ކޮލަންބޯ (ޖޫން 15) : ސްރީލަންކާގައި ބޮޑެތި ސިނާއަތުގެ ޒޯނެއް އުފެއްދުމަށްޓަކައި ބިލިޔަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރުމުގެ އެއްބަސްވުމެއްގައި ވިޔަފާރި ކޮންސޯޓިއަމަކާއެކު އެޤައުމުގެ ސަރުކާރުން އިއްޔެ ސޮއިކޮށްފި އެވެ.

މިކޮންސޯޓިއަމަކީ ސްރީލަންކާގެ އަމިއްލަ ކުންފުނިތަކާއި ބޭރުގެ ކުންފުނިތައް ހިމެނޭ ކޮންސޯޓިއަމެކެވެ. ސްރީލަންކާގެ އިންވެސްޓްމަންޓް ޕްރޮމޯޝަން އެޖެންސީ ބުނިގޮތުގައި މި ބޮޑެތި ސިނާއަތުގެ މިޒޯން އުފެއްދުމަށް ހަމަޖެހިފައިވަނީ އެޤައުމުގެ އިރުމަތީގެ ޕްރޮވިންސެއް ކަމަށްވާ ޓްރިންކޮމަލީގެ ކަނޑުގެ ބަނދަރުގެ ކައިރީގައެވެ.
މިއެއްބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ހަތަރު ބިލިޔަން ޑޮލަރުގެ އިންވެސްޓް ތަކުގެ ތެރޭގައި ބޮޑެތި ސިނާއަތުގެ ފެކްޓަރީތަކާއި މުދާބޭރުކުމުގެ މަގަތު ފާލަމަކާއި މުދާ ރައްކާކުރާ ޓާމިނަލަކާއި އިލެކްޓްރިކް ޕަވަރ ޕްލާންޓެއް ބިނާކުރުމާއި އެތަންތަން ހިންގައި މެނޭޖްކުރުން ހިމެނޭއިރު މިކަމުގެ ސަބަބުން ވަޒީފާގެ އެތަށް ހާސް ފުރްސަތުތަކެއް އުފެދިގެންދާނެ ކަމަށް ސްރީލަންކާގެ އިންވެސްޓްމަންޓް ޕްރޮމޯޝަން އެޖެންސީގެ ބޯޑް އޮފް އިންވެސްޓްމަންޓުން ހާމަކުރެއެވެ. މި ޕްރޮޖެކްޓް ފުރިހަމަ ކުރުމަށް ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށް ޚަބަރު ލިބެއެވެ.

ޓްރިންކޯ ގޭޓްވޭ ޕާކްގެ ނަމުގައި ތަރައްޤީކުރުމަށް ސްރީލަންކާ ސަރުކާރުން މަސައްކަތްކުރަމުން ގެންދާ ބޮޑެތި ސިނާއަތުގެ މިޒޯންގެ ސަބަބުން 23000 ވަޒީފާ އިތުރުވެގެންދާނެ ކަމަށް އެޤައުމުން ލަފާކޮށްފައިވެއެވެ. މިއެއްބަސްވުމުގެ ދަށުން ބިނާކުރުމަށް ރާވާފައިވާ އިންސްޓިޓިއުޓްތަކުގެ ތެރޭގައި ސިނާޢީ މަސައްކަތަށް ބޭނުންވާ ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރެއްގެ އިތުރުން އެކޮމަޑޭޝަން ޢިމާރާތްތަކެއްވެސް ހިމެނެއެވެ.

މިއީ 30 އަހަރުގެ ދިގުލީ އަހްލީ ހަނގުރާމައަކަށްފަހު ބޭރުގެ އިންވެސްޓަރުންނާއި އެތެރޭގެ އިންވެސްޓަރުންގެ އިތުބާރު ޤައުމުގައި އުފެދެމުންދާކަމުގެ ހެއްކެތް ކަމަށް ސްރީލަންކާގެ އިންވެސްޓްމަންޓް ޕްރޮމޯޝަން އެޖެންސީން ބުނެއެވެ.