ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓެއް ކުއްޔަށް ދޭ ކަމަށް ބުނެ މީހަކު ގެންގޮސް ފޭރުނު ބަޔަކު، ބަރަހަނާކޮށްފިއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ހިޔާ ފްލެޓްގެ އެއްވަނަ ޓަވަރުން ކޮޓަރިއެއް ކުއްޔަށް ދޫކުރާ ކަމަށް މައުލޫމާތު ލިބުމުން އެ މީހާ އެތަނަށް ދިޔައީ ކޮޓަރި ބެލުމަށެވެ.

ނަމަވެސް، އެމީހާ އެތަނަށް ދިޔުމުން ކޮޓަރި ތަޅުލުމަށްފަހު ތިން ފިރިހެނުންވެގެން ބިރު ދައްކައިގެން އެމީހާގެ ބަރަހަނާ ވީޑިއޯ ނަގައިފައިވާ ކަމަށާއި އޭނާ ބްލެކްމެއިކޮށްގެން ފައިސާ ހޯދާފައިވާ ކަމަށް އެ މީހާ ބުނެފައިވެއެވެ.

އެއަށްފަހު އެ މީހާ ދޫކޮށްލުމުން، އެ މީހާ އިތުރު ބަޔަކު ގޮވައިގެން ގޮސް ފްލެޓަށް ވަދެ، ފޭރުނު މީހުން ހޯދި ކަމަށް މަންޒަރު ދުށް ފަރާތަކުން "ސަން"އަށް ބުންޏެވެ.

އެއަށް ފަހު އެ ތިން މީހުންނާއި، އެ ފްލެޓުގައި ހުރި އިތުރު މީހަކު ފުލެޓުން ނެރެ، އޭގެ ތެރެއިން ތިން މީހެއްގެ ހެދުން ބާލުވައި، އެ މީހުން ޓަވަރުން ބޭރަށް ނެރެފައި ތިބި މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

މަންޒަރު ދުށް މީހާ "ސަން"އަށް ބުނި ގޮތުގައި ފުލުހުން ވަނީ އެ ހަތަރު މީހުން ހިފަހައްޓާފައެވެ.

ނަމަވެސް، މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

މީގެ ކުރިން، ހިޔާ ސަރަހައްދުގައި އަންހެނުންތަކެއް ދަޅަދައްކައިގެން ފޭރުނު މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފައިވާ މިހާތަނަށް ފުލުހުން ބުނެފައިނުވެއެވެ.

މީގެ އިތުރުން ވެސް މީހުން ރަހީނުކޮށްގެން ފޭރުމުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.