04 Jun 2024, 13:38
އިންގްލިޝް ޕްރިމިއާ ލީގުގައި ވަރުގަދަ ޓީމުތަކުގެ ތެރޭގައި ފާހަގަ ކޮށްލެވޭ އެއް ޓީމު ކަމުގައިވާ ޗެލްސީގެ އާ ކޯޗަަށް އިޓަލީވިލާތުގެ އެންޒޯ މަރެސްކާ ހަމަޖައްސައިފިއެވެ.
މައުލޫމާތުލިިފައިވާގޮތުގައި ޗެލްސީއިން މަރެސްކާ އެ ޓީމަށް ގެންގޮސްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މީގެ އިތުރުން މި އެއް ބަސްވުމުގައި އިތުރު އެއް އަހަރަށް އިތުރު ކުރުމުގެ ފުރުސަތުވެސް ހުޅުވާލައިފައިވެއެވެ.
އުމުރުން 44 އަހަރުގެ މަރެސްކާ ވަނީ މިދިޔަ ސީޒަންގައި ޗެމްޕިއަންޝިޕްގެ ލެސްޓާ ސިޓީ އާ ހަވާލުވެ އެ ޓީމު މި ސީޒަނަށް ޕްރިމިއާ ލީގަށް ޕްރޮމޯޓް ކޮށްދީފައެވެ. ޗެލްސީގެ ކޯޗުކަމުގެ މަގާމަށް މަރެސްކާ މި ހަމަޖެއްސީ އެ ކްލަބްގެ ކޯޗުކަމުގެ މަގާމުގައި މިދިޔަ ސީޒަންގައި ހަރަކާތްތެރިވި މައުރީސިއޯ ޕޮޗެޓީނޯ ސީޒަން ނިމުމާއެކު ކްލަބާއި ކޯޗާ ދެމެދު އެއްބަސްވުމަކަށް އައިސް ކްލަބް ދޫކޮށް ދިއުމުންނެވެ.
ޗެލްސީގެ ކޯޗު ކަމާ ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން މަރެސްކާ ބުނީ ދުނިޔޭގައި ފާހަގަ ކޮށްލެވޭ އެންމެ ބޮޑެތި ކްލަބްތަކުގެ ތެރޭގައި ހިމެނޭ ޗެލްސީއަށް ސޮއިކުރުން ވެގެން ދާނީ ކޮންމެ ކޯޗެއްގެވެސް ހުވަފެނަކަށް ކަމަށެވެ. އަދި ޓީމުގައި ތިބި ހުނަރުވެރި އަދި ޒުވާން ގިނަ ކުޅުންތެރިންނާ އެކު މަސައްކަތް ފެށުމަށް ކެތް މަދު ވެފައިވާކަމަށާއި ބޭނުން ވަނީ ކްލަބްގެ އުސޫލްތަކާއި ދުރުވިސްނުމާއެކު ކުރިއަށް އޮތް ތަނުގައި ކާމިޔާބީތަކެއް ހާސިލް ކުރަން ކަމަށް އޭނާ ބުންޏެވެ.
މަރެސްކާ ޗެލްސީގެ ކޯޗުގެ ހައިސިއްޔަތުން މަސައްކަތްތައް ފަށާނީ މި އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. މަރެސްކާއަކީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެ ޓީމުގެ ކޯޗު ކަމާ ހަވާލުވާ ހަވަނަ މީހާއެވެ.
ޗެލްސީ އާ ކޯޗަކަށް މަރެސްކާ ހަމަޖެއްސުމުގެ ކުރިން އެހެން ބައެއް ކޯޗުންވެސް ވަނީ ޝޯޓްލިސްޓް ކޮށްފައެވެ. މީގެތެރޭގައި ބްރައިޓަން އެންޑް ހޯވް އެލްބިއަންއަށް މިދިޔަ ސީޒަންގައި ކޯޗުކޮށްދިން ރޮބާޓޯ ޑި ޒާބީ އާއި އިޕްސްވިޗްގެ ކޯޗު ކިއެރެން މެކެނާ އަދި ބްރެންޓްފަޑްގެ ކޯޗު ތޯމަސް ފްރޭންކް ހިމެނެއެވެ.
މަރެސްކާ އާއެކު ލެސްޓާގައި މަސައްކަތްކުރި ކޯޗިން ސްޓާފުންވެސް އޭނާ އާއެކު ޗެލްސީއަށް ބަދަލުވެއެވެ. މީގެތެރޭގައި ކުރިން ޗެލްސީއަށް ކުޅުނު ކީޕަރު ވިލީ ކަބަޔޭރޯވެސް ހިމެނެއެވެ.