04 Jun 2024, 09:31
މާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެކުލަވައިލާފައިވާ ކްލިމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ ނަން މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި މިއަދު އޮތީ ކްލިމެންސީ ބޯޑަށް މަޖިލީހުން މެންބަރަކު ކަނޑައެޅުން އެޖެންޑާކޮށްފައެވެ. އެ ބޯޑަށް މެންބަރުންގެ ނަން ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ ޝުޖާއުގެ ނަން ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކްލިމެންސީ ބޯޑަށް އައްޔަންކުރަން އިތުރު މެންބަރެއްގެ ނަން ތަޅުމަށް މިއަދު ހުށަހަޅާފައެއް ނުވެއެވެ.
އެހެންވެ، މިއަދުގެ ވޯޓުގެ ވަގުތުގައި ޝުޖާއު ކްލިމެންސީ ބޯޑަށް އައްޔަންކުރުމާ މެދު ވަނީ ވޯޓަށް އަހައިފައެވެ. މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީގެ 75 މެންބަރުން ތިބީއިރު ޝުޖާއު އެ މަގާމަށް އައްޔަންކުރަން ވޯޓުގައި ބައިވެރިވެވަޑައިގެން 88 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ.
މަޖިލީހުގެ މެމްބަރަކާއެކު ކްލެމެންސީ ބޯޑުގައި ތިބެނީ 11 މެންބަރުންނެވެ.
ނިމިދިޔަ 19 ވަނަ ދައުރުގައި ކްލިމެންސީ ބޯޑުގައި މަޖިލިސް ތަމުސީލުކުރެއްވީ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝިފާއުއެވެ.
ޝުޖާއު ވަނީ މީގެ ކުރިން ވެސް ބާރަށު ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ. އެކަމަކު، މިދިޔަ 19 ވަނަ މަޖިލީސް އިންތިޚާބުން ނާކާމިޔާބުވުމުން އޭނާ ވަނީ ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރުކަމަށް ވާދަކޮށްފައެވެ. މި ފަހަރު އަލުން މަޖިލީހަށް އިންތިޚާބުވުމާ ހަމައަށް އޭނާ ހުންނެވީ ކައުންސިލަރުކަމުގައެވެ.
މި ފަހަރުގެ މަޖިލީސް އިންތިޚާބު ޝުޖާއު ކާމިޔާބުކުރެއްވީ އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓުގެ ގޮތުގައެވެ. އެއަށް ފަހުގައި ޕީއެންސީން ވަނީ އެ ޕާޓީގެ ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ޝުޖާއު އައްޔަންކުރަން ނިންމައިފައެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައިވަނީ ރައްޔިތުންގެ މަޖިލީހުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް ކަނޑައަޅަން ވެސް ފާސްކޮށްފައެވެ.