އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ދީދީ އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޝައިހު އިލްޔާސް ހުސެއިނަށް ފުވައްމުލަކު މާދަޑު އަވަށުގައި ދީނީ ދަރުސް ދެއްވަން ހުއްދަ ނުދެވޭނެ ކަމަށް ފުވައްމުލަކު މާދަޑު ކައުންސިލުން ބުނެފި އެވެ.

މާދަޑު ކައުންސިލްގެ ރައީސް އަހުމަދު މުޖުތަބާ އަބްދުﷲ ސޮއިކުރައްވާ އަދާލަތު ޕާޓީގެ ފުވައްމުލަކު ގޮފީގެ ރައީސަށް މިދިޔަ ބުދަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނަނީ އެ ހަތަރު ބޭފުޅުން އެ އަވަށުގައި ދީނީ ދަރުސް ދެއްވުމަކީ އެ އަވަށު ރައްޔިތުންނާއި އެ ކައުންސިލުން ރުހޭ ކަމެއް ނޫން ކަމަށެވެ. އެހެނވެ އެ ބޭފުޅުންނަށް އެ އަވަށުގައި ދީނީ ދަރުސް ދިނުމުގެ ހުއްދަ ދެވެން ނެތްކަމަށެވެ. އަދި އެ ހަތަރު ބޭފުޅުން ފިޔަވައި އެހެން ކޮންމެ އިލްމުވެރިޔަކަށް ވެސް ދަރުސް ދެއްވުމުގެ ހުއްދަ ދެއްވާނެ ކަމަށް ވެސް ސިޓީގައި ވެއެވެ.

އެ ސިޓީގައި ބުނަނީ ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާ އިލްމުވެރިންނަށް އެ އަވަށު މިސްކިތްތަކުގައި ދީނީ ދަރުސް ނުދެވޭ ގޮތަށް އެ ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ އެކަމާ ގުޅިގެން އެ އަވަށު ރައްޔިތުންނާއި ބައްދަލުކޮށް ހޯދި ޚިޔާލަށް ބިނާކޮށް މި ދަނޑިވަޅުގައި ޝައިހު އިލްޔާސް އެ އަވަށުގައި ދަރުސް ދެއްވުމަކީ ދިވެހި ރައްޔިތރުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ރޫހާއި ޚިލާފު ކަމެއް ކަމަށެވެ.

އަދާލަތު ޕާޓީގެ ރައީސް އާއި އިސްލާމިކް މިނިސްޓަރުގެ ފޯނު ނިއްވާލާފައިވާތީ އެބޭފުޅުންގެ ބަހެއް މިކަމުގައި ވަނީ ލިބޭގޮތް ނުވި އެވެ. އަދި އެލްޖީއޭއާ ގުޅަން ކުރި މަސައްކަތް ވެސް ވަނީ ކާމިޔާބެއް ނުވި އެވެ.

ފަހަކަށް އައިސް ދީނީ ދަރުސްތައް ދެއްވާ އިލްމުވެރިންނަށް ހުރަސް އެޅުން އާންމުވެފައިވާއިރު އައްޑު އަތޮޅު ހިތަދޫގެ މިސްކިތެއްގައި ސައިހު އިލްޔާސް ދަރުސް ދެއްވުމަށް އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ އިންކާރުކޮށްފަ އެވެ.