04 Jun 2024, 08:44
"ތިބާގެ ހިތުގައި އެހެން މީހަކަށްޓަކައިވާ ޖާގަ އިހުސާސް ކުރެވޭނީ އެމީހަކު ވަކިވެގެން ދިޔުމުންނެވެ. ކުރިން ދުވަހަކުވެސް ނުވާފަދަ ހުސްކަމެއް ހިތުގައި އިހުސާސްކުރެވުމުންނެވެ. އެފަދަ ބިރުވެރި އިހުސާސެއް ކުރެވޭނީ އެކަން ތަޖުރިބާ ކުރެވިފައިވާ މީހަކަށެވެ."
***
އުވެއިސް ގެ ގައިގާ އަލިފާނުގެ ހިލަހިލާ ޖަހައިފައި ވީ އިރު މުޅި ގައިގާ އަޅަމުން ދިޔަ ވޭނަށް ކެތްކުރެވޭނޭ ހިތްވަރެއް އެގަޔަކު ނެތް ފަދައެވެ. ވިސްނެމުންދިޔައީ އަމިއްލަ ނަފްސަށް އެހީވާނެ ފަރާތެއްގެ މަތީންނެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ތިމާގެ ރައްބެއް ވޮޑިގެންވާނެ ކަމަށް ވިސްނެންފެށުނެވެ. އެހެން ހުރިހާ އެއްޗެއް މިހާ ފުރިހަމަށް ހެއްދެވި ޚާލިގަކުވާނެއެވެ. މިއޮތްބޮޑު ކައުނުގެ ހުރިހާކަމެއް އެހާ ފުރިހަމަކަމާއެކު ހިނގާނީ އިލާހީ އޮނިގަނޑެއްގެ ތެރެއިން ނޫންހެއްޔެވެ؟ މި ވޭނުން ސަލާމަތް ކުރެވޭނޭ ބާރެއް ހުންނާނެ ކަމަށް ގަބޫލުކުރެވެމުން ދިޔައެވެ. މަދީނާގެ ދީނީ ވާހަކަތައް ހަނދާނައް ގެނެވުނެވެ.
" ރައްބު...ރައްބު......" އުވެއިސް ގެ އަނގައިން އެ ލަފްޒު ބޭރުކުރެވުނީ ވައި އަޑަކުންނެވެ. ﷲގެ ނަންފުޅުން ގޮވަން ނޭގުނީ ޖާހިލު ކަމުން ނަމަވެސް އެ ހިތުގައިވި ނިޔަތް ސާފެވެ. އޭނައަށް އެހެން ބުނެވުމާއެކު ވޭނާއި އުދަގޫތަކަށް ލުއި ލިބުނު ހެން ހީވެން ފެށިއެވެ. ގަދަކަމުން ނަމަވެސް މަދީނާ ކިޔަވާ އާޔަތްތައް ހަނދާނަށް ގެނައުމަށް މަސައްކަތް ކުރިއެވެ.
"قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ"
"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފު ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲއީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."
މަދީނާ މުސައްލަ މަތީގައި އިނދެ އެންމެ ގިނައިން ކިޔާ އެއް އާޔަތަކީ އެއީއެވެ. ޒުމަރު ސޫރަތުގެ ފަންސާސް ތިންވަނަ އާޔަތެވެ. އެ އާޔަތް ކިޔާއިރު އަބަދުވެސް އެ ލޮލުން ކަރުނަ ހިލައެވެ. މަދީނާގެ ފަރާތުުން އެނގުނު ގޮތުގައި އެއީ ރަޙްމަތުގެ އާޔަތެވެ. މާތް ﷲ ގެ އެއްވެސް އަޅަކު އެކަލާނގެ ރަޙްމަތުން ބޭރުވެގެން ނުވާކަމުގައިވާ ފުރިހަމަ ދަލީލެވެ. އެއީ ކިތަންމެ ބޮޑު ފާފައެއް ކޮށްފައިވިނަމަވެސް މެއެވެ.
އުވެއިސް ގެ ގައިން ހީވީ އަލިފާނުގެ ކަސްތޮޅު އުފުލުނު ހެންނެވެ. ގައިގާ އަޅަމުން ދިޔަ ވޭނުން އެއްކޮށް މިނިވަންވީއެވެ.ބާރުވެރި ފަރާތެއް ވާކަން ޔަގީން ކުރެވުނެވެ. ހައިރާންވެ އަވަހަށް ސަޖިދަ އަށް ތިރިވެވުނެވެ. ފުރތަމަ ވެސް ދުޢާ ކުރެވުނީ ތެދުމަގަށެވެ. މި ކަނު އަނދިރިން ސަލާމަތުގެ އައްސޭރިޔަށް ނިކުމެވޭނޭ މަގެއް ދެއްކެވުމަށް އެދެވުނެވެ. ކުއްލިއަކަށް ހިމަ އަލި ރޮނގެއް ފާޅުވެ އަލި ކުރެވި ދިގު ރާސްތާއެއް ފެންނަން ފެށިއެވެ. ޖެހިލުންވި ނަމަވެސް ހިތުން ބަރާސޯކުރަމުން ދިޔައީ މާތް ﷲ ގެ މަދަދަށެވެ. އެ ރާސްތާއިން ހިނގަމުން ނިކުމެވޭނީ ރައްކާތެރި އައްސޭރިއަކަށް ކަން ހިތުގެ އަޑިން ގަބޫލުކުރެވުނެވެ. ހަމ ވީވެސް އެހެންނެވެ. އޭނައަށް ނިކުމުވުނީ ބަގީޗާ އެކެވެ. މާމެލާ މެލީގެ ސާފު ވަޔަށް ނިކުމެވެމުން މިއީ އަސްލު ކަން ގަބޫލުކުރަން ފަސޭހައެއް ނުވިއެވެ. އެތަނުން ފެންނާން ފެށީ ހުދު ހެދުމުގައި ހުރި އިސްތަށިގަނޑު ބުޅިވެފައި އިސްކޮޅުން ދިގު ސޫރައެއްގެ ވެރިއެކެވެ. ޖެހިލުންވެފައި ހުރެވެސް އުވެއިސް ކުރިޔަށް ދިޔައެވެ.
***
ބާނިސް އަލްޕްސްގެ މެދުތެރޭގައި އޮންނަ ގްރިންޑްލްވަލްޑްއަށް ފަތިސްވިކަން އިއުލާންކުރީ ފަތިހުގެ ފުރަތަމަ އަލީގެ ދޯދިތަކުން އަވަށުގެ ހުރިހާ ތަނެއް ފެންވަރުވައިލުމުންނެވެ. ގަދަ ވަޔާއި އެކީ ތާޒާ ސްނޯ ޖައްވަށް މަރުހަބާ ކިޔަމުންދިޔައީ ޕައިންގެ ލުއި މީރު ވަސް ފަތުރަމުންނެވެ. ވާދީ ތަކުގެ މަތީގައި ހުރި ފެން ފަށަލަ ނާޒުކު ބިއްލޫރިންފަދައިން ގަނޑުވެފައިވީ ނަމަވެސް އެ ވާދީތަކުގައި ދައުރުވަމުންދާ ކޯރުތަކުގެ ހަމަހިމޭން ފެނުގެ އަސަރު ފުސްކޮށް ފެންނަމުން ދިޔައެވެ. ފަރުބަދަ ހިސާބެއް ކަމުން މުޅި އަވަށް އެކީގައިހެން އެ އުސްމިނުން ފެންނަން ހުއްޓެވެ. އުރުޖުވާން އަށް ބަލަހައްޓައިގެން ހުރެވުނީ އެ ހުވަފެނީ ރީތި މަންޒަރުތަކަށެވެ. ބަލާ ބަލާ ފޫހިވުމެއް ނެތެވެ. ކޮންމެ ކަމަކުން ހިތަށް ވަންނަނީ ﷲގެ ކުޅަދުންވަންތަކަމެވެ. އޭނައަށް ދެއްވާފައިވީ ނިއުމަތްތަކެވެ.
ކުއްލިއަކަށް ސިހިގެން ދިޔައީ ކޮންމެވެސް ދިމާލަކުން ފަރަހްގެ ހުނުމުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.
ފަރަހް އާއި ފަހަދް ގެ އެދުމަށް އައި ތަނެއް ނަމަވެސް މިއީ މާޒިމް ވެސް އުރުޖުވާން ގޮވައިގެެން އަންނަން ރާވާފައި އޮތް ތަނެކެވެ. އަދި ޒެލްޑާ އަކީ މިހިސާބުގައިވެސް އެމިހުން ޓުއަރިސްޓް ވިޔަފާރި އޮންނަ ތަނެއް ކަމުން އޭނާ ވެސް މި ދަތުރުގައި ބޭނުންވީ އެއިން ކޮޓެޖް އެއްގައި އުރުޖުވާން މެން ބަހައްޓައިދިނުމަށެވެ. އޭނާވެސް މިދަތުރުގައި ބައިވެރިވިއެވެ.
" މައި ޗައިލްޑް....ވަޓްސް ވޮރީންގް ޔޫ..." ޒެލްޑާ ގެ އޯގާތެރި އަޑުން އުރުޖުވާން އެނބުރި ބަލައިލިއެވެ. ޒެލްޑާއަށް ވެސް އުރުޖުވާން ގެއްލިފައި ގިނަވަގުތު އިންނަކަން ފާހަނގަވެއެވެ. ފިކުރު ބޮޑުވެ ނުތަނަވަސްވެފައި އިންނަކަންވެސް އޭނަ ދެނެގަތެވެ. އެކަން އޮޅުންފިލުވަން ސުވާލުކޮށްލަން ޖެހުނީވެސް އެހެންވެއެވެ.
" އާންޓީ....އަޅެ އަހާލަންތަ ސުވާލެއް؟" އުރުޖުވާން ފުން ނޭވާ އެއް ދޫކޮށްލިއެވެ. ޒެލްޑާ ވެސް އަވަހަށް ބޯ ޖަހައިލަމުން އުރުޖުވާން ގެ އަތުގައި ހިފަމުން ކުޑަކޮށް އެކަހެރި ވެލަން ހިނގައިގަތީ އެކުޑަ ގޭގެ ޕޯޓިކޯއާއި ދިމާލަށެވެ. ފިނި މޫސުމްކަމުގައި ވިޔަސް ބައެއް މާ ގަސްތައް ވަށިތަކުގައި ހައްދާލާފައިވިއެވެ. ސްނޯ އިން ފުރިފައި ނަމަވެސް ފިނިފެންމާގަހުން މަޑު ފިޔާތޮށި ކުލަތައް ފާޅުވާން ހުއްޓެވެ. އުރުޖުވާން ގެ ތުންފަތަށް ލުއި ހިނތުންވުމެއް ވެރިވެ އެ އެއިން މަލެއް ބިނދެލިއެވެ.
" ހީވޭތަ މާޒިމް އަހަންނަށް ދެރެއެއް ދީފާނެހެން؟" އޭނަ މަލުގައި ހުރި ސްނޯކޮޅޮތައް އޯގާތެރިކަމާއެކު ފޮހެލިއިރު ލޮލުގައި ކަރުނަތިކިތައް ވިދައެވެ.
" އޮފްކޯޒް ނޮޓް....." ޒެލްޑާއަށް އުރުޖުވާންގެ ގައިގައި ބައްދާލެވުނެވެ. ޒެލްޑާ ވެސް ހުރީ ހާސްވެ ކަންބޮޑުވެފައެވެ. އެފަދަ ސުވާލެއް އުރުޖުވާންގެ ހިތަށް އެރީ ކީއްވެކަންވެސް ނަގައިނުގަނެވުނީ ދެމަފިރިން އުޅޭލެއް ލޯބިކަމުންނެވެ.
" ކީއްވެ...." ޒެލްޑާއަށް ހައިރާންކަމާއެކީ އަހާލެވުނެވެ. ޒެލްޑާއަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުން ހަގީގަތް ކިޔައިދޭން ބޭނުންވިއެވެ. ފަރަހް އާއި މާޒިމް އާއި މެދު ދެކެވުނު ވާހަކަތައް ކިޔައިދިންއިރު އަދި ފަރަހް ގެ އުޅުން ކުރިން ހުރި ގޮތް ވެސް ކިޔާލަދެވުނެވެ. އެވާހަކަތައް ހިއްސާކުުރެވުމުން އުރުޖުވާންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.
" ނުބުނަން މިހުންނަނީވެސް....އެ ފަރަހް އަކީ އެހާ ރަނަގޅު ކުއްޖެއް ހެން ހިޔެއްނުވޭ..ވަރަށް ވިސްނައިގެން އުޅެންވާނީ....އެކަމަކު....މާޒް...މާޒިމް ހީނުވޭ އުރުޖުވާން އަށް އެއްވެސް ކަހަލަ ދެރައައެއް ދީފާނޭހެންނެއް....ވެދާނެ އެއްނު އެއީ ހޮސްޕިޓަލުގެ ސިއްރުތަކެއް ކަމަށްވެސް....މިސާލަކަށް ޕޭޝަންޓެއްގެ....." ޒެލްޑާ އަށް ހީވި ގޮތް ކިޔައިދެވުނެވެ.
" އުރޫޖް ހަމަ ބިރުގަންނަނީ....ވެދާނެ ފުރަތަމަ ފަހަރަށް ލޯބިވެވުނީމަ ކަމަށް...." އުރުޖުވާން ސަކަ ގޮތަކަށް ހީލިއެވެ. ޒެލްޑާއަށް ވެސް ހެވުނީ އުރުޖުވާންގެ މައުސޫމުކަން ފެނިއެވެ. ނަމަވެސް ފަރަހް ގެ ވާހަކަ ދައްކާލެވުމުން އުރުޖުވާން ކުރެންވެސް ކަމެއް އޮޅުންފިލުވަން ޒެލްޑާ ބޭނުންވިއެވެ.
" ފަރަޙް ބަނބޮޑު ދޯ...." ޒެލްޑާގެ ސުވާލުން އުރުޖުވާން ގެ ލޯ ބޮޑުވިއެވެ. ހަމަ ގައިމުވެސް ފަރަހް އެއީ އަދި ކައިވެންޏެއް ކޮށްފައިވާ މީހެއް ނޫނެވެ. ފަހަދް އާއި އެކީ އެއް ކޮޓަރީގައި އުޅުނަސް ވެސް އެ ދެމީހުންނަކީ ދެމެފަރިން ކަމެއް ކަމަށް އުރުޖުވާން އަކަށް އެނގިފައެއް ނުވެއެވެ.
" ނުވާނެ....އަދި މެރީ ވެސް ނުކުރޭ..." އުރުޖުވާން ލޯ ބޮޑު ކޮށްލާ ސިއްރު ސިއްރުން ބުނެލިއެވެ. ޒެލްޑާއަށް ހެވުނެވެ. އަދި ހުނުން ކޮންޓްރޯލް ކުރަންވެސް އުނދަގޫ ވިއެވެ.
" ދެން އަޅެ...އުރޫޖް ވެސް ދޯ....ކައިވެނި ކުރީމަތަ...." ޒެލްޑާގެ ޖުމްލަ ފުރިހަމަ ނުވަނީސް އަވަހަށް އުރުޖުވާން ކަންފަތުގައި އަތް އެޅިއެވެ. އުރުޖުވާންގެ ލަދުވެތިކަން އިންތިހާއެވެ. އެވަގުތު މާޒިމް ވެސް ދުވެފައި ކަހަލަ ގޮތަކަށް އުރުޖުވާން މެން ތިބި ހިސާބަށް އަންނަތަން ފެނުނެވެ. މާޒިމް ފަހަތުން ފަރަހް ދުއްވައިގަންނަން އުޅުމުން ފަހަދް އެ އަތުގައި ހިފެހެއްޓިއެވެ.
" ތިހާ ބާރަށް ނުދުވެބަލަ......އަވަ ޗައިލްޑް...." ފަހަދްއަށް ބުނެވުނެވެ.
"ކިހާ ދެރަކަމެއް......ތިހެން ނޫޅޭށޭ.....ފަހަދް ގެ ދަރިޔަކަސް އަހަރެން ބޭނުންވަނީ މިއީ މާޒިމްް ގެ ދަރިއެއް ކަމުގައި ހަދަން.....މި ދަރި ދުނިޔޭގައި ހުރުމަށް އެދެންޏާ ތި ފާޑު ފާޑު ވައްތަރު ނުޖައްސާ ހުރޭ...." ފަރަހް ރުޅި ވެރި ކަމާއެކު ވާހަކަދެއްކިއެވެ. އަދި އެ އަތް ފޮޅާލައި މޫނު މައްޗަށް އެޅިފައިވީ އިސްތަށިކޮޅުތައް ދުރުކޮށްލިއެވެ. ފަހަދް ހުރީ ބަސްހުއްޓިފައެވެ.
މާޒިްމް އައި އިރުވެސް އުރުޖުވާން އިނި ލޯ ފިތައި ބާރުކޮށްލައިގެން ކަންފަތް މަތީ އަތް އަޅައިގެންނެވެ. ޒެލްޑާ އަވަހަށް މަޑު ފިޔަވަޅުތަކުގައި ދުރަށް ޖެހިލައި މާޒިމް އަށް ތަން ދިނެވެ. މާޒިމް ގެ އަތުގައި ވި އަންގި ނެގުމަށް ފަހު އުރުޖުވާން ގެ މަޑު ކޯތާފަތުގައި ބީހިލިއެވެ.
" މާޒް...." އުރުޖުވާން ލުއި ހިނތުންވުމެއްގައި ބުނެލިއެވެ.
" އަދި ލޯ ނުހުޅުވައްޗޭ....." މާޒިމް އެދުނެވެ. އަދި އުރުޖުވާން ގެ ގައިގާ އޮޅާލަދިނީ ޕަޝްމީނާ އެކެވެ. އޭގައި ރީތި މަޑު ފިޔާތޮށިކުލައެއް ހުރިއިރު ޑިޒައިން ހުރީ ޗެރީ ބްލޮސޮމް އިންނެވެ.
" ވާވް... ކިހިނެއް އެނގުނީ އުރޫޖް މިކަހަލަ ޕަޝްމީނާ ސްކާވްސް ގެންގުޅޭކަން؟" އުރޫޖް ގެ ލޮލުގައި ހުރި ކަރުނައާއެކު ހިނިތުންވެލިއެވެ. އަދި އެ ފޮތިގަނޑުގައި މަޑު މަޑުން އަތް ބީއްސާލިއެވެ.
" އެއީ ނުބުނަން ބުނި ވާހަކަ......" މާޒިމް ބުނެލީ އުރުޖުވާން ގެ ލޮލަށް ބަލަހައްޓައިގެން ހުރެއެވެ. ހީވީ އުރުޖުވާންގެ ހިތުގައިވީ ޝައްކުތައް ދެނެގަތް ހެންނެވެ.
" ތި ބުނީ...." އުރުޖުވާން އަށް އެއީ ކޮން ވާހަކައެއްކަން އެނގި ހުރެވެސް ރަކި ނުވާން ބުނެލިއެވެ.
" މިބުނީ ފަރަހް ކައިރީ ދެއްކި ވާހަކަ.....އުރޫޖް އެކަމާ ވަރަށް ވިސްނާކަން އެނގޭ....ކީއްވެ އަހާނުލީ؟" މާޒިމް ބޭނުންވީ އުރުޖުވާން ގެ ހިތުން ޝައްކު ފިލުވުމަށެވެ. ނަމަވެސް އެއީ ފަރަހް އާއި ދެކެވުނު ވާހަކައިގެ އެއްބައެވެ. ފެނުނު ހުވަފެން ކިޔައިދޭން ބޭނުންވިޔަސް މިވަގުތު އެވާހަކަ ދައްކައި މޫޑު ޚަރާބު ކޮށްލާކަށް މާޒިމް ބޭނުން ނުވީއެވެ.
" ސޮރީ.....އިޓްސް ޖަސްޓް....ބައެއް ފަހަރު މާޒް ގެއްލިދާނެ ކަމަށް ބިރުގަންނާތީވެ....." އުރުޖުވާން އޭނާގެ ހިތުގައި ވި ކަންތައް އިތުރަށް ފޮރުވުމުގެ މާނައެއް ނެތް ކަމުގައި ވިސްނުނެވެ. މާޒިމް އެވަގުތު ބިންމަތީން އޮފް ގާކޮޅެއް ނަގައި އޭގައި މިއަދުގެ ތާރީޚް ލިޔެ ހުރި ތަނުގެ ނަން ވެސް ލިޔުނެވެ. އެއީ މާޒިމް ހުރިހާ ތަނަކަށް ގޮސް ކުރާ ކަމެއް ކަން އުރުޖުވާން އަށް ފާހަގަ ވިއެވެ.
" ގެއްލިދާނެ....މާ ދޫ ދީގެން ދުރުގަ ހުންނަންޏާ. އެއީ ދިރިއުޅުމުގެ ހަގީގަތް. އިތުބާރުވެސް ކުރަންވާނެ......" މާޒިމް ވަރަށް މަޖާވެފައި ކިޔާލިއެވެ. އުރުޖުވާން ފުރަތަމަ ސިއްސައިގެން ދިޔަ ނަމަވެސް އެއީ މާޒިމް ސަމާސާ ކުރަނީ ކަން އެނގުނެވެ.
"ހޫން...ދެން މާޒް ވެސް..." މާޒިމް ގެ މުލައްދަނޑީގައި ހިފަމުން އުރުޖުވާން ވެއްޓިގަތީ މާޒިމް ގެ ކޮނޑު މައްޗަށެވެ. އަދި އެހާ ދުރުން ނަމަވެސް ލޮލަށް ސާފު ވާ ހިސާބުގައި ތިބި ފަރަޙް އަދި ފަހަދް އަށް ބަލައިލެވުނެވެ.
" ފަރަހް....." އެ ސުވާލުކުރަން އުޅެފައިވެސް އޭނަ ވަގުތުން ޚިޔާލު ބަދަލުކޮށްލިއެވެ. ފަރަހް އަދި ބަލިވެއިން ކަމުގައިވިޔަސް މާޒިމްއަށް އެނގެން ވީ ކީއްވެހެއްޔެވެ؟ އެކަން އެނގޭނީ ފަހަދްއަށެވެ. އެހެން ނޫނަސް އެފަދަ ވާހަކައެއް އުރުޖުވާންގެ ދުލުން ބުނުމަކީ މީހަކަށް ދެރައެއް ދިނުން ކަމަށްވެސް އަމިއްލަ ނަފްސަށް ގަބޫލުކުރެވުނެވެ. އަދި މާޒިމް ގާތުގައި ފަރަހް ގެ ވާހަކަ ދެއްކުމަށް ވެސް ހިތް ދެކޮޅުހެދިއެވެ.
" ކިހިނެއްވީ؟" މާޒިމް އަހައިލީ ކެމެރާ ނަގަމުންނެވެ.
" ޕިސް....ކަމެއް ނުވޭ....." އުރުޖުވާން އަވަހަށް ފޮޓޯ ނެގުމަށް ހީލިއެވެ. އަދި ދެމީހުން އަތުގުޅާލައި ހިނގައިގަތީ އެތަނުގައި ފެންސް ޖަހާފައި ހުރި ހިސާބަކަށެވެ. އެތާ ތިރިން މުޅި އަވަށުގެ ރީތިކަން ފެންނަން ހުއްޓެވެ. ސްނޯ ވެހިފައި އޮތަސްވެސް އެ ބިންގަނޑުން ކޮންމެވެސް ވަރަކަަށް ފެހި ކަން ފެންނަން ހުއްޓެވެ.
" މަދީނާގެ ޚަބަރެއްވެސް ނުވޭ.....އެއްވެސް ފޮޓޯއެއްވެސް ނެތް ބަލާފަ..." އުރުޖުވާން ޝަކުވާ ކުރިއެވެ. މާޒިމް ވެސް އެކަމާ ހުރީ ކަންބޮޑުވެފައެވެ. އަނެއްކާ މަދީނާ ބަލިވީ ބާއޭވެސް ހިތަށް އެރިއެވެ. އޭނަ ކަންބޮޑުވީވަރުން އަވަހަށް ކެނާން އަށް ފޯނު ކުރިއެވެ. ރޭންޖް ދަށްވާތީވެ އެކި ދިމަ ދިމާއަށް ފޯނު ހިފައިގެން އެނބުރުނެވެ. އުރުޖުވާން އަށް މަންޒަރު މަޖާ ވެ ވީޑިއޯ ކުރަމުންދިޔައެވެ.
ނުނިމޭ