ވޮޝިންޓަން (ޖޫން 15) : އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ މަޤްބޫލުކަން ބައިނަލްއަޤްވާމީ ފެންވަރުގައި ވަރަށް ބޮޑަށް ދަށަށް ހިނގައްޖެކަން ޚިޔާލު ހޯދުމުގެ ސަރވޭއަކުން ހާމަވެއްޖެއެވެ.

އެމެރިކާގެ ޕިޔޯ ރީސާޗް ސެންޓަރުން ދާދިފަހުން ކުރި ޚިޔާލު ހޯދުމުގެ ސަރވޭއަކުން ދައްކާގޮތުން އޮބާމާގެ މަޤްބޫލުކަން ދަށަށްގޮސް އޭނާއަކީ ނާކާމިޔާބު ބޭފުޅެއްކަމަށް ޤަބޫލުކުރާމީހުންގެ ނިސްބަތް ދުނިޔޭގައި މހާރުވަނީ ވަރަށް މައްޗަށް ގޮސްފައެވެ. އޮބާމާގެ މަޤްބޫލުކަން ދަށަށް ދިޔުމުގެ ފަހަތުގައިވާ ސަބަބުތަކުގެ ތެރޭގައި އޭނާގެ އަމުރަށް އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުތަކުން ޕާކިސްތާނާއި އަފްޣާނިސްތާނާއި ޔަމަނާއި ސޮމާލިޔާފަދަ އިސްލާމީ ޤައުމުތަކުގެ އާންމުން ދިރިއުޅޭ ތަންތަނަށް ޙަމަލާދީ ޢާންމުންމަރަމުން ގެންދިޔުން ހިމެނޭކަން މިސާވޭން ހާމަވެއެވެ.

ސަތާރަ ޤައުމެއްގެ ރައްޔިތުންގެ މެދުގައިކުރި މިސަރވޭގައި ގިނަބަޔަކު ބުނެފައިވަނީ އެމެރިކާ ސިފައިން ހިންގަމުންގެންދާ އާންމުން މެރުމުގެ އަނިޔާވެރި ޢަމަލުތައް އޮބާމާގެ ވެރިކަމުގައި އިތުރުވެގެންގޮސްފައިވާ ކަމުގައެވެ. އޮބާމާގެ މިއަނިޔާވެރި ޢަމަލުތަކަކީ އަލްޤާޢިދާ އާއި ޓެރަރިސްޓުން ނައްތާލުމުގެ ޢަމަލުތަކެއްގެ ގޮތުގައި އެމެރިކާގައި ސިފަކުރެވޭއިރު އޮބާމާގެ ޢަމަލުތަކަކީވެސް ޓެރަރިސްޓުން ހިންގާފަދަ ކުށެއްނެތްމީހުން ގަސްދުގައި މެރުމުގެ ޢަމަލުތަކެއް ކަމަށް ޕާކިސްތާން ފަދަ ޤައުމުތަކުގައި ސިފަކުރެވެމުންދާކަން މިސަރވޭން ހާމަވެފައިވެއެވެ.

ޕިޔޯ ސެންޓަރުގެ މިސާވޭގެ ނަތީޖާ ދައްކަގޮތުން ޕާކިސްތާނު ރައްޔިތުންގެ މެދުގައި އޮބާމާގެ މަޤްބޫލުކަންވަނީ 33 ޕަސެންޓުން ހަތް ޕަސެންޓަށް ވެއްޓިފަ އެވެ. އަދި އެނޫން އިސްލާމީ ޤައުމުތަކުގައި އޮބާމާގެ މަޤްބޫލުކަންވަނީ 33 ޕަސެންޓުން 15 ޕަސެންޓަށް ވެއްޓިފައެވެ.

ހަނގުރާމައާއި ތަޅާފޮޅުމުގެ ސިޔާސަތުތަކެއް ގެންގުޅުއްވައި ދުނިޔޭގައި ބިރުވެރިކަން އުފެއްދެވި އެމެރިކާގެ ކުރީގެ ހަރުކަށި ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ދައުރުނިމި އެމެރިކާގެ ވެރިކަމަށް އޮބާމާ ވަޑައިގަތުމުން ދުނިޔޭގެ ގިނަބަޔަކު އޮބާމާއަށް ތާއީދުކުރީ ދުނިޔެއަށް ސުލްޙައާއި ހަމަޖެހުން ގެނަސްދޭނެ ކަމުގެ ފޮނި އުންމީދުތަކެއްގަ އެވެ.
މީގެތެރޭގައި ޕާކިސްތާންފަދަ އިސްލާމީ ޤައުމުތަކަށް ޙަމަލާދީ އެމެރިކާ ކުރިޔަށްގެންދިޔަ މީހުންމެރުމުގެ ޢަމަލުތައް ހުއްޓާލައި ފަލަސްތީނުގެ މައްސަލަ ޙައްލުކުރުމަށްޓަކައި އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރާނެ ކަމުގެ ފޮނި އުންމީދުތަކެއްގައި ކަމަށާ ނަމަވެސް އޮބާމާއާމެދު ކުރި އެއުންމީދުތައް މިހާރު ފެނަށްވެގެން ގޮސްފައިވާކަން މިސަރވޭން ހާމަވެފައިވެއެވެ. ޚާއްސަކޮށް ފަލަސްތީނުގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރުމުގައި އޮބާމާވަނީ މުޅިން ފޭލްވެވަޑައިގެންފައިކަން އިސްލާމީ ޤައުމުތަކުގެ ރައްޔިތުންގެ ގިބަބަޔަކު ޤަބޫލުކުރާކަން މިސަރވޭން ހާމަވެފައިވެއެވެ.

އިސްލާމީ ޤައުމުތަކުގެ އިތުރުން ޔޫރަޕްގެ ޢާންމުންގެ މެދުގައިވެސް އޮބާމާގެ މަޤްބޫލުކަން 78 ޕަސެންޓުން 40 ޕަސެންޓަށް ދަށަށްގޮސްފައިވާކަން މިސާވޭން ދައްކަ އެވެ.