ހަތް މަރުހަލާއަކަށް ބަހައިލައިގެން 44 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ އިންޑިއާގެ އާންމު އިންތިހާބަށްފަހު، ވޯޓު ގުނަން މިއަދު ފަށައިފިއެވެ.

އިންޑިއާގެ އިންތިހާބާބެހޭ މަރުކަޒު (އީސީއައި) އިން ބުނީ 600 މިލިއަނަށްވުރެ ގިނަ ވޯޓު ގުނަމުން އަންނަ ކަމަށެވެ.

ވޯޓު ގުނަން ފެށީ އިންޑިއާ ގަޑިން މިއަދު ހެނދުނު 8 ޖެހިއިރުއެވެ. ވޯޓު ގުނުމަށްފަހު ނަތީޖާ މިއަދު އިއުލާނުކުރާނެއެވެ.

މިހާތަނަށް ލިބުނު ލީޑްތަކުން ދައްކާ ގޮތުގައި އެގްޒިޓް ޕޯލްތަކުން ނުވަތަ ވޯޓުލާ ނިމުމުން ހޯދި އާންމުންގެ ހިޔާލުތަކަށް ބަލައި ލަފާކުރި ލަފާކުރުންތަކަށްވުރެ ވާދަވެރިކަން ބޮޑެވެ. މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީއަކީ އެންމެ ބޮޑު އެއް ޕާޓީގެ ގޮތުގައި ފާހަގަކުރެވޭ ޕާޓީ ނަމަވެސް އެ ޕާޓީއަށް މިހާތަނަށް ލިބުނު ނަތީޖާތައް ދައްކާގޮތުން އެ ޕާޓީއަށް އަޣުލަބިއްޔަތު ނުލިބިދާނެއެވެ. މިހާތަނަށް ލިބުނު ނަތީޖާއިން ދައްކާ ގޮތުގައި ބީޖޭޕީއަށް ލިބިފައި ވަނީ 239 ގޮނޑިއެވެ. އިންތިހާބުގެ ސާފު އަޣުލަބިއްޔަތެއް ހޯދުމަށް 543 ގޮޑީގެ ތެރެއިން 272 ގޮނޑި ހޯދަންޖެހެއެވެ.

އަނެއްކޮޅުން ކޮންގްރެސް ޕާޓީން އިސްކޮށް އޮވެގެން އުފައްދާފައިވާ އިދިކޮޅު އިންޑިއާ އިއްތިހާދުން ދަނީ އެގްޒިޓް ޕޯލްތަކުން ލަފާކުރި ވަރަށް ވުރެ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އިންޑިއާ އިއްތިހާދުން ވަނީ 102 ގޮނޑި މިހާތަނަށް ހޯދައިފައެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިސްކޮށް އޮވެ، އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) ގައި ގިނަ ޕާޓީތަކެއް ހިމެނޭއިރު، އެގްޒިޓް ޕޯލްތަކުން ދައްކި ގޮތުން އިންތިހާބުގެ އަޣުލަބިއްޔަތު އެ ޕާޓީއަށް ލިބޭނެއެވެ. 2014 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި އުމުރުން 73 އަހަރުގެ މޯދީ ވާދަކުރައްވަނީ ވިދިވިދިގެން ތިން ވަނަ ދައުރަކަށެވެ.

އިންޑިއަން ނޭޝަނަލް ކޮންގްރެސް (އައިއެންސީ) ޕާޓީން އިސްކޮށްއޮވެ، އުފައްދާފައިވާ އިދިކޮޅު އިންޑިއާ އިއްތިހާދަކީ ބީޖޭޕީގެ ހިންދޫ މެޖޯރިޓީ ސަރުކާރު ވަކިކުރުމުގެ މަގްސަދުގައި އުފައްދައިފައިވާ އިއްތިހާދެކެވެ.

ދެހާސް ހަތަރު ވަނަ އަހަރުން ފެށިގެން އިންޑިއާއިން އަންނަނީ ވޯޓު ކަރުދާހުގެ ބަދަލުގައި އިލެކްޓްރޯނިކް ވޯޓިން މެޝިން (އީވީއެމް) ބޭނުން ކުރަމުންނެވެ.

އިންޓަނެޓާ ނުލައި ބޭނުންކުރެވޭ އެ މެޝިންތައް ވޯޓުލާ ނިމުމުން ހުންނަނީ މަޖިލިސް އިދާރާގައި ރައްކާކޮށްފައެވެ. މެޝިންތައް ނަގަނީ ވޯޓު ގުނާ ދުވަހުއެވެ.