04 Jun 2024, 07:07
އެކުގައި ވަޒީފާ އަދާކުރާ ގިނަ މީހުންނަކީ މުޅި ދުވަހުގެ ވަރަށް ގިނަ ވަގުތުތައް އެކީގައި އެއް މާހައުލެއްގައި ހޭދަކުރާ ބައެކެވެ.
ދެން އުފެދޭ ސުވާލަކީ ވަޒީފާގެ މާޙައުލުގައި ބައްދަލުވެ ގުޅުން ބަދަހިވާ މީހުންނަކީ ހަގީގަތުގައި ދިރިއުޅުމުގައި ކިހާ މުހިންމު ދަރަޖައެއް ދެވިފައިވާ ބައެއްތޯއެވެ. އެހެންނޫނީ މި މާހައުލުން ދިމާވާ މީހުންނަކީ ތިމާގެ ގާތް ރަޙުމަތްތެރިންގެ ގޮތުގައި ބެލުން އެންމެ ރަނގަޅު ބައެއްތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ.
މަޝްހޫރު ޕޮޑްކާސްޓް ކޯޗު އަދި ބްލޮގަ ހެއިޑީ ޑެލަ ކްރޫޒް މިދިޔަ މާޗު މަހު އޭނާގެ ބްލޮގްގައި ބަޔާންކޮށްފައިވާ ގޮތުގައި ވަޒީފާގެ މާޙައުލުން ދުވަސްކޮޅަކަށް ބައްދަލުވާ މީހުންނަކީ ހަގީގަތުގައި ރަހުމަތްތެރިންނޭ ބުނެވޭކަށް ނެތެވެ. ސަބަބަކީ ބައެއް ފަހަރު މަސައްކަތުގެ މާހައުލުގައި ކުރާ ޕްރޮފެޝަނަލް މަސައްކަތްތަކަށް އޭގެ ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ބޮޑުވުމުން ކަމަށް ހެއިޑީ ވަނީ ބުނެފައެވެ.
އެހެންނަމަވެސް، މިސާލަކަށް އެކުގައި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް އެކީގައި މަސައްކަތް ކުރާ މީހުން މިކަމުގައި އިސްތިސްނާ ކުރެވިދާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އެއީ، 10 އަހަރު ވަންދެން އެކީގައި އެއް މާހައުލެއްގައި ވަޒީފާ އަދާކުރެވިފައިވާއިރު އެކަކު އަނެކަކު ވަރަށް ބޮޑަށް ދަސްވެ މިޒާޖު އެއްގޮތް ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ހެއިޑީ ވަނީ ބުނެފައެވެ.

އޮފީސް މާހައުލުގައި މުވައްޒަފުންތަކެއް ވަގުތު ހޭދަކޮށްލަނީ--ފޮޓޯ/ޕިންޓްރެސްޓް
މި މައުޟޫއާ ގުޅިގެން ވާހަކަ ދައްކާލި ވަރަށް ގިނަ މީހުން ދެކޭ ގޮތުގައި، ކިތަންމެ ދިގު މުއްދަތަކަށް އެކީގައި މަސައްކަތް ކުރުމަށް ފަހު ވަޒީފާ ދޫކޮށްލާ ހިސާބުން ކުރިން އޮފީސް މާހައުލުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން ނޯންނަ މީހުން ވެސް މަދެއް ނޫނެވެ. އެއާ ޚިލާފަށް ބައެއް މީހުން ބުނެފައިވާ ގޮތުގައި އެ މީހުންގެ ދިރިއުޅުމުގެ އެންމެ ޚާއްސަ އަދި މުހިންމު ރަހުމަތްތެރިންނަކީ ވަޒީފާގެ މާހައުލުން ދިމާވެފައިވާ މީހުންނެވެ.
"އެންމެ ފުރަތަމަ ވަޒީފާ އަދާކުރި އޮފީހުގައި އެކީގައި މަސައްކަތް ކުރި ރަޙްމަތްތެރިންނާ މިހާރު ވެސް ވަރަށް ގާތް ގުޅުމެއް އޮވޭ. އަޅުގަޑުމެން ވަކިން ވާހަކަ ދައްކައިލާ ދިރިއުޅުމުގެ ކަންކަން ހިއްސާކޮށްލަން ވަކިން ވައިބަ/ވަޓްސްއަޕް ގްރޫޕެއް ވެސް ގެންގުޅެން. އޭރު ވެސް އޮތް އެކުވެރިކަމުގެ ގުޅުން މިހާރު ވެސް އޮވޭ،" މީގެ 13 އަހަރު ކުރިން ބައްދަލުވި މީހުންނާ ގާތް ގުޅުމެއް މިހާރު ވެސް އޮންނަ މީހަކު ބުނެފައިވެއެވެ.
އެކުވެރިކަމާ އެކު މަސައްކަތް ކުރާނަމަ ކުރާ މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުވެ، ދިރިއުޅުމަށް ބޭނުންވާ އެންމެ މުހިއްމު ރަހްމަތްތެރިޔާއާ އެ މާހައުލުން ބައްދަލުވުމުގެ ފުރުސަތު ބޮޑެވެ. ވަޒީފާގެ މާހައުލުން ވިޔަސް ނުވަތަ އެހެން މާހައުލަކުން ވެސް ތިމާއަށާއި ތިމާގެ އާއިލާއަށް ހެޔޮއެދޭ ރަހުމަތްތެރިއަކު ލިބުމަކީ ދެ ދުނިޔޭގައި ވެސް ލިބޭނެ ކިހާބޮޑު ނަސީބެއްހެއްޔެވެ.