00:20


ކުރީގެ ސަރުކާރުން ނެރެފައިވާ ކީރިތި ގުރުއާނުގެ ދިވެހި ތަރުޖަމާގެ ޗާޕުގައި ފިލި ނުޖެހި ހުރި ތަންތަނުގައި ފިލިޖެހުމުގެ މަސައްކަތް ފަށާފައި ވީނަމަވެސް އެ މަސައްކަތަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ނިންމައި އެ ޗާޕްތައް އުވާލުމަށް ފިގުހު އެކަޑަމީން ނިންމައިފި އެވެ.


ސަންއެފްއެމަށް މައުލޫމާތު ދެއްވަމުން އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވީ ގުރުއާން ތަރުޖަމާގެ ޗާޕްގައި މައްސަލަތަކެއް ހުރިކަން ފާހަގަވުމުން، އެ މައްސަލަތައް ހައްލުކުރުމަށް ފިގުހު އެކަޑަމީން ކޮމިޓީއެއް އެކުލަވާލުމަށް ފަހު އެ މަސައްކަތް ފަށައިފައިވާ ކަމަށެވެ. ނަމަވެސް ފިލި ނެތް ތަންތަނުގައި ފިލި ޖެހުމުގެ މަސައްކަތަކަކީ އެހާ ބަރާބަރަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ފަހުން އަންނަ ބަޔަކު ކީރިތި ގުރުއާނާ މެދު ތަފާތު ޝައްކުތައް އުފައްދަފާނެތީ އެ ޗާޕްތައް އުވާލުމަށް އެކޮމިޓީން ނިންމައި ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށް ވެސް ޑރ. މަޖީދު ވިދާޅުވި އެވެ.


މިނިސްޓަރު ވިދާޅުވީ އެ ކޮމިޓީން ނެރެފައިވާ ރިޕޯޓްގެ މައްޗަށް ބިނާކޮށް އެ ޗާޕްތައް އުވާލުމަށް ފިގުހު އެކަޑަމީން ނިންމައި ގާރާރެއް ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ގަރާރު އާއްމު ނުކުރެވިފައި ވަނީ އޭގައި ސޮއިކުރައްވަން ޖެހޭ ބައެއް ބޭފުޅުން ސޮއިނުކުރައްވާތީ ކަމަށް ވެސް ޑރ. މަޖީދު ވިދާޅުވި އެވެ.


ޑރ. މަޖީދު ވިދާޅުވި ގޮތުގައި ފިގުހު އެކަޑަމީގެ ގަރާރުގައި ސޮއިނުކުރެވި ވީ ނަމަވެސް ތަރުޖަމާތައް ނައްތާލަން ބޭނުންވާ މެޝިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އެތަކެތި ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އޭރު ޗާޕްކޮށްގެން އާއްމުންނަށް ބަހައިފައިވާ ޗާޕްތައް މިނިސްޓްރީއާ ހަވާލުކުރުމަށް އަދި އަންގައިފައި ނުވަނީ އެތަކެތި ގުދަންކުރެވޭނެ ތަނެއް ނެތިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.


މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުން ޗާޕްކޮށްފައިވާ ތަރުޖަމާތައް އުވާލުމަށް ފިގުހު އެކަޑަމީން ނިންމާފައިވާކަން އެ ގަރާރުގައި ސޮއިކުރުމަށް ފަހު ރައީސް އޮފީހަށް އަންގަވާނެ ކަމަށެވެ. އަދި ކީރިތި ގުރުއާނުގެ ދިވެހި ތަރުޖަމާގެ އާ ފޮތެއް ޗާޕްކުރުމަށް ބޭނުންވާ ފަންޑް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޑރ. މަޖީދު ވިދާޅުވި އެވެ.


ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގެ 150،000 ކޮޕީ ޗާޕްކޮށް އޮކްޓޯބަރު 2008 ގައި ރައީސް އޮފީހުން ވަނީ ރާއްޖޭގެ ގިނަ ގޭބިސީތަކަށް ބަހައިފަ އެވެ. އަދި އޭގެ ފަހުން އާ ސަރުކާރުން މިދިޔަ އަހަރު މޭ މަހުގެ ތެރޭގައި، އާޔަތްތަކުގައި ނުކުތާތައް އުނިވެފައިވާ ތަންތަން ފާހަގަކޮށް އެ ކުށްތަކުގެ ލިސްޓަކާ އެކު 1،000 އަށް ވުރެ ގިނަ ތަރުޖަމާ ދޫކޮށްފައިވެ އެވެ.