04 Jun 2024, 14:05
އިސްރާއީލާއި ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދުކުރާ ގަރާރެއް އދ ގެ ސަލާމަތީ މަޖިލީހުން ފާސްކުރުމަށް ބޭނުންވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.
ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް އެމެރިކާއިން މިހާރު ވަނީ ގަރާރެއް ތައްޔާރުކޮށްފައެވެ. ޖުމުލަ 15 މެންބަރުން ހިމެނޭ ކައުންސިލުން އެ ގަރާރު ފާސްވުމަށް މަދުވެގެން ނުވަ މެންބަރުންގެ ވޯޓު ބޭނުންވާނެއެވެ. ވޯޓު ނެގި ނަމަވެސް ގަރާރު ވީޓޯއެއް ނުކުރެވޭނެއެވެ. ސަލާމަތީ މަޖިލީހުގައި ވީޓޯކުރުމުގެ ބާރު އެމެރިކާ، ފަރަންސޭސިވިލާތް، ޗައިނާ އަދި ރަޝިއާއަށް އޮވެއެވެ.
"މި ސަރަހައްދު ހިމެނޭ ގޮތަށް ގިނަ ލީޑަރުންނާއި ސަރުކާރުތަކުން މި ޕްލޭން ވަނީ އެންޑޯސްކޮށްފައި. މި އެއްބަސްވުން ތަންފީޒުކުރުމަށް އދގެ ސަލާމަތީ މަޖިލީހަށް ގޮވައިލަން،" އދ.އަށް ކަނޑައަޅާފައި ހުންނަ އެމެރިކާ ސަފީރު ލިންޑާ ތޯމަސް ގްރީންފީލްޑް ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.
އެމެރިކާއިން ތައްޔާރުކޮށްފައިވާ އެއް ޞަފުހާގެ އެ ގަރާރުގައި އެއްވެސް ޝަރުތަކާނުލައި ލަސްނުކޮށް ހަނގުރާމަ ހުއްޓައިލުމުގެ ހުށަހެޅުން ތަންފީޒުކުރުމަށް ހަމާސްއަށް ވެސް ވަނީ ގޮވައިލައިފައެވެ.
ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއިން ހުށަހެޅީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާއި ހަމާސްއިން ހިފަހައްޓާފައިވާ ހުރިހާ ރަހީނުން ދޫކޮށްލުމާއި ޚާއްސަކޮށް އިސްރާއީލުން ރަފަހަށްދޭ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް އަމުރުކޮށްދިނުމަށް އެދި ސަލާމަތީ މަޖިލީހަށް އަލްޖީރިއާއިން ގަރާރެއް ހުށަހެޅިތާ އެއް ހަފުތާ ފަހުންނެވެ.
ހުކުރު ދުވަހު ބައިޑެން ހުށަހެޅުއްވި ހަނގުރާމަ ހުއްޓައިލުމުގެ ހުށަހެޅުމުގައި ތިން މަރުހަލާއެއް ހިމެނެއެވެ. އެއީ:
ފުރަތަމަ މަރުހަލާ: ރަހީނުކޮށްފައި ތިބި މީހުން މިނިވަންކުރުން
- ދެވަނަ މަރުހަލާ: ހަނގުރާމައަށް ނިމުމެއް ގެނައުން
- ތިންވަނަ މަރުހަލާ: ޣައްޒާ އަލުން ބިނާކުރުން
ގަރާރަށް ތާއީދުކުރުމަށް ސަލާމަތީ މަޖިލީހަށް ގޮވައިލައިފައިވާއިރު، ދުނިޔޭގެ އެންމެ މުއްސަނދި ހަތް ގައުމު، ގްރޫޕް އޮފް ސެވަން (ޖީ7) އިން ވަނީ އެމެރިކާގެ އެ ހުށަހެޅުމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.
ނަމަވެސް، ބައިޑެންގެ އެ ހުށަހެޅުމާ ގުޅިގެން އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ އިސްރާއީލުގެ ހުރިހާ މަގްސަދުތަކެއް ހާސިލުވަންދެން ހަނގުރާމަ ހުއްޓައިނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.