ވާޗުއަލް ދުނިޔެއެއްގައި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މަސައްކަތްކުރާ ޑޮކްޓަރުންނާއި ބަލި މީހުން ހިމެނޭ 'އޭއައި ހޮސްޕިޓަލް ޓައުން'އެއް ޗައިނާގައި ހުޅުވައިފިއެވެ.

ސިންހުއާ ޔުނިވާސިޓީގެ ސައިންސްވެރިން އުފެއްދި މި ވާޗުއަލް ދުނިޔޭގެ މަގުސަދަކީ އޭއައި ސިސްޓަމްތަކުން ސިމިއުލޭޓެޑް ޕޭޝަންޓުންނާއި ސިނާރިއޯތަކާ މުއާމަލާތްކޮށް، އާޓިފިޝަލް ޑޮކްޓަރުންގެ މެޑިކަލް އިލްމާއި ގާބިލްކަން އިތުރުކުރެވޭނެ މާހައުލެއް ގާއިމުކުރުމެވެ.

"އޭއައި ހޮސްޕިޓަލް ޓައުންއަކީ މެޑިކަލް ޕްރޮފެޝަނަލުންނާއި އާންމުންނަށް ވެސް ވަރަށް މުހިންމު ތަނެއް، މިކަމުގެ ސަބަބުން އޭއައި ޑޮކްޓަރު އެޖެންޓުންނަށް ސިމިއުލޭޓެޑް މާހައުލެއްގެ ތެރެއިން ތަމްރީނު ކުރުމުގެ ފުރުސަތު ފަހިކޮށްދެނީ މިނިވަންކަމާ އެކު ތަރައްގީވެ ބަލިތަކަށް ފަރުވާ ދިނުމުގެ ގާބިލްކަން އިތުރުކުރެވޭނެ ގޮތަށް." ރިސާޗަރު ލިއު ޔަންގް ގްލޯބަލް ޓައިމްސްއަށް ވިދާޅުވިއެވެ.

"އޭޖެންޓް ހޮސްޕިޓަލް"ގެ ނަންދީފައިވާ މި ވާޗުއަލް މެޓްރޮޕޮލިސްގައި ހުރިހާ ޑޮކްޓަރުންނާއި ނަރުހުންނާއި ޕޭޝަންޓުންނަކީ އިންސާނުން ފަދަ މުއާމަލާތްތަކާއި ވިސްނުމުގެ ގާބިލުކަން ލިބިފައިވާ ބޮޑެތި ލާޖް ލެންގުއެޖް މޮޑެލްތަކުން ބާރުލިބޭ އިންޓެލިޖެންޓް ސޮފްޓްވެއާ އެޖެންޓުންނެވެ.

ލިއު ވިދާޅުވި ގޮތުގައި މި އޭއައި ޑޮކްޓަރުންނަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި 10،000 ސިމިއުލޭޓެޑް ޕޭޝަންޓް ކޭސް އެސެސްކޮށް ފަރުވާ ދެވޭނެއެވެ.

ވާޗުއަލް ހޮސްޕިޓަލް ޓައުންގައި އޭއައި ޑޮކްޓަރުން ތަމްރީނުވުމުގެ އިތުރުން، ހަގީގީ ދުނިޔޭގެ ސިއްހީ ޚިދުމަތްތެރިންނާއި ދަރިވަރުންނަށް ވެސް މި ޕްރޮގްރާމްއިން ބޮޑެތި ފައިދާތަކެއް ލިބޭނެއެވެ. އެގޮތުން މެޑިކަލް ސްޓާފުންނަށް ވާޗުއަލް ޕޭޝަންޓުންނަށް ފަރުވާ ދިނުމުގައި ރައްކާތެރިކަމާއެކު އެކްސްޕެރިމެންޓް ކުރެވޭއިރު، އިންސާނުންނަށް ގެއްލުމެއް ނުލިބި ބަލި ދެނެގަތުމާއި ފަރުވާގެ ޕްލޭންތައް ދަރިވަރުންނަށް ޕްރެކްޓިސް ކުރެވޭނެއެވެ.

"ތަފާތު އޭއައި ޕޭޝަންޓް ކޭސްތައް ސިމިއުލޭޓް ކޮށްގެން ދަރިވަރުންނަށް ޔަގީންކަމާ އެކު ފަރުވާގެ ޕްލޭންތައް ހުށަހަޅައި، ހަގީގީ ޕޭޝަންޓުންނާ މުއާމަލާތް ކުރުމުގެ ކުރިން ތަޖުރިބާ ހޯދޭނެ،" ލިއު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ނިޒާމުގެ ތެރެއިން، ބަލިފެތުރުން ފަދަ ހަގީގީ ދުނިޔޭގައި ދިމާވާ މެޑިކަލް ސިނާރިއޯތައް މޮޑެލްކޮށް އަންދާޒާކޮށް، ސިއްހީ އިދާރާތަކަށް ރެސްޕޮންސް ޕްލޭންތައް އެކުލަވާލުމަށް އެހީތެރިވެދެވޭނެއެވެ.

ހަ މަސް ދުވަސް ވަންދެން ތަރައްގީ ކުރުމަށް ފަހު ސިންހުއާ ޓީމުން އުންމީދު ކުރަނީ މިހާރު ހިނގަމުންދާ، އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި އޭއައި ހޮސްޕިޓަލް ޓައުން ޕްރެކްޓިކަލް އެޕްލިކޭޝަންތަކަށް ތައްޔާރުވާނެ ކަމަށެވެ.

ޞިއްޙީ ޚިދުމަތުގައި އޭއައި ބޭނުންކުރުމާ ގުޅޭ ގޮތުން ކަންބޮޑުވުންތައް އަދިވެސް ހުރި ނަމަވެސް، މި އާ ޑިޖިޓަލް މާހައުލަކީ މެޑިކަލް ތަމްރީނުތައް ހަލުވިކޮށް، ބަލި މީހުންނަށް ފަރުވާ ދިނުން ރަނގަޅުކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ސައިންސުވެރިން ދެކެއެވެ.