަމެއް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު: އޭނާ ވަނީ ފާޑުކިޔުންތަކަށް ރައްދުދެއްވާފައި --
މިނިސްޓަރު ވިދާޅުވި ގޮތުގައި 2019ވަނަ އަހަރު ދިރާސާއަކަށް ބައެއް ސްކޫލްތަކުގެ ކުލާސްރޫމް ޓެމްޕަރޭޗަރު ބެލިިއިރު، އިހުސާސްކުރެވޭ ހޫނުމިން ހުރީ ގާތްގަނޑަކަށް 37 ޑިގްރީ ސެލްޝިއަސްގައެވެ. ނަމަވެސް، ފާއިތުވެދިޔަ އަހަރުތަކުގައި ހޫނުމިން މަތިވެ، ބައެއް މަސް މަހު އިހުސާސްކުރެވޭ ހޫނުމިން 40 ޑިގްރީ ސެލްސިއަށްވުރެ މަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ އޭގެ ނޭދެވޭ އަސަރު ސްކޫލުގެ މާހައުލުން ފެންނާނެ ކަމެއްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
"ކޫލް ސްކޫލް" ޕްރޮޖެކްޓަކީ ހަމަ އެކަނި ސްކޫލް ކްލާސްރޫމްތައް ފިނިކުރުމަށް ފެށި ޕްރޮޖެކްޓެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫއުގެ މަގުސަދަކީ ސްކޫލްތަކުގެ ވެށި ހިތްފަސޭހަކޮށް އުނގެނުމާއި އުނގަންނައިދިނުމަށް ވީހާ ވެސް ފަހި މާހައުލެއް އުފެއްދުން ކަމަށެވެ.

އަމީނިއްޔާ ދަރިވަރުންތަކެއް ސްކޫލުގައި -- ސަން ފޮޓޯ/
އެ ގޮތުން، ކޫލް ސްކޫލު ޕްރޮޖެކްޓުގެ ދަށުން ދަރިވަރުންނާއި ޓީޗަރުން އަދި މުޅި ސްކޫލު ކޮމިއުނިޓީގެ ދުޅަހެޔޮކަމަށް ޚާއްސަ ހަރަކާތްތައް ހިންގައި ސްކޫލްތައް ހިތްހަމަޖެހޭ މާހައުލުތަކަށް ބަދަލުކޮށް "ކޫލް ސްކޫލް"ތަކަށް ބަދަލުކުރުމަށް ރޭވުންތެރިކަމާ އެކު މަސައްކަތްކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ކޫލް ސްކޫލް"ތަކުގައި ބުލީ ނުކުރާނެއެވެ. އެހެނީ ބުލީ ކުރުމަކީ ކޫލް ކަމެއް ނޫނެވެ. އަދި، މިފަދަ ސްކޫލްތަކުގައި އެންމެން މަސައްކަތް ކުރާނީ ގުޅިގެން ދަރިވަރުންގެ ކުރިއެރުމަށެވެ. މިއީ އަޅުގަނޑު އެ ދުވަހު ދެއްކި ވާހަކައިގައި ބަޔާންކުރި ކޫލް ސްކޫލްގެ މަފްހޫމެވެ،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ކޫލް ސްކޫލް ޕްރޮޖެކްޓަކީ ސްކޫލްތައް ފިނިކުރުމުގެ ގޮތުން ސްކޫލްތަކުގައި އޭސީ ހަރުކުރުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މަޝްރޫއެކެވެ.