15 Jun 2012, 22:36
ކޮމަންވެލްތާއެކު ދިވެހިން، ގެ ނަމުގައި އާދަވެ ކޮންމެ ހުކުރު ދުވަހަކު އެމްޑީޕީން ބާއްވާ ހިނގާލުން ދިގު ދައްމާލައި މެދު ޒިޔާރަތް ކުރިމަތީގައި ޝުއޫރު ފާޅުކޮށްފި އެވެ. އެހެން ދުވަސް ދުވަސްތަކާ ހިލާފަށް މިއަދު ކުރިޔަށް ގެންދިޔައީ މުޒާހަރާއެއްގެ ސިފައިގަ އެވެ.
ދުން ބުރުވުމާއި ލަވަ އާއި ސަރުކާރާ ދެކޮޅު ޝުއޫރުތައް ފާޅު ކުރަމުން އެމްޑީޕީގެ \\\"ހުކުރު ހިނގާލުން\\\" މިއަދު ވެސް ފެށީ އުސް ފަސްގަނޑުންންނެވެ. އަވަސް އިންތިހާބަކަށް ގޮވާލުމަށް ހާއްސަކޮށްފައިވާ ހިނގާލުން މިއަދު ހާއްސަކޮށްފައި އޮތީ އިއްޔެ ފުލުހުން ހައްޔަރު ކުރި، އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދު މިނިވަން ކުރުމަށެވެ. މަައިގަނޑު ގޮތުގައި މިއަދު އެންމެން ގެންގުޅެފައި ވަނީ ވެސް ހަމީދު މިނިވަން ކުރުމަށް ގޮވާލާފައިވާ ބޯޑުތަކާއި ބެނާތަކެވެ. އަދި އެންމެން އެއް އަޑަކުން ގޮވާލާފައި ވަނީ ވެސް \\\"ހަމީދު މިނިވަންކުރޭ!\\\" އެވެ.
މިއަދުގެ ހިނގާލުން މުޒާހަރާއެއްގެ ގޮތަށް މެދުޒިޔާރަތް ކުރިމަތީގައި ޖެއްސީ މާލޭގެ ބޮޑެތި މަގުތަކުން ކުރިއަށް ގޮސް މެދުޒިޔާރަތް ކައިރިން ވަންނަށް އުޅުނު ވަގުތު ފުލުހުން ހުރަސް އެޅުމުން އެކަމާ ހިތްހަމަ ނުޖެހިގެނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެމްޑީޕީގެ ވަގުތީ ޗެއާ ރީކޯ މޫސާ މަނިކާއި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި އެމްޑީޕީއަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރިވި މި ހިނގާލުމުގައި މެދުޒިޔާރަތް މަގުން ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމަށް ނުކުންނަން އުޅުމުން ފުލުހުން ވަނީ ބެރިކޭޑްތައް އަތުރައި މަގު ބަންދުކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
އެމްޑީޕީ ހިނގާލުމުގެ ބައިވެރިން މެދުޒިޔާރަތް ކުރިމައްޗަށް ޖަމާވެ މުޒާހަރާއަކަށް ބަދަލު ކޮށްލުމުން ރަޔަޓް ފުލުހުން ދޭތެރެ ދޭތެރެއިން މުޒާހަރާގެ ބައިވެރިން ތެރެއަށް ވަދެ ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ. އެގޮތުން ދެ މީހަކު ހައްޔަރު ކުރި މަންޒަރު ފެނިފައި ވެއެވެ. މުޒާހަރާގެ ތެރެއަށް ފުލުހުން ފުރަތަމަ ވަން ވަގުތުން ފެށިގެން ކުރީގެ ރައީސް ނަޝީދު ވަނީ މުޒާހަރާ ދޫކޮށްލައްވާ ވަޑައިގެންފަ އެވެ. އަދި ފުލުހުން ވަނީ ރައީސް ނަޝީދު ހައްޔަރު ކުރަން ކަމަށް ބުނެ އެ ސަރަހައްދުގައި އަޑު ވެސް ފެތުރުނެވެ.
މެދު ޒިޔާރާތް ކުރިމަތީގައި އެމްޑީޕީގެ މުޒާހަރާ އޮތް އިރު ހަމީދު މިނިވަން ކުރުމުގެ އަޑު ގަދަ ކުރި ނަމަވެސް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަކީ ބަޣާވަތަކުން ގެނެސްފައިވާ ސަރުކާރެއް ކަމަށާއި އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވި އެވެ. އަދި އަވަސް އިންތިހާބަކަށް ވެސް ގޮވާލައި އެހެން ދުވަސްދުވަހު ކުރާ ހުރިހާ ކަމެއް މިއަދު ވެސް ތަކުރާރު ކުރި އެވެ.
މުޒާހަރާ ދިގު ދެމިގެން ދިޔައިރު ހިނގާފާނެ ހަމަނުޖެހުމަށްޓަކައި ސިފައިންގެ ފެން ލޯރިއެއް ތައްޔާރީ ހާލަތަށް ގެނެސް ޕަންޕްތައް މޫދާ ގުޅާފައި ވެސް އޮތެވެ. ނަމަވެސް މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުން ކޮށްފައެއްނުވެ އެވެ. އަދި އެ ސަރަހައްދުގައި ހަމަނުޖެހުމެއް ވެސް ހިނގާފައެއް ނުވެއެވެ.
ހަވީރު ހިނގާލުމަކުން ފަށައި މުޒާހަރާއަކަށް ބަދަލު ކުރުމަށް ފަހު މުޒާހަރާ ނިންމާލީ ޗާންދަނީ މަގުގައި މަޑުކޮށް ޝުއޫރު ފާޅުކުރުމަށް ފަހު މިރޭ 9:30 އެހާކަންހާއިރު އުސް ފަސްގަނޑަށެވެ. އެހެން ރޭރޭ އޮންނަ ގޮތަށް ނިންމާ ތަގުރީރެއް މިރޭ ނެތެވެ.